ޚަބަރު

އެޕްރީލްމަހަކީ އެންމެ ހޫނުގަދަ މަސް، ސަމާލުވޭ!


  • ކުރިއަށްއޮތް ހަފްތާވެސް އުތުރުގެ ރަށްތަކަށް ވަރަށް ހޫނު

  • މިދިޔަ މަހުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެއްވެސް ހިސާބަކަށް ބޯކޮށް ވަރޭވެހިފައެއް ނުވޭ

މި ފެށޭ އެޕްރީލްމަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާނެ މަސްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މި ދުވަސްވަރު ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނުވާ ސަބަބުތަކާއި، ހޫނުން ރައްކާތެރިވުމަށްޓަކައި ސިއްޙީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޫސުމާބެހޭ ޤައުމީ އިދާރާގެ މީޓްރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ، ކޮންމެ އަހަރެއްވެސް މާރިޗު އަދި އެޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރުކަމަށެވެ. އަދި މި ދުވަސްވަރު ވިލާ މަދުވެފައި، ވައިމަޑުވެ، ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާކަމަށެވެ.

ހުސައިން ވަހީދު ވިދާޅުވީ މީގެސަބަބުން، އާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވެގެންދާކަމަށެވެ. އަދި ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުވެސް ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ހޫނުވާނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ.

"ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުވެސް ޚާއްސަކޮށް އުތުރުގެ ހިސާބުތަކަށް ވިއްސަރައިގެ އަސަރު ވަރަށް ކުޑަ. ހަމަ ވަރަށް އަވިގަދަކޮށް އޮންނާނީ ކުރިއަށްމިއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގަވެސް. އެހެންނަމަވެސް ދެކުނުގެ ރަށްތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ." ހުސައިން ވަހީދު ވިދާޅުވިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފެބްރުވަރީ މަހުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެއްވެސް ހިސާބަކަށް ބޯކޮށް ވާރޭވެހިފައިނުވާކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އެހެން ހުރިހާ ހިސާބުތަކަށްވުރެ މާލެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން ގަދަކަމަށެވެ.

"މި ދުވަސްވރު މިހާބޮޑަށް ހޫނުގަދަމިވަނީ ވާރޭވެހުން ވަރަށް ބޮޑަށް މަދުވެފަވާތީ. އެހެންވީމަ މިދިޔަ ފެބްރުއަރީމަހުގެ މެދަކާ ހިސާބުން ފެށިގެން މާރޗްމަސް ނިމުމަކާ ހަމައަށް މިދިޔައީ. އައިއިރުވެސް ރާއްޖޭގެ އެއްވެސް ހިސާބަކަށް ވާރޭ ވެހިފައެއް ނުވޭ. ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް ވާރޭ ވެހިފައެއް ނުވޭ." ހުސައިން ވަހީދު ވިދާޅުވިއެވެ.

ހުސައިން ވަހީދު ވިދާޅުވީ، އަންނަމަހަކީ ރާއްޖެއަށް އެންމެ ހޫނުވާނެ މަސްކަމަށެވެ. އަދި އޭޕްރިލްމަހުގެ މެދުތެރޭ މިހާރު މިވާ ހޫނުމިން ނިމުމަކަށްއަންނާނެކަމަށް ވިދާޅުވިއެވެ.

"އެޕްރީލްމަހަކީ އެންމެ ހޫނުގަދަ މަސް، އޭޕްރިލްމަހުގެ މެދަކާ ހިސާބަށް ދާއިރު މހާރު މިވާ ހޫނުމިން ނިމުމަކާހިސާބަކަށްދާނެ." ހުސައިން ވަހީދު ވިދާޅުވިއެވެ.

އިހުސާސްކުރެވޭ ހޫނުމިން މަތިވުމުގެ ސަބަބުން ސިއްޙީ ގިނަ މައްސަލަތަކާވެސް ކުރިމަތިވާކަން ފާހަގަކުރައްވާ އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފާތުމަތު ޝަބާނާވަނީ ހޫނުން ރައްކާތެރިވުމަށްޓަކައި ސިއްޙީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.

ޝަބާނާ ވިދާޅުވީ، ހޫނުގަދަވުމުގެ ސަބަބުން ބޮލުގަ ރިއްސުމާއި، ވަރުބަލިވުމާއި، ލޮލަށް ގެއްލުން ލިބުމާއި، ހަންގަނޑު އެދުން ފަދަ ސިއްޙީ ގިނަ މައްސަލަތަކާ ކުރިމަތިވާކަމަށެވެ. އަދި މި ކަންކަމުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރެއްވިއެވެ.

އެގޮތުން، ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުގެންދިއުމަށާއި، ގިނައިން ފެން ބުއިމަށާއި، ބޭރަށްދާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރެއްވިއެވެ.