ކުޅިވަރު

ކީޕަރުގެ ތުވާލި މިހާ ބޮޑު މައްސަލައަކަށްވީ ކީއްވެ؟


ފުޓްބޯޅަ މެޗަކާއި ތުވާއްޔަކާ ކޮން ކަމެއް ހެއްޔެވެ؟ އެކަމަކު ހޯމަ ދުވަހުގެ ރޭ ކުޅުނު އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ފެނުނު އެންމެ ހާއްސަ އެއް ކަމަކީ ޗެމްޕިއަންކަން ހޯދި ސެންގާލްގެ ކީޕަރުގެ ތުވާއްޔާ ހެދި ކޯޅުނު މަންޒަރެވެ.

ސައޫދީ އަރަބިއާގެ އަލް އަހްލީ އަށް ކުޅޭ ސެނަގާލްގެ ކީޕަރު އެޑުއާޑް މެންޑީ ކޮންމެ މެޗެއްގައި ވެސް ހާއްސަ ތުވާއްޔެއް ގެންގުޅެ އެވެ. އެކި ކުލަކުލައިގެ ތުވާއްޔެވެ. މި ތުވާލީގެ ބޭނުމަކީ އޭނާގެ މޫނު މައްޗަށް އޮހޭ ދާތައް ފޮހުމަށާއި އަތުގެ ނުވަތަ އަންގީގެ ތެތްކަން ފިލުވާލުމަށް ދޭތެރެ ދޭތެރެއިން އަތް ނުވަތަ އަންގި ފޮހުމެވެ. އެކަމަކު ފައިނަލް މެޗުގެ ވަކި ހިސާބަކުން މި ތުވާލީގެ މައްސަލަ ހޫނުވެ ބޮޑު އަރައިރުމަކަށް ބަދަލުވި އެވެ.

އެންމެ ގިނަ ބަޔަކު ސުވާލު ކުރީ މެޗުގެ ފަހު ވަގުތުތަކުގައި ކަޅު ކުލައިގެ ޖެކެޓެއްގައި މެންޑީގެ ތުވާލި ހިފައިގެން ގޯލު ފުރަގަހުގައި ހުރީ ކާކުތޯ އެވެ؟ އެއީ ތުވާލި ބަލަހައްޓަން ސެނަގާލްއިން ހަމަޖައްސާފައިހުރި ސެކިއުރިޓީ އެއް ކަމަށް ވެސް އެއްބަޔަކު ބުންޏެވެ. ހަގީގަތުގައި ވެސް އެއީ ކާކު ހެއްޔެވެ؟

އެ މީހަކީ ސެނަގާލްގެ ބަދަލު ކީޕަރު ޔެހްވާން ދިއޫފެވެ. އޭނާ ގޯލު ފުރަގަހަށް ދިޔައީ އަމިއްލަ އަށެވެ. ތުވާލި އަތަށް ނަގައިގެން މަޑުކޮށްގެން ހުރީ މެންޑީ ބޭނުންވެއްޖެ ހިނދެއްގައި ވަގުތުން ތުވާލި ފޯރުކޮށްދިނުމަށެވެ. ތުވާލީގެ މައްސަލަ ބޮޑުވީ ވެސް ބަދަލު ކީޕަރު އެތަނުގައި މަޑުކޮށްގެން ހުރުމުންނެވެ. އެންމެ ފުރަތަމަ އޭނާގެ މަސައްކަތަށް ހުރަސް އަޅަން ކުރިމަތީގައި ގޮސް މުޑިއެއްހެން ހުއްޓިގަތީ މޮރޮކޯގެ މިޑްފީލްޑަރު އިސްމާއީލް ސައިބާރީ އެވެ. ފުރަތަމަ 11ގައި ކުޅެން ކުޅެން ނުކުން ކުޅުންތެރިޔާ ބަދަލު ކުރުމުން ބެންޗުގައި މަޑުކުރުމުގެ ބަދަލުގައި ގޮސް ހުރީ ތުވާލި ކީޕަރަށް ލިބުނަ ނުދޭން ހުރަސް އެޅުމަށެވެ.
ތުވާލީގެ މައްސަލަ ބޮޑު ކަންތައްގަނޑަކަށް ބަދަލު ކޮށްލީ ސައިބާރީ ހުއްޓައި، ސެނަގާލްގެ ބަދަލު ކީޕަރު ދުވެފައި ދަނޑަށް އަރައި މެންޑީ އަށް ތުވާލި ދިނުމުންނެވެ.

