ޚަބަރު

އީރާނުގެ ޖަލަށް ޔަހޫދީން ދިން ޙަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް: އދގެ ތަހުޤީޤު


މިދިޔަ އަހަރު ޔަހޫދީން އީރާނުގެ ޖަލަކަށް ދިން ޙަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އދން އެކުލަވާލާފައިވާ ތަހުޤީޤީ ކޮމިޓީ، އިންޑެޕެންޑެންޓް އިންޓަނޭޝަނަލް ފެކްޓް ފައިންޑިންގ މިޝަން އޮން އީރާންގެ މުޤައްރިރު، ސާރާ ޙުސައިން ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީން އީރާނާއެކު ކުރި 12 ދުވަހުގެ ހަނގުރާމައިގައީ އީރާނުގެ އަވީން ޖަލަށް ވަނީ ޙަމަލާދީފައެވެ. އެ ޙަމަލާގައި 80 މީހުން ވަނީ ޝަހީދުވެފައެވެ. އެ ޖަލަކީ އާންމުގޮތެއްގައި ސިޔާސީ ކުށްވެރިން ބަންދުކުރާ ޖަލެކެވެ. ޔަހޫދީންނާއި އެމެރިކާއިން އީރާނަށް މިހާރު ދެމުންދާ ޙަމަލާތަކުގައި ވެސް އެ ޖަލަށް ގެއްލުންތަކެއް ލިބިފައިވެއެވެ. އެއާއެކު އެ ޖަލުގައި ތިބި މީހުންގެ ރައްކާތެރިކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

އިންޑެޕެންޑެންޓް އިންޓަނޭޝަނަލް ފެކްޓް ފައިންޑިންގ މިޝަންގެ ތަހުޤީޤު ކުރިއަށް ގެންގޮސް ރިޕޯޓު ތައްޔާރުކޮށްފައި ވަނީ ޙަމަލާގައި ގެއްލުން ލިބުނު މީހުންނާއި މަންޒަރު ދުށް މީހުންގެ ހެކިބަހާއި، ސެޓެލައިޓު ފޮޓޮއާއި އެހެނިހެން ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށެވެ. އެ ރިޕޯޓު ވަނީ އދގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލަށް ހުށަހަޅައިފައެވެ.

ކައުންސިލްގައި ވާހަކަދައްކަވަމުން ސާރާ ޙުސައިން ވިދާޅުވީ މަދަނީ އަމާޒަކަށް ޔަހޫދީން ޙަމަލާ އަމާޒުކޮށްފައިވާ ކަން އަވީން ޖަލަށް ދިން ވައިގެ ޙަމަލާއިން ކަށަވަރުވާ ކަމަށެވެ. ގަސްތުގައި އެ ފަދަ ޙަމަލާއެއް ދިނުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޙަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކާއި 8 އަންހެނުން ވެސް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.