ކަރަންޓް ޓެރިފް ރޭޓަށް މިވަގުތު އެއްވެސް ބަދަލެއް ގެނައުމުގެ ސިޔާސަތެއް ނެތް ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސާޢިދު މުސްޠަފާ ވިދާޅުވީ، ޓެރިފް ރޭޓަށް ގެންނަ ބަދަލެއްގެ ސަބަބުން ދައުލަތުން އެކަމުގެ ބުރަ އުފުލަން ޖެހިދާނެ ކަމަށެވެ.
ދައުލަތުގެ މާލީ ނިޒާމު ހިންގުމުގެ ސިޔާސަތުތައް ޚާއްސަކޮށް ހަކަތައިގެ ދައިރާގެ ސިޔާސަތުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދުގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކަރަންޓު ޓެރިފްގެ ކަންކަމުގައި ސަރުކާރުގެ ސިޔާސަތައް މާލީ ވުޒާރާ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސާޢިދު މުސްޠަފާ ވަނީ އަލިއަޅުއްވާފައެވެ.
ހަކަތައަށް ސަރުކާރުން ކުރަންޖެހޭ ޚަރަދުތައް ކަނޑައެޅުމުގެ ތެރޭގައި ޓެރިފް ރޭޓަށް އިތުރު ބަދަލެއް ގެނައުމުގެ ސިޔާސަތެއް ނެތްކަމަށް ސާޢިދު ވިދާޅުވިއެވެ. ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ޓެރިފްތަކަކީ ބައިނައަލްޤްވާމީ މިންގަނޑުތަކުން ބަލާއިރުވެސް، ވަރަށް ކުޑަ މިންވަރެއްކަން މާލީ ވުޒާރައިން ފާހަގަކުރައްވައެވެ.
އަދުގެ ސަރުކާރު ހަވާލުވުމަށްފަހު މީގެ އަހަރެއްހާ ދުވަސްކުރިން މޭ މަހުގެ ފަހުކޮޅު ކަރަންޓު ޓެރިފް ރޭޓަށް ވަނީ ބަދަލު ގެނެސްފައެވެ. އެ ބަދަލުގެ ދަށުން ގޭބީސީތަކުގައި ބޭނުންކުރާ ކަރަންޓު ޓެރިފް ރޭޓުތައް ވަނީ ކުޑަކޮށްފައެވެ.
ޑެޕިއުޓީ މިނިސްޓަރ ސާޢިދު ވިދާޅުވީ، ޓެރިފް ރޭޓަށް ބަދަލު ގެންނައިރު ބަލަން ޖެހޭ ގިނަ ކަންކަން ހުންނަ ކަމަށެވެ. މިހާތަނާށް ސިޔާސަތު ކަނޑައެޅުމުގައި ބެލެވިފައި އޮތީ، ގޭބީސީތަކުގެ އާމްދަނީގެ ނިސްބަތުން ކަރަންޓު ބިލު ކުޑަވެ ނުވަތަ ބޮޑުވާކަމަށްކަމަށް ސާޢިދު ވިދާޅުވިއެވެ. ނަމަވެސް މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެންނަ ހަޤީޤަތެއް ނޫންކަން ފާހަގަކުރައްވިއެވެ.
"މީހުން ގިނައިން ތިބޭ އެއް ކޮޓަރި ފިނި ކުރާނަމަވެސް އެއަރކޯން ކުރަން ޖެހޭ މަސައްކަތް ބޮޑުވާނެ. ހަމައެގޮތަށް އައުޓްޑޯ ޔުނިޓް ބެހެއްޓުމައްޓަކައި، ވަރަށް ގިނަ ގޭގޭގައި ފެނިވަޑައިގަންނަވާނެ މި ބެހެއްޓެނީ ވައިގޮޅީގައި. އޭގެ ސަބަބުންވެސް އެއަރކޯނުން ކުރަން ޖެހޭ މަސައްކަތް ބޮޑުވާތީވެ، ކަރަންޓުގެ ބިލް ވަރަށް ބޮޑުތަނުން ބޮޑުވޭ. އެހެންވީމަ އަޅުގަނޑުމެންނަށް ފެންނަނީ ޓެރިފް ރޭޓް ބަދަލުކުރުމަށް ވިސްނާކަމަށްވަންޏާ މީގެއިން ދިވެހި ދައުލަތުން ކުރަންޖެހޭ ހޭދަ މިއަށްވުރެ ބޮޑުވާނޭ." މާލީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ސާޢިދު ވިދާޅުވިއެވެ.
