ޚަބަރު

ޗާގޯސްގެ ހައްގުކަން މޮރިޝަސްއަށްވުރެ ބޮޑީ ރާއްޖެއަށް: ރައީސް


  • މިމައްސަލައިގައި ރާއްޖެއިން ވަކާލާތުކުރާ ކަންކަމާއި ހުރި ކަންބޮޑުވުން އިނގިރޭސި ސަރުކާރާ ވަނީ ހިއްސާކޮށްފައި

  • ރާއްޖެއާއި ޗާގޯސްއާއި ދެމެދު ތާރީޚީ ގޮތުންވެސް އަދި ޖިއޮގްރަފީގެ ގޮތުންވެސް ގާތްގުޅުމެއް އޮވޭ

އިނގިރޭސިވިލާތުން ޗާގޯސް، މޮރިޝަސްއާއި ހަވާލުކުރިނަމަވެސް އެތަން ލިބުން އެންމެ ޙައްގު ޤައުމަކީ ދިވެހިރާއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާވަނީ މީގެކުރިންވެސް އެކި ޕްލެޓްފޯމްތަކުގައި މިވާހަކަ ތަކުރާރުކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "އެކްސްޕްރެސް"އަށް ދެއްވި އިންޓަރވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޗާގޯސް ރާއްޖެއަށް ލިބުން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޙައްގުކަން ބޮޑުކަމަށެވެ. މޮރިޝަސްއަށްވުރެ ރާއްޖެއާއި ޗާގޯސް އޮންނަ ސަރަޙައްދު ޖިއޮގްރަފިކަލީ ގާތްވުމާއި، ރާއްޖެއާއި ޗާގޯސްއާ ދެމެދު ތާރީޚީ ވަރުގަދަ ގުޅުމެއް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ޗާގޯސް ރާއްޖެއަށް ޤާނޫނީގޮތުން ލިބުން މާއައުލާކަން ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ އިންޓަރވިއުގައިވަނީ އެކިފަހަރުމަތިން އިނގިރޭސި ސަރުކާރާއެކު މިމައްސަލައިގައި ދިވެހި ސަރުކާރުން މަޝްވަރާކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. ތަފްސީލު މިވަގުތު ހާމަކުރެވެން ނެތްނަމަވެސް މިމައްސަލައިގައި ރާއްޖެއިން ދެކޭގޮތާއި ރާއްޖޭގެ ކަންބޮޑުވުން އިނގިރޭސި ސަރުކާރަށް ސާފުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު ރާއްޖެއިންވާނީ މިމައްސަލައިގައި ރާއްޖެއިން ވަކާލާތުކުރާ ކަންކަމާއި ހުރި ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާއި ރަސްމީކޮށް ހިއްސާކޮށްފައި. މިވަގުތަށް މިމައްސަލައާއި ގުޅިގެން އިތުރުކަމެއް ހާމަކުރެވެން ނެތް ރާއްޖެއަށް ޗާގޯސްގެ ޙައްގުކަން ބޮޑުކަމަށް ތަކުރާރުކޮށް ބުނުން ފިޔަވާ." ރައީސް ވިދާޅުވިއެވެ.

"އެކްސްޕްރެސް" ނޫހަށް ދެއްވި އިންޓަރވިއުގައި ރައީސްވަނީ މިމައްސަލައިގެ ތެރޭގައިވެސް އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރުނާރާނެކަމަށް ވިދާޅުވެފައެވެ.

"ޗާގޯސްއާއި ރާއްޖެއާ ދެމެދު ތާރީޚީ ގުޅުންތަކެއްވޭ. މި ގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާން ހުރި ހެކިތަކެއް. އެހެން އެއްވެސް ޤައުމަކަށް ވުރެ ބޮޑަށް މި ޖަޒީރާތަކުގެ މައްޗަށް ދައުވާ ކުރުުމުގެ ހައްގު ރާއްޖެއަށް އޮތް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ މި މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވިކަން، 2024ގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ހާމަކުރައްވާފައެވެ.

ރާއްޖެއާއި ޗާގޯސްއާއި ދެމެދު 310 މޭލު ހުންނައިރު އިނގިރޭސިން މިހާރު ޗާގޯސް ހަވާލުކޮށްފައިވާ މޮރިޝަސްއާއި ޗާގޯސްއާއި ދެމެދު 1300 މޭލު ހުރެއެވެ.

ދިވެހިން "ފޯޅަވަހި" ކިޔާ ޗާގޯސްގެ ރަށްތަކާއި ދިވެހި ރަށްތަކާއި އެއްގޮތްކަން ބޮޑު ކަންތައްތަކެއް ހުންނައިރު ރާއްޖޭގެ ތާރީޚުގައި ފޯޅަވަހީގެ ވާހަކަތައް ގިނަކަން ފާހަގަކުރެވެއެވެ. ރާއްޖެއިން މިކަމުގައި ވަކާލާތުކުރާ ކަންކަމުގެ ތެރޭގައި މޮރިޝަސްއަކީ 17 ވަނަ ޤަރުނާހަމައަށް މީހުން ވަޒަންވެރިވެ އުޅުނު ތަނަކަށްނުވާއިރު ރާއްޖެއަކީ ދައުލަތެއްގެ ގޮތުގައި މީހުން ރަށްތަކެއްގެ މައްޗަށް ބެހި އާބާދުވެގެން ދިރިއުޅެމުން އަންނަތާ 4000 އެއްހާ އަހަރުވެފައިވާ ޤައުމެކެވެ.

ޗާގޯސް މައްސަލައިގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން 2019 ވަނަ އަހަރުވަނީ ޗާގޯސް މޮރިޝަސްއާއި ހަވާލުކުރުމަށް ނިންމަވާފައެވެ. މިއަށްފަހު ކުރެވުނު ގިނަ މަޝްވަރާތަކަށްފަހު އިނގިރޭސިވިލާތުންވަނީ ޗާގޯސް މޮރިޝަސްއަށް ދޫކޮށްލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކެމްޕޭންގެ ތެރޭގައިވަނީ ޗާގޯސް އެއީ ރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްކުރައްވާނެކަމަށް ވަޢުދުވެވަޑައިގަންނަވާފައެވެ.