ކުޅިވަރު

ސަލާހަށް އަނިޔާވެއްޖެ، ދެން ފެންނާނީ ވޯލްޑް ކަޕުން


ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހަށް އަނިޔާވެ ސީޒަން ނިމިއްޖެ ކަމަށް އޭނާގެ ގައުމު މިސުރުން ބުނެފި އެވެ.

މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ފޯވަޑް މި އަނިޔާގެ ސަބަބުން ދެން ފެންނާނީ އަންނަ ޖޫން މަހު ފަށާ ވޯލްޑް ކަޕުގައި ކަމަށް ވެސް މިސުރުން ބުނެ އެވެ.

މިހެންވެ ލިވަޕޫލްގެ ސަޕޯޓަރުންނަށް އެ ޓީމުގެ ތާރީހުގައި ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިން ދެން އެ ޓީމުގެ ޖާޒީގައި ފެނުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. ސަލާހް ވަނީ 2017 ވަނަ އަހަރު ލިވަޕޫލާ ގުޅުނު ފަހުން މިހާތަނަށް 257 މގޯލު ޖަހައިދީފަ އެވެ. އެއީ 435 މެޗުންނެވެ.

އޭނަ އަށް އަނިޔާވީ އިނގިރޭސި ޕްރެމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އަތުން ލިވަޕޫލް މޮޅުވި މެޗުގަ އެވެ. މިއާއެކު މެޗުގެ 59 ވަނަ މިނިޓްގައި ބަދަލު ކުރަން ޖެހުނު 33 އަހަރުގެ ފޯވަޑްގެ އަނިޔާގެ މިންވަރު ދެނެގަތުމަށް ފަލަމަސްގަނޑުގެ ޓެސްޓްތައް ދަނީ ހަދަމުންނެވެ.

ކޯޗު އާނޭ ސްލޮޓް ބުނީ ސަލާހަށް އަދި ލިވަޕޫލަށް ކުޅެވޭނެކަން ބުނަން އަވަސް ކަމަށެވެ.

"އެއްޗެއް ބުނަން އަވަސް. އެކަމަކު އެންމެނަށް ވެސް ފެންނާނެ އޭނާ ދަނޑުން ފައިބައިގެން ދިޔައީ އުނދަގޫކޮށްކަން. ސަލާހް ދަނޑުން ފައިބާނީ ކޮންމެވެސް ކަމެއް ވަރަސް ގޯސްވުމުން. އަހަރުމެން އަދި ޖެހޭނީ އިންތިޒާރު ކުރަން،" ސްލޮޓް ބުންޏެވެ.

އޭނާ އަށް އަނިޔާވުމަކީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ލިވަޕޫލް ކުރާ މަސައްކަތަށް ވެސް އެޅޭނެ ހުރަހެކެވެ. ސަލާހަކީ މިސުރުގެ ކެޕްޓަނެވެ. އެންމެ ފަހުގެ އެފްރިކާ ކަޕުގެ ނާކާމިޔާބީ ހަނދާނުން ފޮހެލުމަށް ވޯލްޑް ކަޕުގައި އޭނާ ވާދަ ކުރަން ޖެހެނީ ބެލްޖިއަމާއި އީރާނާއި ނިއުޒިލޭންޑާ އެވެ.