ސާފް އިން ބާއްވާ 20 އަހަރުން ދަށުގެ ސަރަހައްދީ ބޮޑު މުބާރާތުގައި، ޖެހިޖެހިގެން ދެ އަހަރު ފައިނަލުގައި ކުޅެން ޖެހުން އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ބަންްގްލަދޭޝްގެ އެސިސްޓެންޓު ކޯޗު ރަމަޗަންދުރަން ގޮވިންދަރަޖޫ މިލްސުވާމީ ބުނެފިއެވެ.
ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލްގެ ޖާގައެއް ބަންގްލަދޭޝް އިން ކަށަވަރުކުރި މެޗަށްފަހު މީޑިއާތަކާ ވާހަކަދައްކަމުން ރަމަޗަންދުރަން ވަނީ، މިއީ ކުޅުންތެރިންނާއި މުޅި ޓީމުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް ބުނެފައެވެ.
އެންމެފަހުން ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ވެސް ކާމިޔާބުކުރީ ބަންގްލަދޭޝްއިން ކަން ފާހަގަކޮށް އޭނާ އިތުރަށް ބުނީ، މިފަހަރުގެ މުބާރާތަށް އެންމެފުރަތަމަ ފަރިތަކުރުންތައް ފެށިއިރު ވެސް، މި ފަހަރުގެ މުބާރާތުގެ ފައިނަލަށް ދިއުން އެއީ ކަނޑައެޅި ލަނޑުދަނޑިއެއްކަމަށެވެ.
"ޝައްކެއްވެސް ނެތް (ޖެހިޖެހިގެން ދެ މުބާރާތުގެ ފައިނަލުގައި ކުޅުން) މިއީ ލިބުނު ބޮޑުކާމިޔާބީއެއް. އެންމެފަހުން ބޭއްވި 20 އަހަރުން ދަށުގެ މުބާރާތް އަހަރުމެން ކާމިޔާބުކުރިން. މިއީ އަހަރުމެން ކަނޑައެޅި އެއް ލަނޑުދަނޑި. ޑާކާގައި އެންމެފުރަތަމަ ފަރިތަކުރުންތައް ފެށިއިރު ވެސް. އެހެންވީމަ ދެން އޮތީ ބުރަ މަސައްކަތްކޮށްގެން ހާސިލްކުރި މި ލަނޑުދަނޑި އިތުރަށް ފުރިހަމަކޮށް އުފާވެރިކުރުވުން". ބަންްގްލަދޭޝްގެ އެސިސްޓެންޓު ކޯޗު ރަމަޗަންދުރަން ބުންޏެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް ހިމެނޭ ގްރޫޕް ބީގެ ދެވަނައިގެ ގޮތުގައި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ބަންގްލަދޭޝް އިން ހޯދިއިރު، ސެމީގައި ބަންގްލަދޭޝް ނުކުންނަން ޖެހުނީ ގްރޫޕް އޭގެ އެއްވަނަ، ނޭޕާލާ ދެކޮޅަށެވެ.
މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ބަންގްލަދޭޝް އިން ހޯދީ ސެމީގައި ނޭޕާލްގެ މައްޗަށް 0-1 އިން ކުރިހޯދައިގެންނެވެ. ފައިނަލުގައި ނޭޕާލް ނުކުންނާނީ މިރޭ ބޫޓާނާއި އިންޑިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
2024 ވަނަ އަހަރު ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ބަންގްލަދޭޝް އިން އުފުލާލީ ނޭޕާލްގެ މައްޗަށް 1-4 އިން ފައިނަލުގައި ކުރިހޯދައިގެންނެވެ. އަދި އެފަހުން މިދިޔަ އަހަރު ބޭއްވި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް ވަނީ ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން އިންޑިއާ އަތުން ބަލިވެފައެވެ.