ޚަބަރު

އިމަރޖެންސީ ނޫން ހާލަތްތަކުގައިވެސް އެމްބިއުލާންސްގެ ޚިދުމަތްދޭން ފަށައިފި


  • ޖުމްލަ 7 ހާލަތެއްގައި އާސަންދައިގެ ދަށުން އެމްބިއުލާންސް ޚިދުމަތް ލިބޭނެ

  • މި ބަދަލުތައް އާސަންދަ ހިންގުމާ ބެހޭ ޤަވާއިދުގައި މިހާރު ވަނީ ހިމަނާފައި

އިމަރޖެންސީ ނޫން ހާލަތްތަކުގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ޚިދުމަތް މިއަދުން ފެށިގެން ލިބޭ ގޮތް ހަދައިފިއެވެ. މިއީ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ސަރުކާރުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ގެނެސްފައިވާ ބަދަލެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ޚިދުމަތް ދޭ ގޮތަށް، ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް ސަރުކާރުން ވަނީ އިސްލާހު ގެނެސްފައެވެ. މިގޮތަށް މި ބަދަލު ގެންނަން ނިންމަވާފައިވާކަން ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާން ކުރައްވާފައެވެ. ރައީސް ވިދާޅުވީ މިއީ ފުޅާދައިރާއެއްގައި މަޝްވަރާ ކުރެވި، ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

"މިއީ ވަރަށް ގިނަ ދުވަހު އެކަމާއި ގުޅޭގޮތުން މަޝްވަރާކޮށް އެކަމާއި ބެހޭ ގޮތުން ޓެކްނިކަލް ލެވެލްގައި އަދި އޭގެ ހިސާބުތައް؛ ފައިނޭންޝަލީ ބަޖެޓަރީ އިމްޕްލިކޭޝަންސް އޮޕަރޭޝަނަލް އެންގަލުން ބަލަންޖެހޭ ކަންތައްތައްވެސް ބެލުމަށް ފަހު އަޅުގަނޑުމެން ނިންމި ނިންމުމެއް. ވަރަށް ގިނައިން ރައްޔިތުންގެ ފަރާތުން އަންނަ ރިކުއެސްޓެއް މިއީ. ވަރަށް ގިނަ ދަތިތައް ކުރިމަތިވެ، އެކަމުގެ ސަބަބުން ލުއިތަކެއް ބޭނުންވެ ދުވަސްތަކެއް ވެފައި އޮތް ކަމެއް. އެކަމާއި އަޅުގަނޑުމެން މަޝްވަރާކޮށްފައި މި ބަދަލު މި ގެންނަނީ އަޅުގަނޑު ޔަޤީންކުރަނީ މިކަމުން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ ކުރިން އެމަރޖެންސީ ހާލަތްތަކުގައި އެމްބިއުލާންސް ޚިދުމަތް ދެމުން އައިސްފައިވާއިރު، މައްޔިތުން އުފުލުން ކަހަލަ ކަންކަމުގައި އެމްބިއުލާން ޚިދުމަތް ލިބެނީ ބިލްކުރާ އުސޫލުންނެވެ. އަދި ގޭގައި ބަލި އެނދުގައި އޮންނަ މީހާ، ޓެސްޓުތައް ހައްދަން އެމްބިއުލާންސް ހޯދުން އޮންނަނީ ދަތިކަމަކަށް ވެފައެވެ.

އެންސްޕާއިން އާންމުކޮށްފައިވާ އާސަންދަ ސްކީމް ހިންގުމުގެ ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން 7 ހާލަތެއްގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ޚިދުމަތް މިހާރު ހޯދޭނެއެވެ.

އާސަންދަ މެދުވެރިކޮށް އެމްބިއުލާންސަށް އެދެވޭނެ ހާލަތްތައް

- އިމަރޖެންސީ ނުވަތަ ކުއްލި ހާލަތުގައި މީހުން ގެނައުމަށް

- މައްޔިތުން އެމްބިއުލާންސްގައި އުފުލުން

- އެނދުމަތިކުރެވިފައިވާ ފަރާތްތައް އައުޓްޕޭޝަން ޚިދުމަތް ހޯދުމަށް

- ވީލްޗެއަރ ބޭނުންކުރާ ފަރާތްތަކަށް އައުޓްޕޭޝަން ޚިދުމަތް ހޯދުމަށް

- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް (ޖިސްމާނީ، ނަފްސާނީ، އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހިމެނޭ ގޮތަށް) އައުޓްޕޭޝަން ޚިދުމަތް ހޯދުމަށް

- ޞިއްޙީ މަރުކަޒުގައި އެނދުމަތި ކުރެވިފައިވާ ފަރާތްތައް އެހެން އިތުރު ފަރުވާއަށް އެހެން މަރުކަޒަކަށް ގެންދިއުމަށް

- އިވެކުއޭޓް ކުރެވޭ ހާލަތުގައި ބަލިމީހާ ޖެޓީ/އެއަރޕޯޓަށް ގެންދިއުމަށް

އެމްބިއުލާންސް ޚިދުމަތްދޭ ދާއިރާތައް ފުޅާކޮށްފައިވާއިރު. ރާއްޖޭގެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ ހާއްސަ މަޝްރޫޢުއެއްވެސް ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މިމަޝްރޫޢުގެ ދަށުން މިދިޔަ ފެބުރުވަރީ މަހު އެމްޕީއެލް މެދުވެރިކޮށް 56 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދީފައިވެއެވެ. އަދި މިދިޔަ މަހު ތެރޭގައި 2 ބުރަކަށް ބަހާލައިގެން އެމްބިއުލާންސް އިރަށްރަށަށް ފޮނުވާފައިވެއެވެ.

މީގެއިތުރުން، ބޮޑެތި އާބާދީތަކަށް އަމާޒުކޮށް ޕެރަމެޑިކް އެމްބިއުލާންސްތަކެއް ހޯދަމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި، އެ އެމްބިއުލާންސްތައްވެސް އަންނަ މަހުގެ ތެރޭގައި ލިބޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ހުރިހާ ރަށްރަށަށް އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ.