ޚަބަރު

އެމެރިކާ ޑޮލަރުގެ ނޫޓުގައި ޓްރަމްޕްގެ ސޮއި ހިމަނާތީ ފާޑުކިޔަނީ


އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތާ ގުޅުވައި، އެމެރިކާ ޑޮލަރުގެ ނޫޓުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޮއި ހިމެނުމަށް އެ ޤައުމުގެ ޓްރެޜަރީ ޑިޕާޓްމަންޓުން ނިންމައިފިއެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް، މަޤާމުގައި ހުންނެވި ރައީސެއްގެ ސޮއި އެ ޤައުމުގެ ފައިސާގެ ނޫޓުގައި ހިމެނުމަށް ނިންމާފައިވާ ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުގެ ނިންމުމުގެ ދަށުން، އެމެރިކާގެ ފައިސާގެ ނޫޓުގެ 1 ޑޮލަރުން ފެށިގެން 100 ޑޮލަރުގެ ނޫޓުތަކުގައި ޓްރަމްޕްގެ ސޮއި ހިމަނާނެއެވެ. މީގެ ކުރިން މި ނޫޓުތަކުގައި ހިމަނަމުން ގޮސްފައި ވަނީ ހަމައެކަނި ޓްރެޜަރީ ވަޒީރާއި ޓްރެޜަރާގެ ސޮޔެވެ. ޓްރެޜަރީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވީ، ޓްރަމްޕް ވަނީ އެމެރިކާގެ އިޤުތިޞާދު މީގެ ކުރިން ފެނިފައިނުވާ ފަދަ ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދަވައި، މާލީ ހަމަޖެހުމާއި ވަރުގަދަކަން ޤާއިމުކޮށްދެއްވާފައި ކަމުގައެވެ، އަދި، މި ބަދަލަކީ ޓްރަމްޕްގެ "ތާރީޚީ ކާމިޔާބީތައް" ފާހަގަކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމުގައެވެ.

އިޤުތިޞާދީ ގޮތުން ބަލާއިރު، 2025 ވަނަ އަހަރު އެމެރިކާގެ ޤައުމީ އުފެއްދުންތެރިކަން ކުރިއަރާފައިވަނީ %2.2 ގައެވެ. މިއީ، 2022 އިން 2024 އަށް އެވުރެޖުކޮށް ކުރިއަރާފައިވާ %2.5 އާ އަޅައިބަލާއިރު ކުޑަ ތަފާތެކެވެ. އަދި، ކުރީގެ ރައީސް ޖޯ ބައިޑަންގެ ދައުރުގައި ވެސް ހޯދާފައިވާ ކުރިއެރުމާ ދާދި އެއްވަރުގެ މިންވަރެކެވެ. ޓްރަމްޕް ސަރުކާރުގެ ނިންމުމަށް ފާޑުވިދާޅުވަމުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ކެލިފޯނިޔާގެ ގަވަރުނަރު ގެވިން ނިއުސަމް ވަނީ، ކާބޯތަކެއްޗާއި، ތެލާއި، ކުއްޔާއި އަދި ޞިއްޙީ ޚިދުމަތްތަކަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމުގެ ޒިންމާ ނަގަންވީ ކާކުކަން މިހާރު ރައްޔިތުންނަށް ސީދާ އެނގިގެންދާނެ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން، ރޮޑްނީ މީމްސް ކުކް ޖޫނިއަރ އިސްކޮށް ހުންނަވާ ޔޫއެސް ކޮމިޝަން އޮފް ފައިން އާޓްސްއިން ވަނީ ޓްރަމްޕްގެ ސޫރަ ހިމެނޭ ރަން ފައިސާ ފޮއްޗެއް ތައްޔާރުކުރުމުގެ ހުއްދަ ވެސް ދީފައެވެ. ދައުރުވާ ފައިސާގައި ދިރިހުންނެވި ރައީސުންގެ ތަސްވީރު ބޭނުންކުރުން މަނާކުރާ ޤާނޫނުގައިވާ އުނިކަމެއްގެ ބޭނުން ހިފައިގެން ނިންމި މި ނިންމުމަކީ ޚުދުމުޚްތާރު ވެރިންނާއި ރަސްރަސްކަލުންގެ ޢަމަލުތަކާ އެއްފަދަ ކަމެއް ކަމުގައި ބުނެ، ގިނަ ބަޔަކު ދަނީ ޓްރަމްޕަށް ފާޑުކިޔަމުންނެވެ. ދެވަނަ ދައުރަކަށް ވެރިކަމަށް އެނބުރި ވަޑައިގެންނެވުމަށްފަހު، ޓްރަމްޕް ގެންދަވަނީ ޖޭއެފްކޭ ސެންޓަރާއި، އިންސްޓިޓިއުޓް އޮފް ޕީސް އަދި އައު މަނަވަރުތަކުގައި ވެސް އެ މަނިކުފާނުގެ ނަންފުޅު ބޭނުންކުރައްވަމުންނެވެ.