އޭގެ ފަހުން ދެން ފެނުނީ ދަނޑުގައި ބޯޅަ ހޮވަން ތިބި މޮރޮކޯގެ ކުދިން ސެނަގާލްގެ ބަދަލު ކީޕަރު އަތުން ތުވާލި އަތުލަން އުޅުނު މަންޒަރެވެ. އެ ކުދިން އޭނާގެ ގައިގައި ބައްދައިގަތުމުން ބަދަލު ކީޕަރ ދަނޑު މައްޗަށް ވެއްޓުނެވެ. ދެން ފެނުނީ ތެދުވެ އެ ކުދިންނާއި ކުރިމަތިލައިގެން ހުރެ ތުވާލި ހިފައިގެން ފަހަތަށް ދުވަން ފެށިތަނެވެ. ބޯލްބޯއީސް އޭނާ ފަހައި މެދު ރޮނގާ ހަމައަށް ގެންދިޔަ އެވެ. މި ދުވުމުގައި ފަހުން ސެކިއުރިޓީ އޮފިސަރަކު ވެސް ބައިވެރިވި އެވެ.

މިއަށްފަހު ބަދަލު ކީޕަރު ގޯލު ފުރަގަހުން ފޮނުވާލުމުން ތުވާލި އޮތީ ގޯލު ދާގަނޑު ކައިރީގައި ބިންމަތީގައި ބާއްވާފަ އެވެ. އެކަމަކު ދެ ވަނަ ފަހަރަށް ތުވާލީގެ މައްސަލަ ގޯސްވީ ރެފްރީ މެޗު ހުއްޓާލުމުން މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ ގޮސް ތުވާލި ނަގައި އިސްތިހާރު ބޯޑުތަކުގެ ފަހަތަށް އެއްލާލުމުންނެވެ.

އެ ވަގުތު ބާރަށް ދުވަފައި ގޮސް އިސްތިހާރު ބޯޑު މަތިން ފުއްމާލައި، ތުވާލި ހިފައިގެން އައިސް ކީޕަރަށް ދިނީ މޮރޮކޯގެ ޑިފެންޑަރު ހާޖީ ދިއޫފެވެ. ހަކީމީގެ މި އަމަލާމެދު ހިތްހަމަ ނުޖެހިގެން މެންޑީ އޭނާއާ ކުރިމަތިލި އެވެ. ހަމަޔަކަށް އެޅުވީ ދެ ޓީމުގެ ކުޅުންތެރިން ވެގެންނެވެ.

މެޗަށް ފަހު ބަދަލު ކީޕަރު ޔެހްވާން ވަނީ މި ވާހަކަ ކިޔައިދީފަ އެވެ. އޭނާ ބުނީ ތުވާލި ހިފައިގެން ހުރީ ބިންމަތީގައި އޮންނައިރު ކުޅުންތެރިން ތުވާލި އެއްލާލާތީ ކަމަށެވެ.

"މި ހިނގައިދިޔަ ކަންތައް ބުނެދޭން ބުނާނެ ރަނގަޅު ބަސްތަކެއް އަހަރެންނަކަށް ނުވިސްނޭ. އެ ތުވާލި؟ އަހަރެންނަށް ހަގީގަތުގައި ވެސް ލިބުނީ ޝޮކެއް އެ މީހުން އަހަރެން އަތުން ތުވާލި އަތުލަން އުޅުމުން،" ބަދަލު ކީޕަރު ބުންޏެވެ.

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މޮރޮކޯ ބަލިވި ފައިނަލް މެޗުގައި ހިނގައިދިޔަ މި ތުވާލީގެ ކަންތައްގަނޑު ގިނަ ބަޔަކަށްވީ ބޮޑު މަޖަލަކަށެވެ. އިއްޔެ އާއި މިއަދު ވެސް ސޯޝަލް މީޑިއާގައި މެޗާ ގުޅުވައިގެން އެންމެ މަޖާކޮށް ދައްކާ ވާހަކަ އަކީ މިއީ އެވެ.