ޚަބަރު

އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީކުރުވާނެ މަޖިލީހެއް ލިބޭނެ


  • ސަރުކާރުތަކަށް ސުޕަމެޖޯރިޓީ ލިބުމުން މަޖިލީހަށް ޖަވާބުދާރީ ނުކުރެވޭނެ

  • ޑިމޮކްރަސީ ހަރުދަނާ ކުރެވޭނީ ދައުރެއްގެ ތެރޭގައި ވޯޓުލުމުގެ ފުރުޞަތު ލިބިގެން

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީ ކުރާނެ މަޖިލީހެއް ލިބިގެންދާނެ ކަމަށް ދައުލަތުގެ ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ އަންނަ މަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ސުވާލާ ގުޅޭގޮތުން ޕޮލިސީ އެމްވީން ކުރިއަށް ގެންދިޔަ "ސިޔާސާތު ޚާއްސަ" ފޯރަމުގައި ވާހަކަދައްކަވަމުންނެވެ. މި ފޯރަމުގައި ތަފާތު ޚިޔާލުތަކުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މި ފޯރަމުގައި އެކި ދާއިރާތަކުން ތަޖުރިބާކާރު ބޭފުޅުން ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ހުރި ފައިދާތަކާއި ގެއްލުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން، ފޯރަމުގައި ޤާނޫނީ އަދި ދުސްތޫރީ ނަޒަރިއްޔާތުން ވާހަކަދައްކަވަމުން އަލްއުތާޛާ ދިޔާނާ ސަޢީދު ވިދާޅުވީ މީގެ ކުރިން އެކި ޚިޔާލުތަކުގެ ބޭފުޅުންނާއި ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކަށްވެސް އިންތިޚާބުތައް އެއްް ދުވަހެއްގައި ބާއްވަން ތާއީދުކޮށްފައިވާކަމަށެވެ. އެފަރާތްތަކުން މި ކަމަށް ތާޢިދުކުރައްވާފައިވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ދުސްތޫރީ މަންފާތައް ލިބެންއޮތުމުން ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ސަރުކާރުތަކަށް ސުޕަމެޖޯރިޓީ ލިބުމުން މަޖިލީހަށް ޖަވާބުދާރީ ނުކުރެވޭކަން ފާހަގަކުރައްވައި ދިޔާނާ ވިދާޅުވީ ރިޔާސީ އިންތީޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަޖިލީހެއް ލިބިގެންދާނެ ކަމަށެވެ.

"މިހާރު ފަސް ފަަހަރަށް ސުޕްރީމް ކޯޓު ބަދަލުކުރެވިއްޖެ. ދެން ހަމަ ޤާނޫނުއަސާސީވެސް އިސާހިތަކު ބަދަލުކުރެވުމުން މިއީ މިހާރު 8ވަނަ އިސްލާހު. އަދި މި ޤާނޫނުއަސާސީއަށް ތަސައްރަފު ނުފުދޭ. އެހެންވީމަ ސުޕަމެޖޯރިޓީ މަޖިލީހަކީ ރަނގަޅު އެއްޗެއް ނޫންކަމަށް ބިލެވެނީ. ސުޕަމެޖޯރިޓީ މަޖިލީހެއް ނޫން އަޅުގަނޑުމެންނަށް ލިބެންވީ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވާ ބެލެންސް މަޖިލީހެއް،" ދިޔާނާ ވިދާޅުވިއެވެ.

ޤާނޫނީ އަދި ދުސްތޫރީ ނަޒަރިއްޔާތުން ވާހަކަދައްކަވަމުން އަލްއުސްތާޛް އަލީ ހުސައިން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ޤާނޫނުއަސާސީގައި މިހާރުވެސް ކަނޑައަޅާފައިވާ ކަމަށެވެ. ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ރިޔާސީ އިންތިޚާބަށް އޮންނަ އަހަމިއްޔަތުކަން ކުޑަވެ ރައްޔިތުންނަށް އެ އިންތިޚާބުގައި ފުންކޮށް ވިސްނުމުގެ ފުރުސަތު ލިބިގެން ނުދާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރެވޭނީ ރައްޔިތުންނަށް 5 އަހަރުގެ ދައުރެއްގެ ތެރޭގައި ވޯޓުލުމުގެ ވީހާވެސް ގިނަ ފުރުޞަތުތައް ދެވިގެން ކަމަށް ވިދާޅުވިއެވެ.

