މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މިއަހަރަށް ލަފާކުރާ 14 މިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފިއެވެ.
މިއަހަރު އެކި ގޮތްގޮތުން ލިބޭނެކަމަށް އަންދާޒާ ކުރާ މި ބަޖެޓް ފާސްކުރީ އެ އެސޯސިއޭޝަނުން އާދިއްތަދުވަހުގެ ރޭ ހެންވޭރު ބޯޅަގޭގައި ބޭއްވި އަހަރީ އާންމު ޖަލްސާގައެވެ.
ވޯޓުލެވޭ 13 މެންބަރުންނާއެކު ކޯރަމް ހަމަކޮށްގެން ކުރިޔަށް ގެންދިޔަ މި ޖަލްސާގައި އެމްބީބީއޭއިން މިއަހަރަށް ކަނޑައަޅާފައިވާ 14،360،121.33 (ސާދަ މިލިއަން ތިން ލައްކަ ފަސްދޮޅަސްހާ އެއްސަތޭކަ އެކާވީސް ރުފިޔާ ތެއްތިރީސް ލާރި) ގެ ބަޖެޓް ހުށަހެޅުއްވީ އެސޯސިއޭޝަނުގެ ނައިބު ރައީސް އަލީ އިބްރާހިމެވެ.
ހުރިހާ މެންބަރުންގެ އިއްތިފާގުން މި ބަޖެޓް ފާސްކޮށްފައިވާއިރު މިއަހަރު އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ އައިބީސީ ވޯލްޑް ޓުއާރގެ ތެރެއިން ރާއްޖެއިން ހޯސްޓުކުރުމަށް މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޕްރޯއާއި، ގައުމީ ލީގަށެވެ.
އަދި އެތުލީޓުން އުފެއްދުމަށް ހިންގާ ގައުމީ ތަމްރީނު ޕްރޮގްރާމް، ހުދުފޮނު އަދި ޓެކްނިކަލް ގޮތުން ކުރިއެރުންތައް ހޯދުމާއި އިދާރީ ހިންގުމާއި ގުޅޭ ކަންކަމަށް މި ބަޖެޓުން ބޮޑު ހޭދައެއް ކުރާނެއެވެ.
ނެޝަނަލް ސްޕޯޓްސް ކައުންސިލާއި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން މަންދޫބުން ބައިވެރިވި މި ޖަލްސާގައި މިދިޔައަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ ފައިނޭންޝަލް ސްޓޭޓްމެން ހުށަހެޅުންވެސް އޮތެވެ.
އެމްބީބީއޭއިން ވަނީ އަހަރީ އާންމު ޖަލްސާގައި އެ އެސޯސިއޭޝަނުން މިއަހަރަށް ރާވަފައިވާ ކަންކަން މެންބަރުންނާއި ހިއްސާކޮށްފައެވެ.
މި ޖަލްސާގައި ވާހަކަދައްކަމުން އެމްބީބީއޭގެ ރައީސް ހުސެއިން ނިޒާމް (ނިޒޯ) ވަނީ މިދިޔަ އަހަރުގެ ކާމިޔާބީތައް ފާހަގަ ކުރައްވާފައެވެ. އޭގެތެރޭގައި ގައުމީ ލީގާއި ބޮޑީބޯޑަރުން އުފެއްދުމަށް ހިންގި ޤައުމީ ހުދުފޮނު ޕްރޮގްރާމުގެ ކުލިނިކުތައް ނ. ޅޮއްސާއި ށ. ކަނޑިތީމުގައި ކާމިޔާބުކަމާއެކު ބޭއްވުނުކަން ފާހަގަކުރެއްވިއެވެ.
އަދި އެ ޕްރޮގްރާމަށް ރަށްރަށުންނާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާއި ސްޕޮންސަރުން ދިން އެހީތެރިކަން ފާހަގަކޮށް ނިޒާމް ވަނީ އެފަރާތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާ ވަނީ ހުދުފޮނު ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށް އެސޯސިއޭޝަނުން ގެންގުޅޭ ތަސައްވަރު ހާމަކުރައްވާފައެވެ.