ޚަބަރު

"ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރެވޭނީ ސަރުކާރު ކުންފުނިތައް ހަރުދަނާކޮށްގެން"


  • މިއަހަރު ބަޖެޓުގައި ސަބްސިޑީއަށް ހޭދަކުރާނެ ކަމަށް ލަފާކުރީ 1 ބިލިޔަން ރުފިޔާ

  • އާބާދީ ބޮޑު ރަށްރަށުގެ އިންޖީނުގެތައް މީޑިއަމް ސްޕީޑަށް ބަދަލުކޮށްގެން ޚަރަދު ކުޑަކުރެވޭ

ސަބްސިޑީއަށް ކުރާ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަންޖެހޭ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ ރައްޔިތުން އަބަދުވެސް އެދޭ އެއް ކަމަކީ ސަރުކާރު ބުރަބޮޑުނުވެ ހަރުދަނާ ގޮތެއްގެ މަތިން ސަރުކާރުތައް ހިންގުން ކަމަށެވެ. އެ ވިސްނުމުގައި ބަލާއިރު ދައުލަތުގެ އެންމެ ބޮޑު ޚަރަދެއް ހިނގަނީ ކަރަންޓު އުފެއްދުމުގެ ދައިރާއަށްކަން ސާއިދު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވިނަމަވެސް ސާއިދު ވިދާޅުވީ ސަރުކާރުން ޓެރިފް ރޭޓުތަކަށް ބަދަލު ނުގެނެސް ޚިދުމަތް ދެމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ބުރަ ސަބްސިޑީގެ ގޮތުގައި ސަރުކާރުން އުފުލާ ކަމަށެވެ. މިއަހަރުގެ ހިނގާނެކަމަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ތައްޔާރުކުރިއިރު ދައުލަތުން ސަބްސިޑީއަށް ހިންގާނެ ކަމަށް އަންދާޒާ ކުރީ 1 ބިލިޔަން ރުފިޔާ ކަމަށާއި އޭރު މެދުއިރުމަތީގެ މި ހާލަތަށް ރިއާޔަތް ނުކުރެވޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަބްސިޑީއަށް ކުރާ ޚަރަދު ކުޑަކުރަން ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ސަބްސިޑީ ކުޑަކުރުމަށް މައިގަނޑު ދެ ކަމެއް މިއޮންނަނީ. އެއް ކަމަކީ ކަރަންޓު ފޯރުކޮށްދިނުމަށް ނަގާ މިންވަރު ބޮޑުކުރުން. ބޮޑުކުރާއިރު އެންމެ ނާޒުކު ފަރާތްތަކަށް އަމާޒުކޮށް ސަބްސިޑީ ފޯރުކޮށްދިނުން. އެހެން ހެދިނަމަވެސް އިން އެފިޝެންޓް. ނިޒާމުގައި ކަރަންޓު ޔުނިޓަކަށް ހޭދަ ކުރާ މިންވަރު ބޮޑުވާ މިންވަރެއްގެ ސަބަބުން ރައްޔިތުންނަށް މާލީ ބުރައަކަށް އެކަންވޭ އަޅުގަނޑުމެންގެ ދިރާސާތަކަށް ބަލާއިރު. ސަރުކާރުގެ ސިޔާސަތަކީ ކުންފުނިތައް ރިފޯމް ކުރުން. މިއީ ކޮންމެހެން މުހިންމު ކަމެއް." ސާއިދު ވިދާޅުވިއެވެ.

ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތް މެދުކެނޑުމަކާއި ނުލައި ބުރަ ބޮޑުނުވާނެހެން ކުރިއަށް ގެންދިއުން ކަމަށް މާލީ ވުޒާރައިން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބޭނުން ކުރާ ހަކަތައިގެ %33 އިންސައްތަ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަކީ ކޮންމެހެން ތަންފީޒުކުރަންޖެހޭ ކަމެއްކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

ސާއިދު ވިދާޅުވީ ރަނގަޅު ސޯލާ ނިޒާމެއް ޤާއިމްކުރާއިރު ފަޅުންނާއި ބިމުން ބޮޑު ޖާގައެއް ބޭނުންވާ ކަމަށާއި ކޮންމެ ރަށެއްގައި ޓެކްނިކަލް ގިނަ މަސައްކަތްތަކެއް އެކަމުގެ ތެރެއިން ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ހަކަތައް ކުރާ ޚަރަދު ކުޑަކުރުމަށް އިންޖީނުގެތަކަށް ބަދަލުތަކެއް ގެނައުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި މިހާރު ހުރީ ހައިސްޕީޑް ޑީސެލް އިންޖީނުގެތަކެއް ކަމަށާއި، ނަމަވެސް އާބާދީ ބޮޑު ސްކޭލް ލިބޭ ރަށްރަށުގައި މީޑިއަމް ސްޕީޑް އިންޖީނު ބަހައްޓައިގެން ޚަރަދުތައް ކުޑަކުރެވޭނެ ކަމަށް މާލީ ވުޒާރާއިން ބެލި ބެލުމުން އެނގިފައިވާ ކަމަށް ސާއިދު ވިދާޅުވިއެވެ.

"މިގޮތަށް މެދު ރާސްތާ އަދި ދިގުރާސްތާގައި އިންވެސްޓްކޮށްގެން ގެންދެވިއްޖެ ނަމަ މާލީ ވުޒާރާގައި އަޅުގަނޑުމެން ފަންނީ ލެވެލެއްގައި ބަލާފައިވަނީ ރާއްޖޭގެ ސަބްސިޑީއަށް ކުރާ ހޭދަ ވަރާށް ބޮޑު ތަނުން ކުޑަކުރެވޭނެ ކަމަށް. އެއީ ދައުލަތުގެ ޚަރަދު ކުޑަވާނެ ކަމެއް. މިމަސައްކަތުގައި ސްޓެލްކޯއާއި ފެނަކާއި ގުޅިގެން މިކަންތައް ކުރަނީ. އެސްއޯއީތައް ހަރުދަނާކޮށް ކުރާ ޚަރަދުތައް ކުޑަކޮށްގެން މެނުވީ މާލީ ގޮތުން ގެންނަން ބޭނުންވާ އެއްވެސް ރިފޯމެއް ގެނެވެން ނެތީމަ." ސާއިދު ވިދާޅުވިއެވެ.

ސަރުކާރުން ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށާފައެވެ. މިގޮތުން އެންމެ ފަހުން ގެނެވުނު އެއް ބަދަލަކީ މެދުރާއްޖެތެރޭ 3 އަތޮޅު ކަމަށްވާ ބ. އަތޮޅު، ޅ. އަތޮޅު އަދި ޅ. އަތޮޅުގެ ރަށްތަކުގެ ފެނާއި ކަރަންޓާއި ނަރުދަމާ ޚިދުމަތް ދިނުން ސްޓެލްކޯއާއި ހަވާލުކުރުމެވެ. މި އެއްބަސްވުމުގެ ދަށުން ބ، ޅ އަދި މ އަތޮޅުގެ 25 ރަށުގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިނުމާއި ސްޓެލްކޯއިން ޙަވާލުވުމަށް ހަމަޖެހިފައިވެއެވެ.