"މޯލްޑިވްސް 2.0" ގެ މަގުޗާޓު ތަންފީޒުކުރުމުގައި އަމިއްލަ ފަރާތްތަކުގެ ނުވަތަ ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަށާއި، ރާއްޖޭގެ އައިސީޓީ އެކޯސިސްޓަމް ތަރައްޤީކޮށް ފުޅާކުރުމާ ގުޅޭގޮތުން ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ މައިންޑްކޯއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ އިތުރުން މޯލްޑިވްސް ޑިޖިޓަލް ސަރވިސް ގުޅިގެންނެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި އިދާރާތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފިސަރުންނާއި، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވެއެވެ.
މި ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަަމުން މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރު ވިދާޅުވީ، ތަރައްޤީގެ މަޝްރޫއުތަކުން ލިބޭ ހަޤީޤީ މަންފާއާއި ދެމެހެއްޓެނިވި ކުރިއެރުން ހާސިލްކުރެވޭނީ، އެ ތަރައްޤީގެ ފައިދާ ޤައުމުގެ އިޤްތިޞާދީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ސީދާ ގޮތެއްގައި ފޯރުކޮށްދީގެން ކަމަށެވެ.
މައިންޑްކޯގެ އެމްޑީ ވިދާޅުވީ، މޯލްޑިވްސް 2.0 ފަދަ މުހިންމު މަސައްކަތްތަކުގައި ދައުލަތަށް ޓެކްސް ދައްކާ އަދި އިޤްތިޞާދު ކުރިއެރުވުމުގައި ހިއްސާވާ ފަރާތްތަކަށް ތަރައްގީގެ މަންފާ ފޯރުކޮށްދެވިއްޖެނަމަ، އެ ފަރާތްތަކުގެ އީޖާދީ އައު ވިސްނުންތަކާއި އުފެއްދުންތެރިކަން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ސަރުކާރާއި ސަރުކާރުގެ އިދާރާތަކަކީ މިފަދަ ކަންކަމަށް މަގުފަހިކޮށްދޭ އަސާސީ ބިންގާ. ޕްރައިވެޓް ސެކްޓަރ ނުވަތަ އަމިއްލަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަންޖެހޭ މިފަދަ މުހިންމު ސިޔާސަތުތައް ތަންފީޒުކުރަން އުޅޭއިރު. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވޭ އަމިއްލަ ދާއިރާއާ ގުޅިގެން މަސައްކަތްކޮށް، އެ ފުރުސަތުތައް ފަހިކޮށްދީ، އަޅުގަނޑުމެންނަށް ކިހާ ހިސާބަކަށް ކުރިއަށް ދެވޭތޯ ބަލަން،" އެމްޑީ ސައީދާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިޤްތިޞާދީ ކުރިއެރުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ އެހީތެރިކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައިވެސް އެމްޑީ ސައީދާ އުމަރު ވަނީ ފާހަގަކުރައްވާފައެވެ.
"ކޯ-ކްރިއޭޓިންގް ޕިލަރ - 8- ޕްރައިވެޓް ސެކްޓަރ ޑައިލޯގް" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ މަގުޗާޓުގައި ހިމެނޭ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމާއި އީޖާދީ މަސައްކަތްތަކާ ގުޅޭ އަށްވަނަ ތަނބަށް ޚާއްސަކޮށްގެން ބޭއްވި ހަރަކާތެކެވެ.
Mohamed Eeman Ahmed, Director, Investment and International Relations of @BCC_mv presents on the Startup Ecosystem, exploring key aspects of the Maldives’ digital economy & opportunities to support startups, and entrepreneurship & digital growth!#CoCreatingP8 #Maldives2Point0 pic.twitter.com/BN2H6T4QDP
— Maldives Innovation and Digital Company (@mindcomdv) April 15, 2026
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މޯލްޑިވްސް 2.0 މަޝްރޫޢު ތަންފީޒުކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ހުޅުވާލެވިފައިވާ މާހަޢުލެއްގައި ބިނާކުރުަނިވި މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން، މި މަޝްވަރާތަކުގެ އަލީގައި މަގުޗާޓުގައި ހިމެނިފައިވާ އެކިއެކި ހަރަކާތްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، ޕްރައިވެޓް ސެކްޓަރގެ ދައުރު މި މަސައްކަތުގައި ފުޅާކުރުމަށް އެހީތެރިވެދޭނެއެވެ.
"މޯލްޑިވްސް 2.0" އިން ކަނޑައަޅާފައިވާ ޤައުމީ އިސްތިރާޖީ މިސްރާބާ އެއްގޮތަށް، ވަރުގަދަ ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި، އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ޝާމިލްވާ ހުރިހާ ފަރާތްތަކަށް ނަފާވާ ގޮތަށް މަގުޗާޓުގެ ހަރަކާތްތައް ވިލަރެސްކުރެވިގެންދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މޯލްޑިވްސް 2.0 ގެ އަށްވަނަ ތަނބު ބިނާވެފައިވަނީ ޑިޖިޓަލް އީޖާދުތަކާއި، ފަންނީ ވިޔަފާރިވެރިކަމާއި، ސަރުކާރާއި ޓެކްނޮލޮޖީ ދާއިރާގެ އެއްބާރުލުމުގެ މައްޗަށެވެ. މިއީ އެކި ސިނާއަތްތަކަށް އަންނަ ޑިޖިޓަލް ބަދަލުތަކަށް އަމާޒުކުރާ ހަތްވަނަ ތަނބާއި، ރައްޔިތުންނަށް ލުއި ފަސޭހަ ޑިޖިޓަލް ޚިދުމަތްތަކަށް އަމާޒުކުރާ ހަވަނަ ތަނބާ ގުޅިލާމެހިފައިވާ މުހިންމު މަސައްކަތެކެވެ.