ހަނގުރާމައިގެ ސަބަބުން ތެޔޮ ގަންނަން ކުރަންޖެހޭ ހޭދަ އިތުރުވުމުން، އެ ހަރަދުތައް ހަމަޖެއްސުމަށް ބޭރުގެ 2 އެޖެންސީއަކުން ރާއްޖެއަށް 100 މިލިޔަން ޑޮލަރު ހަމަޖެހިފައިވާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ ފެންވަރުގައި އެކުލަވާލާފައިވާ ކޮމެޓީން ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވަނީ، މިހަލާތައި ގުޅިގެން ދައުލަތުން ކުރަންޖެހޭ ޚަރަދުތައް ކުރުމުގައި ފިޔަވަޅުތައް އަޅަމުންދާކަމަށް ވިދާޅުވެފައެވެ. މިގޮތުން މަރުކަޒީ ބޭންކުގެ ގަވަރުނަރާއެކު ވަރަށް ގާތުން ރާއްޖޭގެ ރިޒާވުގެ ކަންކަން ބަލަހައްޓަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަަނީ އުފެލެމުންނެވެ. މިއާއެކު ރާއްޖެއަށްވެސް މިކަމުގެ އަސަރުކުރަމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ. ރާއްޖެއަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ކުރުމަށް ދައުލަތުގެ ރިޒާވުން ޚަރަދުކުރާއިރު، ތެލުގެ އަގުބޮޑުވުމުން އެކަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ރިޒާވަށް އިތުރު 100 މިލިޔަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިކަމުގައި ބޭރުގެ މާލީ 2 އިދާރާއަކާއި ވާހަކަ ދެކެވި އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ.
"އެއް ފިޔަވަޅަކީ ރިޒާވަށް އިތުރަށް 100 މިލިޔަން ޑޮލަރު ހޯދުމުގެ މަސައްކަތް މިހާރު، އިންޓަނޭޝަނަލް މަލްޓިލެޓްރަލް 2 އެޖެންސީއަކާއެކު މަސައްކަތްކޮށްގެން، އީއްޔެ ހިސާބަށް އެއްބަސްވުމަކަށް އާދެވިފައި އެބައޮތް. އެއީ އަސްލު ތެލުގެ އަގު މިހާރު މި ބޮޑުވާ އަދަދު، އެއީ މިސާލަކަށް ކުރިން 100 ޑޮލަރަށް ލިބޭ އެއްޗެއް 150 ޑޮލަރަށް ބަދަލުވީމަ އެއަންނަ ބައި ފައިނޭން ކުރުމަށް އަޅުގަނޑުމެން ހަމަޖައްސާ ފެސިލިޓީއެއް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ މިހާރު މިކަން އެންމެ ފަހުގެ މަރުހަލާގައިވާ ކަމަށާއި، ދިވެހި ސަރުކާރުން މިކަމުގައި ނަގަންޖެހޭ އެންމެ ފަހުގެ ހުއްދަ ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވިފައިވާ ކަމަށް ވިދާޅުވެފައެވެ.
ހަނގުރާމަ ދެމިގެންދާ ހާލަތެއްގައި ދައުލަތަށް ލިބޭނެ ގެއްލުން ސަރުކާރުން ވަޒަން ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާލަތު 1 މަސް ދުވަހަށް ދެމިގެން ގޮސްފިނަމަ ދައުލަތުގެ އާމްދަނީއަށް 100 މިލިޔަން ޑޮލަރުގެ ގެއްލުންވާނެކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި ހަނގުރާމަ އެއް މަސް ދުވަހަށް ދެމިގެންދާނަމަ، އަޅުގަނޑުމެންނަށް މި ލަފާ ކުރެވެނީ، 85 މިލިޔަން ޑޮލަރާއި 100 މިލިޔަން ޑޮލަރާއި ދެމެދު އާމްދަނީ ދަށްވުމެއް އަންނާނެ ކަމަށް. އެއީ ސީދާ ސަރުކާރުގެ އާމްދަނީ. އެއީ އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން އަންދާޒާ ކޮށްފައި އަދި ވޯލްޑް ބޭންކުން އެއީ ރަނގަޅު އަދަދެއް ކަަމަށް ބުނެފައި އެބައޮތް. އެހެންވީމަ އެ ކޮމްޕެންސޭޓް ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެން ފައިނޭންސް ކުރެވޭނެ މެކޭނިޒަމެއް ހޯދައިގެން ދިއުން މިއޮތީ." މާލީ ވަޒީރު ވިދާޅުވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުން ކުޑަކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މި ހަނގުރާމަ ފެށުމާއެކު ރާއްޖެ އަންނަ ގިނަ ފަތުރުވެރިން ޓްރާންސިޓްވާ މެދުއިރުމަތީގެ ވައިގެ ބަނދަރުތައް ވަނީ ބަންދުވެފައެވެ. މިއާއެކު ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 3000 އިން ދަށްވެގެން ދިޔަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.