ޚަބަރު

12 ހާހެއްހާ ފުލެޓްގެ މަސައްކަތް މިއަހަރު؛ ފުރަތަމަ މަޝްރޫޢު މިމަހު


  • ފުރަތަމަ މަސައްކަތް ފަށާނީ ބީއެމްއެލްއާ ހަވާލުކޮށްފައިވާ 3300 ޔުނިޓް

  • ފްލެޓްތައް އަޅަނީ ހުޅުމާލެ އަދި ވިލިމާލޭގައި

މިއަހަރުގެ ތެރޭގައި 12 ހާހެއްހާ ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މީގެތެރޭގައި ހިމެނޭ ފުރަތަމަ މަޝްރޫޢުގެ މަސައްކަތް، މިމަހު ފަށާނެކަމަށެވެ.

ޕީއެސްއެމް ނިއުސް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވަޒީރު ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުއަށް ފްލެޓްތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާގޮތުގެ ތަފްސީލްތައް ޙިއްސާކުރަވާފައެވެ. ވަޒީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތްގޮތުން ބޭރުގެ ލޯނުތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވިކަމަށެވެ. މިއީ ރާއްޖޭގެ ބޭންކްތަކުގެ އެހީގައި މި މަސައްކަތް ކުރަން ޖެހުނު ސަބަބުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ބީއެމްއެލްއާ ހަވާލުކޮށްގެން 3272 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ ޕްރޮޖެކްޓެއް ފަށާފައެވެ. ކުރިން ހަވާލުކުރީ 3000 ޔުނިޓް ތަރައްޤީކުރުމަށް ނަމަވެސް، ފަހުން މި ޢަދަދު ވަނީ ބޮޑުކޮށްފައެވެ.

ވަޒީރު ވިދާޅުވީ މި މަސައްކަތުގައި ހިމެނެނީ ވިލިމާލޭގައި ތަރައްޤީކުރާ 312 ހައުސިން ޔުނިޓާއި، ހުޅުމާލެ ފޭސް1ގައި ތަރައްޤީކުރާ 546 ޔުނިޓާއި ހުޅުމާލެ ފޭސް3ގައި ތަރައްޤީކުރާ 2414 ޔުނިޓްކަމަށެވެ.

ވަޒީރު ވިދާޅުވީ ބީއެމްއެލްއަށް މިކަމަށްޓަކާ ސަރުކާރުން ހިލޭ ބިން ހަމަޖައްސައިދީ، އަދިވެސް އެހެނިހެން ލުއިތައް ދީފައިވާކަމަށެވެ. މީގެ ބޭނުމަކަށްވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ މިންގަޑުތަކުގެ ދަށުން، ސަރުކާރުން ކަނޑައަޅާ ހެޔޮ އަގުތަކެއްގައި އަތްފޯރާފަށުގައި ރައްޔިތުންނަށް މި ތަންތަން ލިބޭނެ މަގު ފަހިކުރުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޢަމަލީ މަސައްކަތް ފަށާ މަޝްރޫޢުކަމަށެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅެއްތެރޭ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްފަހު، ސަރުކާރުގެ ޢަމާޒަކީ 2 އަހަރުތެރޭގައި މި ފްލެޓްތަކުގައި މީހުން ދިރިއުޅެން ދޫކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"5-6% ކުޑަ ޕްރޮފިޓް މާޖިންއެއްގައި ބޭނުންކުރަން މި މަސައްކަތް ކުރަނީ. މި 3300 ޔުނިޓްގެ މަސައްކަތް ބާރަށް ކުރިއަށްދޭ. މި މަސައްކަތުގެ ސައިޓް މަސައްކަތް މިމަހު ފަށާނެ. 2 އަހަރުން މަސައްކަތްތައް ނިންމާ މީހުން ވެއްދޭނަކަމަށް އުއްމީދަކީ." ވަޒީރު ވިދާޅުވިއެވެ.

މުއްޠަލިބް ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 4000 ޔުނިޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، އެ ފްލެޓްތައް ތަރައްޤީކުރާނީ ގުޅިފަޅުގައިކަމަށެވެ. އެކަމާ ގުޅޭ ލިޔެކިޔުންތަކުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެކަމުގެ ޢަމަލީ މަސައްކަތް އަހަރުގެ މެދުތެރޭގައި ފައްޓަވާނޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ސަރުކާރުގެ ޢަމާޒަކީ މިއަހަރުގެ ތެރޭގައި 12000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުން. މިއީ އެހެން އެއްވެސް ސަރުކާރެއްގައި ފްލެޓް މަސައްކަތް ނުގެންދާ މިންވަރެއް. އިސްކަން ދެނީ 3 ކޮޓަރިގެ ޔުނިޓްތަކަށް. ސަރުކާރުން މިދަނީ ބޯހިޔާވަހިކަމުގެ މަސައްކަތްތަކަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެއްވެސް އިންޓްރެސްޓަކާ ނުލާ ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖެއަށް ދޭ ލޯނުގެ ދަށުން، 500 ޔުނިޓް ތަރައްޤީކުރުމާއި ގުޅޭ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ.

ހުޅުމާލޭގައި 400 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ސަޢުދީ ފަންޑުގެ އެހީވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ހުޅުމާލޭގައެވެ.

ވަޒީރު ވިދާޅުވީ ބޭރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގައިވެސް، ސަރުކާރުގެ ޢަމާޒަކީ މި ވެރިކަމުގެ ތެރޭގައި އެތަންތަން ހަވާލުކުރުންކަމަށެވެ. އަދި ދިރިއުޅެން ވަދެވޭވަރަށް މަސައްކަތް ނުނިމުނުނަމަވެސް، ރައްޔިތުންނަށް ޔަގީންކަން ލިބޭވަރަށް އަދި އެތަން ލިބުނު ފަރާތަށް ޤާނުނީގޮތުން ކަށަވަރުވާވަރަށް މަސައްކަތްތައް ނިންމާނެކަމަށް ވަޒީރު ވިދާޅުވިއެވެ.