ޚަބަރު

އައިޓީއެފް ޑިވެލޮޕްމެންޓް ޗެމްޕިއަންޝިޕް: ކަންޒާ ރޭންކިންގެ 8 ވަނައަށް


  • ކަންޒާ ވަނީ ފުރަތަމަ ހަފްތާގެ ސިންގަލްގައި ވާދަކޮށް ކުއާޓާރ ފައިނަލާއި ހަމައަށް

  • މި މުބާރާތުގެ ދެވަނަ ހަފްތާގެ ކުޅުން މިއަދު ވަނީ ފަށާފަ

ކެމްބޯޑިއާގައި ކުރިޔަށްދާ 14 އަހަރުން ދަށުގެ އައިޓީއެފް ޑިވެލޮޕްމެންޓް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ކަންޒާ އިސްމާއިލް ފުރަތަމަ ހަފްތާގައި ރޭންކިންގެ 8 ވަނައަށް އަރައިފިއެވެ.

ކަންޒާ ވަނީ ފުރަތަމަ ހަފްތާގެ ސިންގަލްގައި މޮޅުކުޅުމެއް ދައްކާ ކުއާޓާރ ފައިނަލާއި ހަމައަށް ދަތުރުކޮށްފައެވެ. ފުރަތަމަ ބުރުގައި ކަންޒާ ވާދަކުރީ ޕިލިޕީންސްގެ ޓޮރެކަމްޕޯއާއެވެ.

ދެވަނަ ބުރުގައި ކަންޒާ ވާދަކުރީ ޓިމޯ ލެސްޓޭގެ ސޯރެސް އޮފެލިއާއާއި ދެކޮޅަށެވެ. އެހެންނަމަވެސް ކުއާޓާ ފައިނަލުގައި ވިއެޓްނާމުގެ ޓޯ ބިންހް އަތުން 6-0، 6-1 ގެ ނަތީޖާއަކުން އޭނާ ވަނީ ބަލިވެފައެވެ.

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އިސްރާ އާރާ އިބްރާހީމް ޝަފީއު ސިންގަލްސް ޑްރޯގެ ފުރަތަމަ ބުރުގައި ވާދަކުރީ މުބާރާތުގެ އެއްވަނައަށް ސީޑްކޮށްފައިވާ މޮންގޯލިއާގެ އައިސްސަތާ އަޑަމާއާއެވެ. އެމެޗުން އިސްރާ ބަލިވީ 0-6، 0-6 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އިސްރާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އައިސްސަތާ އަމަންޑާއަކީ އެއްވަނަ ހަފްތާގެ ފައިނަލްގައި ކުޅެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާއެވެ.

ސިންގަލްސްގެ ފުރަތަމަ ބުރުގައި އަލްސަން ސާމީ މުހައްމަދަށް 'ބާއި' އެއް ލިބުމުން އޭނާ ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އަލްސަންއަށް ދެވަނަ ބުރުގައި ކުޅެން ޖެހުނީ މުބާރާތުގެ ހަތަރުވަނައަށް ރޭންކް ކޮށްފައިވާ ޕިލިޕީންސްގެ އަލްދެމިތާ އެލެކްސީއާއެވެ. އަލްސަންވެސް ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ. އެހެންނަމަވެސް އެ މެޗު ޕިލިޕީންސް ކުޅުންތެރިޔާ ގެންދިޔައީ 1-6، 0-6 ންނެވެ.

ރާއްޖޭގެ ޔޫސުފް ޒާއިން މުހައްމަދު ސަލާމް ސިންގަލްސްގެ ފުރަތަމަ ބުރުގައި ވާދަކުރީ މުބާރާތުގެ 5 ވަނައަށް ސީޑް ކޮށްފައިވާ ޓިމޯ ލެސްޓޭގެ ޖޮވައިނާ މާޓިސްއާއި ދެކޮޅަށެވެ. ޔޫސުފްވެސް މޮޅު ކުޅުމެއް ދައްކާފައިވާއިރު އެމެޗުން 0-6، 6-0 ން މޮޅުވެގެން ދެވަނަ ބުރަށް ދިޔައީ ޓިމޯ ލެސްޓޭގެ ކުޅުންތެރިޔާއެވެ.

ޒާއިން ވަނީ 13 ވަނަ ހޯދާފައެވެ. އަލްސަން ވަނީ 14 ވަނަ ހޯދާފައެވެ. މި މުބާރާތުގެ ދެވަނަ ހަފްތާގެ ކުޅުން މިއަދު ވަނީ ފަށާފައެވެ. މި މުބާރާތުގައި 16 ގައުމު ބައިވެރިވެއެވެ.