ރާއްޖޭގައި ކަރަންޓު އުފައްދަނީ ގެއްލުމުގައި ކަމުން މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ސަރުކާރުން ބޮޑު ސަބްސިޑީއެއް ދައްކައެވެ. މިއީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން ދައްކާ ސަބްސިޑީއެއް ކަމުން، މިފަދަ ބުރައެއް އުފުލުމުގެ ކުރިން އެހެން ގޮތްތަކެއް ހޯދުމުގެ މުހިންމުކަން މާލީ ވުޒާރާއިން ފާހަގަކުރެއެވެ.
ސަރުކާރުގެ މިހާރު ސިޔާސަތަކީ، ކަރަންޓު ޔުނިޓެއް އުފެއްދުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުން ކަމުގައި ޑެޕިއުޓީ މިނިސްޓަރ ސާޢިދު ވިދާޅުވިއެވެ.
ސަރުކާރުން މިކަން ކުރާނީ އިޔާދަ ކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމާއެކު ރަށްރަށުގެ އިންޖީނުގެތަކުގައި ހުރި އިންޖީނުތައް މިހާރަށްވުރެ ޚަރަދު ކުޑަ އިންޖީނުތަކަށް ބަދަލުކޮށްގެން ކަމަށް މާލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
"ކަރަންޓު ދައުލަތުން އުފައްދާ ނިޒާމު، ގެއްލުމުގައި މި އުފައްދަނީ. ކުރިންވެސް ފާހަގަކުރި ގޮތަށް ސަބްސިޑީ ދެނީ ރެވެނިއު ލޮސްއަށް އެހެންވީމަ ރެވެނިއު ލޮސްއަށް ސަބްސިޑީ ދޭ ކަމަށްވާނަމަ، އޭގެ މާނައަކީ، އެކުރާ ކަމެއްގެ ގެއްލުން ކުޑަ ކުރުމަށް ދޭ ފައިސާއެކޭ. އަޅުގަނޑުމެންނަށް ޖެނެރޭޝަން ސައިޑުން މިކުރާ ކަމަށް ވޯކް ކުރެވިއްޖެނަމަ، އަޅުގަނޑުމެންނަށް ޓެރިފް އިތުރަށް ބޮޑު ކުރަން ޖެހޭ ހާލަތެއް ނާންނާނެ." ޑެޕިއުޓީ މިނިސްޓަރ ސާޢިދު ވިދާޅުވިއެވެ.
ކަރަންޓު ޓެރިފް ރޭޓުތަކަށް އިތުރު ބަދަލު ގެނައުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަން މާލީ ވުޒާރާއިން ހާމަކުރައްވާފައިވާއިރު، ސަރުކާރުން ދަނީ ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ފެނަކަ އަދި ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ބައެއް ބަދަލުތައް ގެންނަމުންނެވެ.
އެގޮތުން ފެނަކަ ކުންފުނިން ބަލަހައްޓަންޖެހޭ ރަށްތައް މަދުކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ އަސާސީ ޚިދުމަތްތައް ދިނުމަށް ސްޓެލްކޯއާއި ހަވާލުކުރަން ވަނީ ނިންމާފައެވެ. މީގެ ސަބަބުން ފެނަކައަށް އޮތް ބުރަ ކުޑަވެ އުތުރާއި ދެކުނުގައި ޚިދުމަތް ދިނުމަށް އިސްކަން ދެވޭނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.