ކުޅިވަރު

ސަލާހް ކިހާ ވަފާތެރި، ލިވަޕޫލަށް ދޫކޮށްލީ 40 މިލިއަން ޔޫރޯ


މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ފޯވަޑް މުހައްމަދު ސަލާހަށް ކުލަބުން ލިބެން އޮތް 40 މިލިއަން ޔޫރޯ ދޫކޮށްލަން ނިންމައިފި އެވެ.

އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި 34 އަހަރުގެ ފޯވަޑް މި ގޮތަށް ނިންމީ ލިވަޕޫލް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވުން އަވަސް ކުރުމަށާއި ކުލަބާއި އެއްވެސް މައްސަލައެއް ނުޖެހި ދިއުމަށް ބޭނުންވާތީ އެވެ.

ހުސްވި ސީޒަނަށް ފަހު ލިވަޕޫލުން ސަލާހްގެ ކޮންޓްރެކްޓް އާ ކުރީ ދެ އަހަރު ދުވަހަށެވެ. މިހެންވެ އޭނާގެ ކޮންޓްރެކްޓް ނިމޭނީ 2027 ވަނަ އަހަރުގެ ސީޒަން ނިމުމުންނެވެ. އަދި މި ކޮންޓްރެކްޓްގައިވާ ގޮތުން ކޮންޓްރެކްޓް ފުރިހަމަ ކޮށްފިނަމަ ސަލާހަށް ކުލަބަށް ވަފާތެރިވުމުގެ ބޯނަސްގެ ގޮތުގައި 20 މިލިއަން ޔޫރޯ ލިބޭނެ އެވެ. މި ފައިސާއާއެކު ދެން އޭނާ ދޫކޮށްލީ ކޮންޓްރެކްޓްގެ ފަހު އަހަރުގެ މުސާރަ އެވެ. މިއާއެކު ޖުމުލަ 40 މިލިއަން ޔޫރޯ ލިވަޕޫލަށް ސަލާމަތް ކުރެވޭނެއިރު ސަލާހް ދެން ބަދަލުވާނެ ކަމަށް ބެލެވެނީ ސައޫދީ އަރަބިއާގެ ޕްރޯ ލީގުގައި ކުޅޭށެވެ.

ސައޫދީގެ ގިނަ ކުލަބުތަކަކުން އޭނާ ގެންދަން ބޭނުންވާއިރު މަދުވެގެން އަހަރަކު 200 މިލިއަން ލިބޭ ކޮންޓްރެކްޓެއް ހުށަހަޅަން ވެސް ކުލަބުތަކުން ތައްޔާރުވާ ކަމަށްވެ އެވެ. މި ގޮތުން ލިވަޕޫލްގެ ކުރީގެ ކޯޗު ބްރެންޑަން ރޮޖާސް ކޯޗުކޮށްދެ އަލް ގަދްސިޔާއިން އޭނާ އަށް 1 ބިލިއަން ޔޫރޯގެ މުސާރައެއް ލިބޭނ ކޮންޓްރެކްޓަކަށް ތައްޔާރުވާ ކަމަށް ވެސް ވެ އެވެ.

މިސުރުގެ ކެޕްޓަން ސަލާހަކީ ސައޫދީގައި މަގްބޫލު ކުޅުންތެރިއެކެވެ. އަދި އޭނާ އަކީ މިހާރު ވެސް ޔޫރަޕުގެ އެންމެ މަތީ ފެންވަރުގައި ކުޅޭ ކުޅުންތެރިއަކަށް ވުމުން ސައޫދީގެ ގިނަ ކުލަބުތަކަކުން އޭނާގެ ސޮއި ހޯދަން ޝައުގުވެރިވެ އެވެ. މީގެ އިތުރުން އެމެރިކާގެ ބައެއް ކުލަބުތަކާއި ޔޫރަޕުގެ ކުލަބުތަކުން ވެސް ސަލާހަށް ޝައުގުވެރިވެ އެވެ. އެކަމަކު ސައޫދީގެ ކުލަބުތަކުން ދޭ ވަރުގެ މުސާރައެއް އެހެން ކުލަބުތަކަށް ދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ސަލާހަކީ 2017 ވަނަ އަހަރު އިޓަލީގެ ރޯމާއިން 34 މިލިއަން ޑޮލަރަށް ލިވަޕޫލުން ގަތް ކުޅުންތެރިއެކެވެ. އޭނާ ވަނީ ނުވަ އަހަރު ތެރޭގައި ލިވަޕޫލަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީ އިނގިރޭސި ޕްރެމިއާ ލީގުގެ ރަންބޫޓު ވެސް ހަތަރު ފަހަރު ހޯދައިފަ އެވެ.