ކުޅިވަރު

ފެތުމުގެ ގައުމީ ފަސް ރިކޯޑެއް ތަޒްކިޔާ އައުކޮށްފި


  • ތަޒްކިޔާ މި ރިކޯޑްތައް އައުކުރީ ބެންކޮކުގައި ކުރިޔަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެންޕިއަންޝިޕުގައި

  • މީގެ ތެރެއިން ބައެއް ރިކޯޑްތައް ދަމަހައްޓަމުން އައިސްފައިވަނީވެސް އޭނާ

ބެންކޮކުގައި ކުރިޔަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެންޕިއަންޝިޕުގައި ވާދަކުރި އަމްނާ ތަޒްކިޔާ މިރްޞާދު ފެތުމުގެ ފަސް ރިކޯޑެއް އައުކޮށްފިއެވެ.

ތަޒްކިޔާ އައުކުރި ގައުމީ ރިކޯޑްތަކުގެ ތެރޭގައި ހިމެނެނީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބަޓަރފްލައި ރިކޯޑެވެ. އެރިކޯޑް އޭނާ ހަދާފައިވަނީ 01:12:28 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ. މި ރިކޯޑް ކުރިން ހަދާފައިވަނީ 2024 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވުނު 19 ވަނަ ސިންގަޕޯރ ނޭޝަނަލް ސްވިމިންގ ޗެންޕިއަންޝިޕުގައި ވާދަކޮށް މިރަލް ޢައިން ލަޠީފް 01:13:96 އިން ރޭސް ނިންމައިގެންނެވެ.

ތަޒްކިޔާ އައު ކުރި ދެވަނަ ރިކޯޑަކީ އަންހެނުންގެ ލޯންގކޯސް 200 މީޓަރު އިންޑިވިޖިއުއަލް މިޑްލޭ އިވެންޓުގައި ވާދަކޮށް 02:39:86 ސިކުންތުން ރޭސް ނިންމައިގެން ހެދި ރިކޯޑެވެ. ކުރިން މި ރިކޯޑް މިރަލް ޢައިން ލަޠީފް އޭރު ރިކޯޑް ހަދާފައިވަނީ 2025 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވުނު 22 ވަނަ ވޯލްޑް އެކުއާޓިކްސް ޗެންޕިއަންޝިޕުގައި ވާދަކޮށް، 02:42:46 އިން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ ލޯންގކޯސް 50 މީޓަރު ބަޓަރފްލައި އިވެންޓުގެ ގައުމީ ރިކޯޑް ތަޒްކިޔާ އައުކޮށްފައިވަނީ 00:31:24 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ. މި ރިކޯޑް ކުރިންވެސް ތަޒްކިޔާ އަތުގައި އޮތް އިރު އޭނާގެ ކުރީގެ ޓައިމިންއަކީ 00:31:49 އެވެ. އެރިކޯޑް އޭނާ ހެދީ 2025 ވަނަ ބަހްރައިންގައި ބޭއްވި 3 ވަނަ އޭޝިއަން ޔޫތް ގޭމްސްގައި ވާދަކޮށްގެންނެވެ.

ބެންކޮކުގައި ކުރިޔަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެންޕިއަންޝިޕުގައި އިތުރު ދެ ރިކޯޑެއް ތަޒްކިޔާ އައުކޮށްފައިވާއިރު، އެއީ އަންހެނުންގެ ލޯންގކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކޮށް 00:28:49 އިން އިވެންޓު ފުރިހަމަކޮށްގެން ހެދި ރިކޯޑެވެ. ކުރިން މި ރިކޯޑް އޮތީ 2024 ވަނަ އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ސްވިމިންގ ވެސްޓަރން އޮސްޓްރޭލިޔާ ހެންކޮކް ޕްރޮސްޕެކްޓިންގ ސްޓޭޓް ޗެންޕިއަންޝިޕުގައި ވާދަކޮށް 00:31:49 އިން އިވެންޓު ފުރިހަމަކުރި ޢާއިޝަތު އުލްޔާ ޝާއިޤްގެ އަތުގައެވެ.

އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެންޕިއަންޝިޕުގައި ތަޒްކިޔާ އައު ކުރި ފަސްވަނަ ރިކޯޑަކީ އަންހެނުންގެ ލޯންގކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓު 01:03:67 އިން އިވެންޓު ފުރިހަމަކޮށްގެން ހެދި ރިކޯޑެވެ. މި ރިކޯޑަކީ ކުރިންވެސް ތަޒްކިޔާ ދަމަހައްޓަމުން އައި ރިކޯޑަކަށްވާއިރު، އެ ރިކޯޑު އޭނާ ހަދާފައިވަނީ 2025 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވުނު 22 ވަނަ ވޯލްޑް އެކުއާޓިކްސް ޗެންޕިއަންޝިޕުގައި ވާދަކޮށް، 01:04:04 އިން އިވެންޓު ނިންމައިގެންނެވެ.

ބެންކޮކުގައި ކުރިޔަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެންޕިއަންޝިޕުގައި 21 ގައުމަކުން 1،100 އަށްވުރެ ގިނަ ފެތުންތެރިން ވާދަކޮށްފަވެއެވެ.