ކުޅިވަރު

ވޯލްޑް ކަޕުގައި ރޮނާލްޑޯ ރޮއްވާލާނަން: ކޮންގޯގެ ވަޒީރު


އަންނަ ޖޫން މަހު ފަށާ ވޯލްޑް ކަޕުގައި ކޮންގޯ އާއި ޕޯޗުގަލް ބައްދަލު ކުރާ މެޗުގައި ޕޯޗުގަލްގެ ކެޕްޓަން އަދި ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ރޮއްވާލާނެ ކަމަށް ކޮންގޯގެ ކުޅިވަރު މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ބައި ގަރުނު ފަހުން ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުފާފާޅު ކުރަން ކިންޝާސާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކުން މިނިސްޓަރު ޑިޑިއޭ ބަޑިންމޯ ވިދާޅުވީ "ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ފަސޭހަ ކަމެއް ނޫން،" ކަމަށެވެ.

"އަހަރުމެން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން މި ހިސާބަށް މިއީ. ކޮލިފައި ވުމަކީ ފަސޭހަ ކަމެއް ނޫން. ވޯލްޑް ކަޕުގައި އަހަރުމެންގެ ފުރަތަމަ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކަރުނަ އަޅާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕުގައި މި މެޗު ކުޅޭނީ އެމެރިކާގެ ޓެކްސަސްގައި ޖޫން މަހުގެ 17 ވަނަ ދުވަހު އެވެ. ކޮންގޯ އާއި ޕޯޗުގަލް އާއެކު ގްރޫޕް ކޭގައި މި ހުރީ އުޒުބަކިސްތާނާއި ކޮލަމްބިއާ އެވެ.

ސްޕޯޓްސް މިނިސްޓަރު މިހެން ވިދާޅުވި ސަބަބެއް ކަމަށް ބެލެވެނީ އޭނާ އަކީ ސްޕޭނުގެ ބާސެލޯނާގެ ސަޕޯޓަރަކަށް ވާތީ އެވެ. ރޮނާލްޑޯ އަކީ ބާސެލޯނާއާ އެންމެ ވާދަވެރި ރެއާލް މެޑްރިޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކުޅުންތެރިއެކެވެ. އަދި ބާސެލޯނާގެ ޖާޒީގައި ސްޕޮންސާކުރާ އެއް ފަރާތަކީ ވެސް ކޮންގޯ އެވެ. ސްޕޯޓްސް މިނިސްޓަރު އިސްވެހުރެ ބިޑަކާ ނުލައި ހެދި މި ސްޕޮންސާޝިޕުގެ މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ.

ކުޅުންތެރިންގެ އަގު ވަޒަން ކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ގައުމުގެ ކެޕްޓަން ވަނީ ކޮންގޯގެ މެޗުތަކަށް ކޯޓޫ ފަޓުލޫނުގައި ދަނޑަށް ދާ ހާއްސަ ސަޕޯޓަރު ލުމުމްބާ ވޯލްޑް ކަޕަށް ދާ ޓީމުގައި ހާއްސަ މެހުމާނެއްގެ ގޮތުގައި ހިމަނައިދިނުމަށް އެދިފަ އެވެ.

ލުމުމްބާ އަކީ ކޮންގޯގެ މެޗުތަކުގައި އެ ގައުމުގެ ގައުމީ ކުލަތަކުން ކޯޓު ފަޓުލޫނުގައި ހުރެ ސަޕޯޓަރުންގެ ތެރޭގައި އެންމެ ބޮޑަށް ލީޑް ނަގާ އެއް ފަރާތެވެ.