ޚަބަރު

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޢަމަލީ މަސައްކަތް ރޯދައަށްފަހު ފަށަނީ


  • މުޅި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް ނިމޭނެ

  • އިދާރީ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުން

އައްޑޫ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް އެ ސިޓީގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޢަމަލީ މަސައްކަތް ރަމަޟާން މަހަށްފަހު ފަށާނެ ކަމަށް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ނަޖާހް ވިދާޅުވެއްޖެއެވެ.

އައްޑޫގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޢަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ ޑެފިނިޓް ސޮލިއުޝަންސްއާއެވެ.

ފެނަކަ ކޯޕަރޭޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހް ވަނީ، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ނަޖާޙް ވިދާޅުވީ، އައްޑޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް އެ ސިޓީގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޢަމަލީ މަސައްކަތް ރަމަޟާންމަހަށްފަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

" ޕްރޮޖެކްޓުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ކުންފުނިން އަޅުގަނޑުމެންނަށް ވަރަށް ޔަޤީންކަން ދެއްވާ ރަމަޟާންމަސް ހަމަ ނިންމާގޮތަށް، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ގްރައުންޑްގަ ފަށާނެ ކަމަށް، މިހާރުވެސް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އެބަދޭ". ނަޖާޙް ވިދާޅުވިއެވެ.

ނަޖާޙް ވިދާޅުވީ، އައްޑޫ ޕަވަރ ސްޓޭޝަންގެ ޢަމަލީ މަސައްކަތް އެއްކޮށް ނިމުމާއެކު އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ޕަވަރ ސްޓޭޝަންގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ބެލްޖިއަމް ކުންފުންޏެއް ކަމަށްވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ)ގެ އިންޖީނުކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. ޔޫރަޕްގައި ބޭނުންކުރާ މި ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު އައްޑޫގައި ބޭނުންކުރާ ހައި ސްޕީޑް އިންޖީނުތަކާ ޚިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެކެވެ.

އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢު ނިމުމާއެކު، އައްޑޫ ސީޕީއެސްގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުންނާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވިއެވެ.