ޚަބަރު

ފަތުރުވެރިންނަށް ވިސާ މުއްދަތު އިތުރުކުރުމުގައި ފަސޭހަތަކެއް!


  • ވިސާ މުއްދަތު އިތުރުކުރުމުގެ ޚިދުމަތް 48 ގަޑިއިރުގެ ތެރޭ ލިބޭނެ

އިމިގްރޭޝަނުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ފަތުރުވެރިންގެ ވިސާ މުއްދަތު އިތުރުކުރުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިންގެ ވިސާ މުއްދަތު އިތުރުކުރުމުގެ އައު އުސޫލުގެ ދަށުން، އިމިގްރޭޝަންގެ ސިސްޓަމްގައި ކުރިން ހިމެނިފައިވާ މައުލޫމާތުތައް ވިސާއަށް އެދޭއިރު އަލުން ފުރާކަށް ނުޖެހޭނެކަމަށް ވިދާޅުވިއެވެ.

ޕާސްޕޯޓުގެ މައުލޫމާތާއި، ފަތުރުވެރިޔާ ހުންނަ ތަނުގެ ރެކޯޑުތައް ފަދަ މުހިންމު ތަފްސީލުތައް ސިސްޓަމުން އަމިއްލައަށް ފުރާނެކަމަށާއި، ވިސާއަށް އެދުމުގެ މަރުހަލާ މިހާރު ކުރިއަށްވުރެ އަވަސްވެފައި ފަސޭހަވާނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަތުރުވެރިންނަށް "އިމުގާ" ޕޯޓަލް މެދުވެރިކޮށް އެ ޚިދުމަތަށް އެދި ހުށަހެޅޭނެކަމަށެވެ.

އެގޮތުން ޕާސްޕޯޓު ނަންބަރު ޖެހުމުން ނުވަތަ ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ އަޕްލޯޑު ކުރުމުން، އެ ފަރާތެއްގެ މައުލޫމާތުތައް ސިސްޓަމުން ހޯދައިދޭނެކަމަށް ވިދާޅުވިއެވެ. އަދި ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ނަގާފައިވާ ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް ހުށަހަޅަން ޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ ހުށަހަޅަން ޖެހޭނީ ޕާސްޕޯޓު އައުކޮށްފައިވާ ނަމަ ނުވަތަ ސިސްޓަމުގައި ހުރި މައުލޫމާތާ މިހާރުގެ މައުލޫމާތު ދިމާނުވާ ހާލަތްތަކުގައިކަމަށެވެ. އަދި ރާއްޖޭގައި ހުންނަ ހޮޓާ ނުވަތަ ގެސްޓްހައުސް ބަދަލުކޮށްފައިވާ ނަމަ، އެ މައުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް އަމިއްލައަށް އަދާހަމަ ކުރެވޭނެކަމަށް ވިދާޅުވިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ވިސާގެ ކަންކަން ނިންމުމަށް ހޭދަވާ ވަގުތު މިހާރު ވަރަށް ބޮޑަށް ކުޑަކުރެވިފަވާކަމަށެވެ. އެގޮތުން ވިސާ މުއްދަތު އިތުރުކުރުމުގެ ޚިދުމަތް 48 ގަޑިއިރުގެ ތެރޭގައި ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ފަތުރުވެރިންގެ ވިސާ މުއްދަތު އިތުރުކުރުމުގެ އުސޫލަށް ގެނައި ބަދަލަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދައުލަތުގެ ޚިދުމަތްތައް ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އިސްކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެކަމަށެވެ.