މިއަހަރު ރާއްޖޭގައި އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން (އެފްއައިވީބީ) ލެވެލް 2 ގެ ކޯޗިން ކޯހެއް ހިންގުމަށް ނިންމާފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފިއެވެ.
ވޮލީގައި ކޯޗުންނާއި ޓެކްނިކަލް މީހުން ބިނާކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން އެކި ފުރުސަތުތައް ހޯދައިދިނުމަށް ވީއޭއެމްއިން ކޮންމެ އަހަރަކުވެސް މަސައްކަތް ކުރާއިރު، މިއަހަރު ބާއްވާ އެފްއައިވީބީ ލެވެލް 2 ގެ ކޯޗިން ކޯސް އޮންނާނީ، ނޮވެމްބަރުމަހު މާލޭގައެވެ. ވީއޭއެމްގެ އަމާޒަކީ ވީހާވެސް ގިނަ ދިވެހި ރެފްރީން ތަމްރީނުކޮށް ވަކިން ހާއްސަކޮށް އަންހެން ރެފްރީންގެ އަދަދު އިތުރުކުރުމެވެ.
ވީއޭއެމްއިން ވަނީ މިދިޔަ އަހަރު އެފްއައިވީބީ ކޯޗިން ކޯސް ލެވެލް 1 މާލޭގައި ކާމިޔާބުކަމާއެކު ބާއްވާފައެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން (އެފްއައިވީބީ) ގުޅިގެން މާލޭގައި ކުރިޔަށް ގެންދިޔަ އެ ކޯހުގައި ކޯހުގައި ޖުމްލަ 45 ބައިވެރިން ބައިވެރިވެއެވެ. އެކޯހުގައި ބައިވެރިވީ އިންޑިއާއިން 13 ބައިވެރިން، އެމެރިކާ، ޖަޕާން އަދި ސްރީލަންކާގެ 3 ބައިވެރިންނާއި ރާއްޖޭގެ 29 ބައިވެރިންނެވެ.
ރާއްޖޭގެ ރެފްރީން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރެފްރީކަންކުރުމުގެ ފުރުސަތުތައްވެސް ހޯދަމުން އަންނައިރު ވޮލީގެ ޓެކްނިކަލް އޮފިޝަލުންނަށްވެސް ބައިނަލްއަގްވާމި ތަޖުރިބާގެ ފުރުސަތުތައް ވީއޭއެމްއިން އަންނަނީ ފަހިކޮށްދެމުންނެވެ.
އެގޮތުން މިއަހަރު މިހާތަނަށް ރާއްޖޭގެ ވޮލީބޯޅައިގެ ދެ ރެފުރީއަކު ވަނީ އޭޝިއަން އިންޓަނޭޝަނަލް ރެފްރީކަމުގެ ސަނަދު ހާސިލުކޮށްފައިވާކަން ފާހަގަކުރެއެވެ. އެއީ ރެފްރީ ހައްވާ އަބްދުލް މަޖީދާއި ރެފްރީ އަބްދުލް މަޖީދު މޫސާއެވެ. އަދި ފެބުރުއަރީ 26 ން މާޗް 1 ގެ ނިޔަލަށް ތައިލޭންޑުގައި އޮތް، ތައި ލީގުގައި ޓެކްނިކަލް އޮފިޝަލުންގެ ގޮތުގައި ރާއްޖޭގެ ޖަމްޝާދު ޖައުފަރާއި ފަރުހާންވެސް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މިފަދަ ބައިނަލްއަގްވާމީ މެޗުތަކުގެ ތަޖުރިބާއާއެކު ރާއްޖޭގެ ވޮލީގެ ފަންނީ މީހުންގެ ގާބިލުކަން އިތުރުކުރުމަށް ސަރަހައްދީ މުބާރާތްތަކާއި ބައިނަލްއަގްވާމީ ބޮޑެތި ގޭމްސްތަކުން ފުރުސަތު ހޯދައިދިނުމަށް ވީއޭއެމްއިން ސަރަހައްދީ އެސޯސިއޭޝަންތަކާއެކު ގާތްގުޅުންތަކެއް ބާއްވައެވެ.