ޚަބަރު

"ޙައްޖުގެ އެންމެހާ އިންތިޒާމްތަކެއް ނިމި ވިސާވެސް މިހާރު ވަނީ ހަމަޖެހިފައި"


  • ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމުގައި އެއްވެސް ދަތިކަމެއްނެތްކަމަށް ވަޒީރު ވިދާޅުވި

  • ދިވެހި ޙައްޖުވެރިން މޭމަހުގެ 15 ވަނަ ދުވަހުން ފެށިގެން ފުރަން ފަށާނެ

ޙައްޖުގެ އެންމެހާ އިންތިޒާމްތަކެއް ފުރިހަމަކުރެވިފައިވާކަމަށާއި، ޙައްޖުވެރިންގެ ވިސާގެ ކަންކަންވެސް މިހާރު ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުގައި އެއްވެސް ދަތިކަމެއްނެތްކަމަށެވެ. އަދި ދިވެހި ޙައްޖާޖީންގެ އެންމެހާ ދަތުރުގެ އެންމެހާ ކަންތައްތަކެއްވެސް ވަރަށް ފުރިހަމައަށް ހަމަޖެހި އިންތިޒާމްކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ޙައްޖުވެރިންގެ އެންމެހާ ކަންތައްތަކެއްވެސް ވަނީ ވަރަށް ފުރިހަމައަށް ނިމިފައި. ވިސާވެސް ވަނީ މިހާރު އިޝޫ ކުރެވިފައި. އަދި އެކަމަޑޭޝަނާއި، އެހެނިހެންވެސް ތައްޔާރީތައް ފްލައިޓުގެ ދަތުރުތަކާ ހުރިހާކަމެއްވެސް ވަނީ އިންތިޒާމްކުރެވިފައި." ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިވެހި ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

މިދިޔަ އަހަރުން ފަށައިގެން، ރާއްޖެއިން ޙައްޖަށް ދާ މީހުން ގެންދިއުމަށް ނިންމާފައިވަނީ، %50 މީހުން ސައުދީ އަރަބިއްޔާގެ ސައުދިއާ އެއާލައިން އަދި %50 މީހުން ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުގައެވެ.

ރާއްޖެއިން ފުރުމަށް ހަމަޖެހިފަވާ ތާރީޚުތައް:

• ފްލައިޓް 1 - 15 މޭ - 242 މީހުން
• ފްލައިޓް 2 - 17 މޭ – 250 މީހުން
• ފްލައިޓް 3 - 18 މޭ – 243 މީހުން
• ފްލައިޓް 4 - 19 މޭ – 250 މީހުން

މެއި 15 އަދި 18 ގައި ދަތުރުކުރާ މީހުން ދަތުރުކުރާނީ، ސައުދިއާ އެއާލައިންގެ ފްލައިޓުތަކުގައެވެ. އަދި މޭ 17 އަދި 19ވަނަ ދުވަހު ދަތުރުކުރާ މީހުން ކުރާނީ، މޯލްޑިވިއަންގެ ފްލައިޓުގައެވެ.

ޙައްޖުގެ ތައްޔާރީތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޙައްޖު މިޝަން އަދި ކޯޕަރޭޝަން ގުޅިގެން އަންނަނީ، ކުރިއަށް ގެންދަމުންނެވެ.