ޚަބަރު

ފުވައްމުލައް ސިޓީގައި ވޯޓުލުން ފަށައިފި


  • ޖުމްލަ 6 މަރުކަޒެއްގައި ވޯޓުލުން ކުރިއަށްދާނެ

  • ފުވައްމުލަކު ސިޓީ ކައުންސިލަށް މޭޔަރ އެކު 8 މެންބަރުން އިންތިޚާބު ކުރާނެ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު އަދި އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުލުމުގެ ތެރެއިން ފުވައްމުލައް ސިޓީގައި ވޯޓުލުން ފަށައިފިއެވެ.

ފުވައްމުލައް ސިޓީގައި ވޯޓުލުމުގެ މަސައްކަތް ޖުމްލަ 6 މަރުކަޒެއްގައި ކުރިއަށްދެއެވެ. މި ހުރިހާ މަރުކަޒެއްގައި ވޯޓުލުމުގެ ކަންކަން ބަރާބަރު ގަޑިއަށް ވަނީ ފެށިފައެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އާއި ހަމައަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ފުވައްމުލަކުގައި ވޯޓުލުން ކުރިއަށްދާ މަރުކަޒުތައް

1. މުހައްމަދު ޖަމާލުއްދީން ސްކޫލް (3 ވޯޓިން ސްޓޭޝަން)
2. ފުވައްމުލައް ސިޓީ ޒުވާނުންގެ މަރުކަޒު
3. ފުވައްމުލައް ސިޓީ އަތޮޅު ތައުލީމީ މަރުކަޒު
4. ހާފިޘް އަހުމަދު ސްކޫލު
5. ޒިކުރާ މާލެގަން މަރުކަޒު
6. ފުވައްމުލައް ސްކޫލު (2 ވޯޓިން ސްޓޭޝަން)

މިއަދު ކުރިއަށްދާ ވޯޓުތަކުގައި ފުވައްމުލައް ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަސް މަސައްކަތް ކުރާ ކޮމެޓީގެ އިތުރުން، ޤާނޫނު އަސާސީއަށް ގެންނަ 8 ވަނަ އިސްލާހު ތަސްދީޤުކުރުމަށް ފެނޭތޯ ބެލުމަށް އާންމު ޚިޔާލު ހޯދުމުގެ ވޯޓެއް ނަގާނެއެވެ.

ފުވައްމުލައް ކައުންސިލަށް 8 މެންބަރުން މިއަދު ހޮވާއިރު، ކައުންސިލުގެ މޭޔަރ މުޅި ސިޓީގެ ރައްޔިތުން ވޯޓު ދީގެން ހޮވާނެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށްވެސް 8 މެންބަރުން ކޮންމެ އިދާރީ ދައިރާއަކުން ހޮވާއިރު ކޮމެޓީގެ ރައީސް ވަކިން ހޮވާނެއެވެ.

ފުވައްމުލައް ސިޓީގައި ވޯޓު ދިނުމުގެ ހައްޤު ލިބި ވޯޓު ދިނުމަށް ރަޖިސްޓްރީކޮށްފައިވަނީ 6444 މީހުންނެވެ.