ޚަބަރު

ބަންގްލަދޭޝްއިން ފަހުވަގުތު ޖެހިލަނޑުތަކާއެކު ބޫޓާން އަތުން ޕޮއިންޓެއް ހޯދައިފި


މެޗުން ބަލިވާން ދަނިކޮށް ކަށިން ހިތްވަރުނެރެ ތަފާތު މޮޅު ކުޅުމެއް ދައްކައި ބަންގްލަދޭޝް އިން ބޫޓާނާ އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފިއެވެ.

ތައިލެންޑުގެ ބެންކޮކުގައި ހުންނަ ނޮންތަބުރީ ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ބޫޓާނުންނެވެ. މި ލަނޑު މެޗު ފަށައިގެން ފަސްވަނަ މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޑެކީ ލަޒޯމްއެވެ.

އެހެންނަމަވެސް އޭގެ ފަސް މިނެޓުފަހުން ސުމައްޔާ މަޓްސުޝީމާ ވަނީ ބަންގްލަދޭޝްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ސުމައްޔާ އަކީ ބޫޓާނުގެ އަންހެން ލީގުގައި ޕަރޯ އެފްސީއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އަދި އޭނާ އަކީ ރާއްޖޭގައި ބާއްވާ ކްލަބް މޯލްޑްވިސް ކަޕުގައިވެސް އެތައް ފަހަރަކު ކުޅެފައިވާކުޅުންތެރިއެކެވެ.

މެޗުގެ ފުރަތަމަ ހާފު 1-1 އިން އެއްވަރުވެފައި އޮވެ ނިމުނުއިރު ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ބޫޓާނުން ވަނީ ދެވަނަ ފަހަރަށް މެޗުގައި ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ، އޭގެ ތިން މިނެޓުފަހުން ބޫޓާނުގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދީ ލީޑުފުޅާކޮށްދިން ސޯނަމް ލާމޯއެވެ.

މެޗުން މޮޅުވާނެކަމުގެ ބޮޑު އުއްމީދެއްގައި ބޫޓާނުން ކުޅެމުންދަނިކޮށް ދެވަނަ ހާފުގެ 15 ވަނަ މިނެޓުގައި ސަބީނާ ޚާތޫން ވަނީ ބަންގްލަދޭޝްއަށް ފަރަގު ކުޑަކޮށްދީފައެވެ. ސަބީނާ އަކީ ވެސް މީގެކުރިން ރާއްޖޭގައި ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ.

މެޗުގައި އަނެއްކާވެސް ބަންގްލަދޭޝް އިން ނަތީޖާ ހަމަހަމަކުރީ އޭގެ އިރުކޮޅެއްފަހުން މަސޫރާ ޕަރްވީން ޖަހައިދިން ލަނޑާއެކުއެވެ.

މި ނަތީޖާއާއިއެކު މިވަގުތު މުބާރާތުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓު ހޯދާފައިވާ ނޭޕާލެވެ. ދެވަނައިގައި އޮތް ޕާކިސްތާނާއި ތިންވަނައިގައި އޮތް ބަންގްލަދޭޝްއަށް ވެސް ހަތަރު ޕޮއިންޓު ލިބިފައިވާއިރު ތަފާތަކަށް ވަނީ ފައިދާ ގޯލެވެ.

ތާވަލުގެ ހަތަރުވަނައިގައި އިންޑިއާ އޮތީ ކުޅުނު ހަމައެކަނި މެޗުން ތިން ޕޮއިންޓާއެކުއެވެ. ފަސްވަނައިގައި ބޫޓާން އޮތީ ދެ ޕޮއިންޓާއެކުއެވެ. ހަވަނައިގައި އެއް ޕޮއިންޓާއެކު ލަންކާ އޮތްއިރު ފުލުގައި ރާއްޖެ އޮތީ ޕޮއިންޓެއް ނުލިބިއެވެ.