"އެއް އިންތިޚާބެއް ބާއްވާފައި ހަމައެކަނި ފޯކަސް އެ އިންތިޚާބަށް ކުރީމަ އެ އިންތިޚާބުގެ މުހިންމުކަންވެސް ފެންނާނީ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކުއެކުގައި އުޅެގެން ހޮވޭ އިންތީޚާބެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެނބުރިލާފައި އެ ރައީސުލްޖުމްހޫރިއްޔާ ޒިންމާދާރު ކުރުވާކަށް ނުކުރޭނެ،" އަލްއުސްތާޛް އަލީ ހުސައިން ވިދާޅުވިއެވެ.

މި ފޯރަމުގައި މާލީ ނިޒާމާއި ދައުލަތް ހިންގުމުގެ ރޮނގުން މައުލޫމާތު ހިއްސާކުރައްވައި އަލްއުސްތާޛާ އާޒިމާ ޝަކޫރު ވިދާޅުވީ މިހާރު އޮތް އޮނިގަނޑަށް ބަލާނަމަ ރައްޔިތުން އަބަދުވެސް އުޅެންޖެހިފައިވަނީ އިންތިޚާބެއްގެ ތެރޭގައި ކަމަށެވެ. އަދި އިންތިޚާބުތައް މަދުވުމަކީ އޭގެ އަސަރު ޑިމޮކްރަސީއަސް ކުރާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއަދު މިއޮތް ދައުލަތުގެ ދުސްތޫރީ އޮނިގަނޑު ރީކެލިބަރޭޓް ކުރަން އެބަޖެހޭ. ނުވަތަ ދުސްތޫރި އޮނިގަނޑު ބަދަލުވާންޖެހޭ. އެ ނޫން ގޮތަކަށް އަޅުގަނޑުމެންނަށް މިއޮތީ ފެންނަން ކޮންމެ ފަސް އަހަރަކު މިގޮތަށް ދައުލަތް ހިންގައިގެން އަނެއް ފަސް އަހަރު މިހެން ހިންގާފައި އަނެއް 3 އަހަރު ޖުޑިޝަރީ ބަދަލުކޮށްގެން ޖޭއެސްސީ ބަދަލުކޮށްގެން އަޅުގަނޑުމެންނަކަށް މި ދައުލަތް އަޅުގަނޑުމެންގެ ޕޮޓެންޝިއަލްގަ ނުހިންގޭކަން މިއަދު ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރޭ،" އަލްއުސްތާޛާ އާޒިމާ ޝަކޫރު ވިދާޅުވިއެވެ.

ފޯރަމުގައި ވާހަކަދެއްވި އެހެން ޕެނަލިސްޓުންވެސް ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އެ ފަރާތްތަކުގެ ޚިޔާލު ފާޅުކުރައްވާފައެވެ. އެގޮތުން އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ޚަރަދު ކުޑަވާނެ ކަމަށް ދެކެވޭ ވާހަކަތާ ގުޅިގެން މާލީ ނިޒާމާއި ދައުލަތް ހިންގުމުގެ ރޮނގުން މައުލޫމާތު ހިއްސާކުރައްވަމުން އަހުމަދު މުހަންމަދު ވިދާޅުވީ އިންތިޚާބުތަކަށް ކުރާ ޚަރަދަކީ ބޮޑު ޚަރަދެއް ނޫން ކަމަށާއި ދެ އިންތިޚާބު އެއްކޮށްލައިފިނަމަ ސަލާމަތް ކުރެވޭނީ މުޅި ޖުމްލަ ދެ އިންތިޚާބަށް ޚަރަދުވާ ފައިސާއިން 4 ބައިކުޅަ އެއްބައި ކަމަށެވެ.

މި ފޯރަމުގައި ޒުވާނުންގެ ފަރާތުންނާއި އިސްރަށްވެހިންގެ ފަރާތުންވެސް ޚިޔާލުފާޅުކުރައްވާފައިވާއިރު މި ދެ އުމުރުފުރާއިން ޕެނަލުގައި ހިމެނިވަޑައިގެންނެވި ދެ ބޭފުޅުންވެސް ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ލިބިގެންދާނެ ފައިދާތަކަށް އަލިއަޅުއްވާލައްވާފައެވެ.