ޤައުމަށް ހެޔޮ އެދޭ އެއްވެސް މީހަކު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅު ނުހަދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އިން ގެނެސްދޭ "ހޭލުން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވާގޮތަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ކޮންމެހެން ކުރަންޖެހިފައިވާ، އަދި މިހާތަނަށް ނުކުރެވި އޮތް ކަމެއް ކަމަށެވެ. މިއީ އުޖުތިމާޢީ ގޮތުންނާއި އިގްތިސާދީގޮތުން ބެލި ކަމުގައިވީނަމަވެސް ޤައުމަށް ފައިދާ ކުރާނެ ކަމެއް ކަމަށާއި މީގެ ސަބަބުން ޚަރަދުތައް ކުޑަކުރެވޭނެކަންވެސް ފާހަގަކުރެއްވިއެވެ.
ޤާސިމް ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ޤައުމުގެ އަމާންކަމާއި މަސްލަހަތުވެސް ދެމެހެއްޓޭނެ ކަމަށެވެ. އަދި އިންތިޚާބުތަކާ ގުޅިގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުޅުވިގެންދާ ދޮރުތައް ބަންދުކުރުމަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވަނީ ދިވެހި ޤައުމަށް ހެޔޮއެދޭ އިޚްލާސްތެރި، އެއްވެސް މީހަކު މިއާ ދެކޮޅަށް ވޯޓުލާކަށް އަޅުގަނޑަކަށް ނުފެެނޭ. އަޅުގަނޑަށް ފެންނަނީ މިއީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް. އިނގިރޭސިބަހުން ދަންނަވާނަމަ ލޯންގް އޮވަޑިއުއެއް މިއީ. އަޅުގަނޑު ޝައްކެއް ނުކުރުން ހެޔޮ ނަޒަރަކުން ރަނގަޅު ވިސްނުމަކުން ވިސްނައިފިއްޔާ މިކަމާ ދެކޮޅު ހަދާނެ އެއްވެސް މީހަކު ހުންނާނެ ކަމަށް،" ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ މިހާރު ޤާނޫނުއަސާސީ އޮތްގޮތުން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަހު މަސައްކަތް ކުރަންޖެހެނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބަދަލުގައި ކުރިއަށް އޮތްތަނުގައި އެ ޚިދުމަތް ކުރެވޭނެ މަގުފަހިކުރުމަށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކަމަށެވެ. އެހެންނަމަވެސް ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިފިނަމަ އެ ހަ މަސްދުވަސްވެސް އެއިރެއްގައި ހުންނަ ރައީސަކަށް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ލިބިގެންދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޤައުމަށް ކުރިއެރުން ލިބޭނީ ކޮންމެފަދަ ޤާނޫނުއަސާސީއެއް ހެދި ނަމަވެސް އަމާނާތްތެރި، ތެދުވެރި، އަދި ވިޝަނަރީ ވެރިޔެއް ޤައުމުގައި ހުރެގެން ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.