ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ އަންހެނުންގެ ޑިވިޝަން ކާމިޔާބުކޮށް، ބަންގްލަދޭޝް އިން ސަރަހައްދީ ފުޓްސަލްގެ ތާރީޚުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝް އިން ހޯދީ، ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެގެންނެވެ. ބަންގްލަދޭޝަށް މޮޅު ނުވެވެނީ ހަމައެކަނި ބޫޓާނާ ދެކޮޅަށް ކުޅެއެވެ. ބޫޓާނާ ބަންގްލަދޭޝްގެ ކުރިމަތިލުންވީ 3-3 އިން އެއްވަރެވެ.
މުބާރާތުގައި ބަންގްލަދޭޝް ވަނީ ހަ މެޗުން 16 ޕޮއިންޓު ހޯދާފައެވެ.
މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝްއަށް ކަށަވަރުވީ، ފަހު މެޗުގައި ރާއްޖެ އަތުން ހޯދި ބޮޑު މޮޅާއެކުއެވެ. ރާއްޖެ އަތުން ބަލިވި ނަމަ ނުވަތަ އެއްވަރުވި ނަމަ ބަންގްލަދޭޝްއަށް، ފަހު މެޗުގައި ބޫޓާން ނެރޭ ނަތީޖާއަކަށް އިންތިޒާރުކުރަން ޖެހުނީހެވެ.
މުބާރާތުގައި ބަންގްލަދޭޝްގެ ފުރަތަމަ މެޗުގައި އިންޑިއާ އަތުން 3-1 އިން މޮޅުވިއިރު، ދެވަނަ މެޗުގައި ބޫޓާނާ 3-3 އިން އެއްވަރުވީއެވެ. ތިންވަަނަ މެޗުގައި، ނޭޕާލް އަތުން 3-0 އިން މޮޅުވެ، ހަތަރުވަނަ މެޗުގައި، ސްރީ ލަންކާ އަތުން 6-3 އިން މޮޅުވިއެވެ. އަދި، ޕާކިސްތާން އަތުން ބަންގްލަދޭޝް ވަނީ 1-9 އިން މޮޅުވެފައެވެ.
ފަހު މެޗުގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވީ 2-14 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝްއިން ހޯދިއިރު ރިހި މެޑަލް ހޯދީ އިންޑިއާއިންނެވެ. އަދި ލޯ މެޑަލް ހޯދީ ބޫޓާނުންނެވެ.