ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެއެވެ.
މިމަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމަށް ސަރުކާރުންވަނީ ބޮޑު ޑްރެޖަރެއްވެސް ގެނެސްފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކުރުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަޅުތެރެ ހިއްކުމަށް ނިންމާ އެމަސައްކަތް ފެށީ، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. 3 މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމަޝްރޫޢުގެ ދަށުން ފުރަތަމަ ދެ މަރުޙަލާގެ ބިން ހިއްކުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ، ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއެވެ.
އެކި ސަބަބުތަކާއެކު މިމަޝްރޫޢުގެ މަސައްކަތް މަޑުޖެހެމުން ދިޔުމުގެ ސަބަބުން ސަރުކާރުންވަނީ، މަސައްކަތް އަވަސް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ޙަވާލުކޮށްފައެވެ. އަލުން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ، ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މަސައްކަތް އިތުރަށް އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ފެށީ، ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.
ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް އެމްއޭސީއެލްއިން ވަނީ، 22000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ބޮޑު ޑްރެޖަރެއް ކަމަށްވާ، ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރު ބޭނުން ކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. ސަރުކާރުން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަކަށް ގާތްގަނޑަކަށް 2 މަހެއްހާ ދުވަހުގެ ތެރޭގައި 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިންމާލާފައެވެ.
މިމަސައްކަތް ނިމުމާއެކު އެސަރަޙައްދުގެ ޕްލޭނާ އެއްގޮތަށް، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން އޮތީ ނިންމާފައެވެ. ހަމަ އެއާއެކު އިންކަނޑާ ވަކިކުރެވޭ ވަރަކުން ގޯތި ޙަވާލުކުރުމުގެ މަސައްކަތް މިޖެނުއަރީ މަހުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު އެސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި މިހާރުވަނީ ގުރުއަތުލުން ބާއްވާފައެވެ. އެސަރަޙައްދުން 7 ސައިޒެއްގެ ބިން ދިނުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ޖުމްލަ 698 ގޯތި ދޫކުރާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން މިސަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތް ނިމި، އަވަހަށް ގޯތި ލިބިގެން ދިޔުމަކީ އެސަރަޙައްދުން ގޯތި ލިބުނު ފަރާތްތަކުން އެދިއެދި ތިބި ކަމެކެވެ.