ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ 97 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވަޑައިގަތުމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިޝްފާން މުޙައްމަދު ޑެންމާކަށް ވަޑައިގެންފިއެވެ.
އަހަރީ އާންމު ޖަލްސާގެ ކުރިން ހުކުރުދުވަހު ވަނީ ބީޑަބްލިއުއެފްގެ މެންބަރުންގެ ފޯރަމް ބާއްވާފައެވެ. މި ފޯރަމްގައި އިޝްފާން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހޮނިހިރު ދުވަހު ބާއްވާ މި ޖަލްސާގައި އެންމެ މުހިންމު އެއްކަމަކަށް އެޖެންޑާ ކޮށްފައިވަނީ މިހާރު ހުށަހަޅާފައިވާ ބެޑްމިންޓަންގެ އައު ސްކޯރިން ފޯމެޓް ކަމަށްވާ 15×3 ފޯމެޓަށް ވޯޓަށް އެހުމެވެ. އަހަރީ އާންމު ޖަލްސާގެ ކުރިން މެންބަރުން މި ފޯމެޓަށް އަހުލުވެރިކުރުމަށް ވަނީ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި ހުކުރު ދުވަހު ބޭއްވި މެންބަރުންގެ ފޯރަމުގައިވެސްވަނީ މި ކަމާބެހޭގޮތުން މެންބަރު ގައުމުތަކުގެ ޚިޔާލުތައް ހިއްސާކޮށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
އެގޮތުން އޭޕްރީލް 7 އަދި 8 ގައި ބޭއްވި ދެ ބައްދަލުވުމެއްގައި މެންބަރު އެސޯސިއޭޝަންތަކުން 125 އޮފިޝަލުން ބައިވެރިވިކަމަށް ބީޑަބްލިއުއެފުން ވަނީ ބުނެފައެވެ.
ޑެންމާކްގެ ހޯސެންސްގައި ހޮނިހިރު ދުވަހު ބާއްވާ ޖަލްސާއަށްފަހު ގާލާ ޑިނާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ މި ޖަލްސާ ރާވާފައިވާ ދުވަސްވަރަކީ، ބެޑްމިންޓަންގެ ވޯލްޑްކަޕް ކަމަށްވާ، ތޯމަސް އެންޑް އުބާ ކަޕް ފައިނަލްސް 2026 ކުރިޔަށްދާ ދުވަސްވަރުވެސްމެއެވެ. 24 އޭޕްރީލުން 3 މޭއިގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގެ މެޗުތައް ބަލާލުމުގެ ފުރުސަތުވެސް މި ޖަލްސާގައި ބައިވެރިވާ ފަރާތްތަކަށް ލިބޭނެއެވެ.