ޚަބަރު

ޓީމުތައް ޖެހިލުންވެއްޖެ، ރާއްޖެއިން ވެސް ސަމާލުވާންޖެހޭ: ކޯޗު


ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ހުރިހާ ޓީމަކުން ވެސް މިހާރު ރާއްޖެ ދެކެނީ ސަރަހައްދީ ބާރެއްގެ ގޮތުގައި ކަމަށާއި ޓީމުތަކުން ރާއްޖެއާ މެދު މިހާރު ޖެހިލުންވާކަމަށް އަދި އެކަމުގެ ސަބަބުން ރާއްޖެއިން ވެސް ތައްޔާރީތަކެއް ވާންޖެހޭކަމަށް ޤައުމީ ފިރިހެން ފުޓްސަލް ޓީމުގެ ހެޑް ކޯޗު އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ބުނެފި އެވެ.

ތައިލެންޑުގައި ހުރެ "ޕީއެސްއެމް ނިއުސް" އަށް ދިން ޙާއްސަ ބަސްދީގަތުމެއްގައި ބުނީ، މި މުބާރާތަށް ހުރިހާ ޓީމުތަކުން ވެސް އައީ ވަރަށް ބޮޑަށް ތައްޔާރުވެގެންކަން ފާޙަގަކުރެވުނު ކަމަށެވެ. އަދި ރާއްޖެއިން މިހާތަނަށް ކުޅުނު ދެމެޗުގައި ވެސް ވަރަށް ޔަގީންކަމާއެކު ކުޅެ ނަތީޖާނެރުންކަން ފާހަގަކޮށް އޭނާ ބުނީ، މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދާނެކަމަށް ގަބޫލުކުރާ ކަމަށެވެ.

ދެ މެޗުގެ ނަތީޖާއަށް ބަލައި އިދިކޮޅު ޓީމުތަކުން ރާއްޖެ ދެކެނީ ފުޓްސަލްގެ ސަރަހައްދީ ގަދަބާރުގެ ގޮތުގައި ކަމަށާއި ރާއްޖެ ދެކެ އެ ޓީމުތަކުން ޖެހިލުންވާކަމަށް ވެސް ކޯޗު ބުންނެވެ. ކަން މިހެން އޮތުމުން، އިދިކޮޅު ޓީމުތަކުން ރާއްޖެއާ ދެކޮޅަށް ނުކުންނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެން، އެ ޓީމުތަކުގެ 100 އިންސައްތަ ދީގެންކަމަށާއި، އެކަމަށް ރާއްޖެއިން ވެސް ސަމާލުވެ، ރާއްޖޭގެ އެންމެފުރިހަމަ ކުޅުން ކުޅެންޖެހޭނެކަމަށް ކޯޗު ބުންޏެވެ.

"ކުރިއަށް އޮތް މެޗަށް ނުކުންނައިރު ރާއްޖޭގެ ކުޅުންތެރިންގެ ކޮންސެންޓްރޭޝަން ވަރަށް ރަނގަޅުވާންޖެހޭނެ. އެއީ އެހެން ޓީމުތަކުން މިހާރު ރާއްޖެ ދެކެނީ ސަރަހައްދީ ގަދަބާރުގެ ގޮތުގައި. އެމީހުން ރާއްޖެއާ ދެކޮޅަށް ކުޅޭނީ 100 އިންސައްތަ ދީގެން. އެކަމަށް ރާއްޖެއިން ސަމާލުވެ، ތައްޔާރުވާންޖެހޭނެ". ކޯޗު ފާރޫކް ބުންޏެވެ.

ކޯޗު އިތުރަށް ބުނީ، މި މުބާރާތުން ރާއްޖެ މޮޅުވެ، ތަށްޓާއެކު ޓީމު ރާއްޖެ ދާ ހިސާބުން ފެށިގެން ރާއްޖޭގައި ފުޓްސަލްއަށް އޭގެ ހައްގު މަގާމު ލިބޭނެކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަހަރެން ގަބޫލުކުރަނީ، ޗެމްޕިއަންކަން ހޯދައިގެއްޖެނަމަ ރާއްޖޭގައި ފުޓްސަލްއަށް އޭގެ އަސްލު މަގާމު ލިބޭނެކަމަށް. މިނީ ފުޓްބޯޅައެއް ނޫން. ފުޓްސަލްގެ ގޮތުގައި ރާއްޖޭގައި ފުޓްސަލް ބަލައިގަންނާނެ". ފުޓްސަލްގެ ގޮތުގައި ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކޮށް ކޯޗު ބުންޏެވެ.

ކޯޗު އިތުރަށް ބުނީ، ޓީމުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅަށް ދެނެގަނެވި، އެ ކަންކަމަށް މަސައްކަތްކޮށް ޓީމު އިތުރަށް ކުރިއެރުވޭނީ މުބާރާތަށް ފަހު ކަމަށެވެ. މިއީ ޓީމު މިހާރު އޮތް ހާލަތު ދެނެގަނެ، ކުރިއަށް ރަނގަޅުކުރަން ހުރި ކަންކަން ދެނެގަތުމަށާއި، މިހާރުން މިހާރަށް ރަނގަޅުކުރެވޭނެކަންކަން ރަނގަޅުކުރާނެ މުއްދަތެއްކަމަށް ވެސް އޭނާ ބުންޏެވެ.

ރާއްޖެ އަކީ މުބާރާތުގައި ވާދަކުރާ އެހެން ޓީމުތަކުުން ޖެހިލުންވާ ޓީމެއްކަން ކޯޗު ފާރޫކް ފާހަގަކުރިއިރު، މިހާތަނަށް ރާއްޖެއިން ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާއިރު، އެ ދެމެޗުން ޖުމްލަ 13 ލަނޑު ރާއްޖެއިން ކާމިޔާބުކޮށްފައިވެއެވެ. ބައިކޮޅަށް ވަދެފައި ވަނީ އެންމެ ދެ ލަނޑެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މުބާރާތުގެ މެޗުތަކުގައި ރާއްޖެ ޓީމުން ފުރަތަމަ ކުޅެން އަރާ ފަސް ކުޅުންތެރިން ވެސް މި މުބާރާތުގައި މިހާރު ވަނީ ގޯލު ޖަހާފައެވެ. އެއީ އެއްވަނަ ކީޕަރު ޒައިދާން ވެސް ހިމެނޭހެންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ ޕާކިސްތާނުގެ މައްޗަށް 1-7 އިން ކުރިހޯދާފައެވެ. އަދި ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވީ 1-6 ގެ ނަތީޖާއަކުންނެވެ.

ލީގު ތާވަލަށް ބަލާއިރު ރާއްޖެ އެއްވަނައިގައި އޮތީ ހަ ޕޮއިންޓާއި ފައިދާ 11 ގޯލާއެކުއެވެ.

މުބާރާތުގައި ރާއްޖެއަށް ދެން އޮތީ ވާދަވެރި އިންޑިއާއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެ މެޗު އޮންްނާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.