ޚަބަރު

އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ އިއުލާން ކުރަން ފަށައިފި


  • ވޯޓުލުމުގެ ހައްޤު ލިބިފައިވާ 294،876 މީހުންގެ ތެރެއިން %73 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވޭ

މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ އިޢުލާން ކުރަން ފަށައިފިއެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބުގެ ވޯޓުލުން މިމަހުގެ 4 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެދުވަހު 3 ވޯޓެއް ކުރިއަށް ގެންދިޔައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ.

މި ވޯޓުގެ ވަގުތީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ. މީގެ އިތުރުން މިހާތަނަށް ޝަކުވާ ހުށަހަޅާފައިވާ ފޮށިތައް އަލުން ގުނުމަށްފަހު އެ ފޮށިތަކުގެ ނަތީޖާވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ އިއުލާންކުރަމުންދާނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް ވަގުތުންނެވެ.

މިފަހަރު އިންތިޚާބަކީ ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ މީހުން ވޯޓުލި އިންތިޚާބު ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

އެގޮތުން މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 294،876 މީހުންނަށް ލިބިގެންދިޔައިރު އޭގެ ތެރެއިން %73 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. މިކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ ފަށާފައެވެ. އެގޮތުން ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުން ކުރިއަށް ގެންދާނީ، އެއް ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވޯޓު ލާފައިވެއެވެ.