ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުތަކުގައި ވޯޓުލާން ޖަލުތަކުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހުންނަށް ޖަލުގައި ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ ޖަލު ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހުންނާއި ޕެރޯލްގެދަށުން މުޖުތަމަޢަށް ދޫކޮށްފައިވާ މީހުންނަށް ޖަލަށް ވޯޓް ލެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކުވެސް އެ މީހަކު ރަޖިސްޓްރީކޮށްފައިވާ ޖަލަކަށް ދިއުމުން އެތަނެއްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓު ލެވޭނެ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ވޯޓުލުމުގެ ޙައްގަކީ 18 އަހަރު ފުރިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ޙައްގެކެވެ. މި ޙައްގު ކަށަވަރު ކުރުމަށް ކޮންމެ އިންތިޚާބެއްގައިވެސް ރީ ރަޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައެވެ. މިއީ އެ މީހަކު ވޯޓުލާ ރަށް ނުވަތަ ތަން ބަދަލުވާނަމަ އެ ފުރުސަތު ރައްޔިތުންނަށް ދިނުމަށް ހުޅުވާލާ ފުރުސަތެކެވެ.
ޖަލު ހުކުމް ތަންފީޒުކޮށް ނިމި ނުވަތަ ޕެރޯލްގެދަށުން މުޖުތަމަޢުއަށް ދޫކޮށްފައިވާ ފަރާތްތައް،ޖަލަށް ވޯޓް ލެވޭނެ އިންތިޒާމް ހަމަޖެއްސުން. pic.twitter.com/anx8pPl43v
— Maldives Correctional Service (@CorrectionsMv) April 1, 2026
ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ރީ ރަޖިސްޓްރޭޝަންގެ މަރުހަލާ ނިމުނުއިރު ޖަލުތަކުގައި 5 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާފުށި ޖަލުގައި 2 ފޮށި، ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި 1 ފޮށި، ހުޅުމާލެ ޖަލުގައި 1 ފޮށި އަދި ދޫނިދޫ ޖަލުގައި 1 ފޮއްޓެވެ.