ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި އެޓަލާންޓާ އަތުން ހޯދި ބޮޑު މޮޅާއެކު، ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކުން މުބާރާތުގެ ކުއާޓަރ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗުން ބަޔާން މޮޅުވީ 1-6 ގެ ނަތީޖާއަކުންނެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ބޮޑު ފަރަގަކުން ބަޔާން މޮޅުވެފައި މިވަނީ އެ ޓީމުގެ އެންމެ އިތުބާރު ސްޓްރައިކަރު، ހެރީ ކޭން، އަނިޔާގެ ސަބަބުން ކުޅުމުގައި ބައިވެރި ނުކޮށެވެ.
މުޅި މެޗުހެން ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅުނު ބަޔާން އިން ވަނީ މެޗުގެ ފުރަތަމަ 25 މިނެޓުގެ ތެރޭގައި ބޮޑު ލީޑެއް ނަގާފައެވެ.
މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ 12 ވަނަ މިނެޓުގައި، ޖޯސިޕް ސްޓަނިސިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ 10 މިނެޓުފަހުން، މެޗުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކި މައިކަލް އޮލީސޭ ވަނީ ބަޔާންގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގައި އެ ޓީމުން ތިންވަނަ ލަނޑެއް ޖެހީ 25 ވަނަ މިނެޓުގައެވެ. އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާޖް ނަބްރީއެވެ.
ތިން ލަނޑުގެ ލީޑެއްގައި އޮވެ ބަޔާން އިން ދެވަނަ ހާފު ފެށިއިރު، އެ ޓީމުން ވަނީ މި ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި 0-4 އަށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނިކޮލަސް ޖެކްސަން އެވެ.
މެޗުގެ 64 ވަނަ މިނެޓުގައި އޮލީސޭ ބަޔާންއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިންއިރު އޭގެ ތިން މިނެޓުފަހުން ޖަމާލް މުސިއާލާ ވަނީ މެޗުގައި އެ ޓީމުން ޖެހި ފަހު ލަނޑު ކާމިޔާބުކޮށްދީފައެވެ.
މުޅި މެޗުގައި ވެސް އެޓަލާންޓާއިން ޖެހި ހަމައެކަނި ލަނޑަކީ، މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގެ ތެރޭގައި މާރިއޯ ޕަސަލިޗް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި މޮޅާއެކު ބަޔާން އިން ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ޖާގައެއް ގާތްގަނޑަކަށް ޔަގީންކުރިއިރު، މި ދެ ޓީމުގެ ކުރިމަތިލުން ފެނިގެންދާ ގަދަ 16 ގެ ދެވަނަ ލެގު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު، ބަޔާންގެ ދަނޑުގައެވެ.