20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ޓީމަށް ވީހާވެސް ގިނަ ސަޕޯޓަރުން ސަޕޯޓުކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ގައުމީ ސީނިއާ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓޭ) ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ގައުމީ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރ ސަމޫހު ބުނީ 20 އަހަރުން ދަށުގެ ގައުމީ ޓީމުގައި ތިބީ ވަރަށް ހުނަރުވެރި ކުދިންތަކެއް ކަމަށެވެ. އަދި ސަޕޯޓަރުންގެ ސަފޯޓާއެކު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭގައި ބެހެއްޓޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ރާއްޖެއަށް މި ތަށި ހޯދައިދޭން މަސައްކަތް ކުރާ ޓީމަށް، ވީހާވެސް ގިނަ ސަޕޯޓަރުން ހިތްވަރު ދިނުމަށް ސީނިއާ ޓީމުގެ ކެޕްޓަން ސަމޫހު އެދިފައިވާއިރު ޓީމުގެ ކުޅުންތެރިންވެސް އެންމެ އުންމީދު ކުރަނީ ރާއްޖެ ކުޅޭ މެޗުތަކަށް ދިވެހި ސަޕޯޓަރުން ދަނޑު ފުރާލަދިނުމަށެވެ.
ރާއްޖޭގައި މިއަހަރު މުބާރާތް ކުޅޭއިރު ވާދަވެރި ގައުމުތަކުން ޖެހިލުންވާވަރުގެ ޓީމެއް ނެރުމަށް ކޯޗު އިސްޓަވާން އުރުބާނީ އާއި ޓީމުގެ އެސިސްޓެންޓު ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) އަންނަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ޒުވާން ޓީމަށް ތަރުހީބު ދިނުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ދިއުމަކީ ފުޓުބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ އެދުމެކެވެ.
23 މާޗް އިން 3 އޭފްރީލްގެ ނިޔަލަށް ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ސާފްގެ ހަތް މެންބަރު ގައުމު ބައިވެރިވާނެއެވެ. ރާއްޖެ ހިމެނެނީ ގުރޫޕް އޭގައި ސްރީލަންކާ، ބޫޓާން އަދި ނޭޕާލްއާއިއެކުގައެވެ. ގުރޫޕް ބީގައި ހިމެނެނީ ސާފް ޗެމްޕިއަންޝިޕް މީގެ ކުރިން ކާމިޔާބުކުރި ބަނގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނެވެ.
ރާއްޖެ ފުރަތަމަ ނިކުންނާނީ މުބާރާތް ހުޅުވާ މެޗުގައި އަންނަ ހޯމަ ދުވަހުގެ ރޭ ސްރީލަންކާއާ ދެކޮޅަށެވެ. ހޯމަ ދުވަހު ހަވީރު ކުޅޭ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނޭޕާލްއާއި ބޫޓާނެވެ. ރާއްޖެއިން ދެވަނަ މެޗު ކުޅޭނީ 25 ވަނަ ދުވަހުގެރޭ، ބޫޓާނާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި 27 ވަނަ ދުވަހު ނޭޕާލާ ދެކޮޅަށް ރާއްޖެއިން ނިކުންނާނެއެވެ.