ޓީބިލްގައި އިންވެސްޓްކުރުމަށް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެ ބޭންކުން ޚިލާފުވެފައި ނުވާނެ ކަމަށް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، ބީއެމްއެލުން ސަރުކާރުގެ ޓްރެޜަރީ ބިލުގައި ގަވައިދާ ޚިލާފަށް އިންވެސްޓްކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ތަފާތު އެކިގޮތްގޮތަށް ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.
ބީއެމްއެލްގެ ބްރާންޗް އަދި އޭޓީއެމްގެ ވިއުގަ ފުޅާކުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ސީއީއޯ ޝަރީފް ވިދާޅުވީ، ދުނިޔޭގެ ހުރިހާ ބޭންކަކުންވެސް އެ ބޭންކެއްގެ އެކްސެސް ފަންޑު، ރިސްކު ކުޑަ، މާލީ ހަރަކާތްތަކަށް އިންވެސްޓްކުރާ ފަދައިން، ބީއެމްއެލުންވެސް ސަރުކާރުގެ ޓްރެޜަރީ ބިލުގައި އިންވެސްޓްކުރާ ކަމަށެވެ.
"2015އިން ފެށިގެން 2025ވަނަ އަހަރާ ހަމަޔަށް ބެންކުގެ ކެޕިޓަލްގެ ނިސްބަތުން ސަރުކާރުގެ ޓީބީލް އާއި ޓީބޮންޑަށް އިންވެސްޓްކުރި ގޮތް. ދިވެހި ސަރުކާރުގެ ޓްރެޜަރީ ބިލްތަކާއި ބޮންޑުތަކަށް ބެންކުން ކޮށްފައިވާ އިންވެސްޓްމަންޓްތައް އަބަދުވެސް މި ހުންނަނީ ކެޕިޓަލްއާ ބަލައި ގާތްގަނޑަކަށް އެއް މިންވަރެއްގަ ހިފެހެއްޓިފަ. މިގޮތަށް ޓީބިލްގައި އިންވެސްޓްކުރުމަށް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ރިސްކް އެޕަޓައިޓް މިންގަނޑުތަކާ އަޅުގަނޑުމެން ޚިލާފެއް ނުވަން." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ބޭންކުން އާންމުކޮށް ޓީބިލްގައި އިންވެސްޓްކުރަނީ އެއްއަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް ކުރިން އިންވެސްޓްކޮށްފަ ހުންނަ ޓީބިލްތައް ރޯލްއޯވާރ ވަމުންދާނެ ކަމަށެވެ.
"2025 ވަނަ އަހަރު ނިމުނު އިރު ސަރުކާރުގެ ޓީބިލާއި ޓީބޮންޑަށް އިންވެސްޓްކުރެވިފައިވާ އަދަދުގެ ތެރެއިން ޖުމްލަ 10.8 ބިލިއަން ރުފިޔާގެ ޓީބިލަކީ 2025 ވަނަ އަހަރު ތެރޭގައި ރޯލްއޯވަރކޮށްފައިވާ ބިލްތަކެއް. މިއީ މުޅިން އަލަށް އިންވެސްޓްކޮށްފައިވާ ޓީބިލްތަކެއް ނޫން. މިއަދަދުގެ ތެރޭގައި ކުރިން ޓީބިލްގައި އިންވެސްޓްކޮށްފައިވާ ފައިސާގެ ތެރެއިން 192.8 މިލިއަން ޑޮލަރަށްވާ، ދިވެހި ރުފިޔާގެ ޓީބިލްތައް ޔޫއެސްޑޮލަރުގެ ޓީބޮންޑަށް ބަދަލުކުރުން ހިމެނޭ." ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލުގެ ސީއީއޯ ޝަރީފް ވިދާޅުވީ، މިއީ ބެންކަށް އެވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ރިސްކުކަމުގައިވާ ނެޓް އޯޕަން ޕޮޒިޝަން (އެންއޯފީ)ގެ ޝޯޓްފޯލް ރަނގަޅު ކުރުމަށް، ސަރުކާރުން ބޭންކަށް ޑޮލަރު ވިއްކުމަށް، ސަރުކާރާއެކު މަޝްވަރާކުރެވިގެން ކުރެވެނު މުއާމަލާތްތަކެއް ކަމަށެވެ. އަދި މިކަމުން އައި ހެޔޮ ބަދަލުތައް މިހާރު ފެނިގެންދާ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ، ދައުލަތުން ބޭންކުގައި ބަހައްޓާފައިވާ ފިކްސް ޑިޕޮސިޓް އަދަދާ އަޅުވައި، ސެކުއާޑްކޮށް 653 މިލިޔަން ރުފިޔާގެ ޓީބިލަށް އިންވެސްޓްކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުވެސް ޓީބިލަށް އިންވެސްޓްކޮށްފައިވަނީ އާދަޔާ ޚިލާފު އިތުރުވުމެއް ނެތި، ބޭންކުގެ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ބީއެމްއެލުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.