ކުޅިވަރު

އެންޓި ޑޯޕިން އެޖެންސީ މިނިވަން ބޯޑެއްގެ ދަށަށް


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފައްދަވާ އެއެޖެންސީގެ މަސައްކަތް ކުރިއަށްދާނީ މިނިވަން ބޯޑެއްގެ ދަށުންކަމަށް ކަނޑައަޅުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) ގެ 38ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވާ އެކަން އިއުލާންކުރައްވާފައިވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.

މިދިޔަ އަހަރުގެ މޭމަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވި ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ދަށުން، އުފެދިގެން އައި މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީވެގެންދާނީ ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން ކަށަވަރު ކޮށްދޭނެ އެޖެންސީއަކަށެވެ.

މިކަން އިއުލާންކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައިވާގޮތުން، މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ ހިނގަމުންދާނީ ޤާނޫނު ނަންބަރު 30/2015 ގެ 38ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފަދައިން، ކުޅިވަރުގެ މައިދާނުގައި މަނާ ބޭސް ބޭނުންކުރުން ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަނޑައެޅޭ މުސްތަޤިއްލު ބޯޑެއްގެ ދަށުންކަމަށް ބަޔާންކުރައްވާފަވެއެވެ.

މީގެ ކުރިން ކުޅިވަރު ވުޒާރާގެ އިންސްޓިޓިއުޓެއްކަމަށްވާ އެމްއެންއައިއެސްގެ ބެލުމުގެ ދަށުން ހިންގަމުން އައި މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ، މުސްތަޤިއްލު ބޯޑެއްގެ ދަށަށް ދިޔުމުން އެއެޖެންސީގެ އެއްވެސް ކަމަކަށް ނުފޫޒު ފޯރުވުމުގެ ބާރެއް ސަރުކާރަކަށް އަދި އިތުރު އެއްވެސް އިދާރާއަކަށްވެސް ލިބިގެންނުދާނެކަމަށް ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވާފައެވެ.

މިކަމުގެ ސަބަބުން އިންސާފުވެރިކަމާއި އެކު ހަމަހަމަގޮތެއްގައި އެތުލީޓުންނަށް ފުރުސަތުތައް ފަހިވެގެންދާންދާއިރު، މިތަން ވެގެންދާނީ ޔުނެސްކޯ ކޮންވެންޝަންގެ އިތުރުން ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) ގެ އެންޓި ޑޯޕިން ކޯޑާއި އެއްހަމައެއްގައި ކުރިއަށްދާނެ އެޖެންސީއަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކުޅިވަރު ހަރަކާތްތައް ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ބައްޓަން ކުރުމުގައި މިކަން ބޮޑު މުހިންމު ދައުރެއް އަދާކުރާނެކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

"މިކަމުގެ ސަބަބުން ރާއްޖޭގެ ކުޅިވަރު ހަރަކާތްތައް ބައްޓަންވެގެންދާނީ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް" ވަޒީރު ވިދާޅުވިއެވެ.

ޔުނެސްކޯ ކޮންވެންޝަންގެ އިތުރުން ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) ގެ އެންޓި ޑޯޕިން ކޯޑާއި އެއްގޮތަށް މަސައްކަތް ކުރުމަށް ބިލެއް ފާސްކޮށްފަވަނީ ކުޅިވަރުގެ މަނާބޭސް ބޭނުންކުރުމާއި ދެކޮޅަށް 2003 ވަނަ އަހަރުގެ މާރޗުމަހުގެ 3 ވަނަ ދުވަހު ޑެންމާރކު ވެރިރަށް ކޯޕަންހޭގަންގައި ކުރިއަށްދިޔަ "ސެކަންޑް ވޯލްޑް ކޮންފެރެންސް އޮން ޑޯޕިން" ގެ ތެރެއިންނެވެ.

މި ބިލުގައި މިހާތަނަށް 191 ގައުމަކުން ސޮއިކޮށްފަވާއިރު ރާއްޖެއިން މިބިލުގައި ސޮއިކޮށްފަވަނީ 2010 ވަނަ އަހަރުގެ އޮކްޓޯބަރުމަގެ 14 ވަނަ ދުވަހުއެވެ.

މިބިލުގައި ވާގޮތުން ކޮންމެ ގައުމަކުންވެސް ޔުނެސްކޯ ކޮންވެންޝަނާއި އެއްގޮތަށް އަމަލުކުރުމަށް ލާޒިމުކުރާއިރު، އެގައުމެއްގައި އެންޓި ޑޯޕިންގެ މަސައްކަތް ކުރިއަށްދާގޮތާއި، ޕޮލިސީތަކާއި، ގަވާއިދުތަކުގެ އިތުރުން ބޭނުންވާނެ އެންމެހާ މައުލޫމާތުތައް ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އަށް ހިއްސާކުރުމަށްވަނީ ލާޒިމުކޮށްފައެވެ.