ކުޅިވަރު

ވޯލްޑް ކަޕް: ހަރަދު ބޮޑުވުމުގެ ޝަކުވާ، ފީފާއިން ދޭ ފައިސާ އިތުރު ކުރަނީ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ގައުމުތަކުން ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ޝަކުވާ ގިނަވުމުން މުބާރާތް ކުޅޭ ގައުމުތަކަށް ފީފާއިން ދޭ ފައިސާ އިތުރު ކުރަން ނިންމައިފި އެވެ.

މިއާއެކު ފީފާގެ 211 މެމްބަރު ގައުމުތަކުން ފުޓްބޯޅަ ތަރައްގީ ކުރުމަށް ދޭ ބަޖެޓް ވެސް އިތުރު ކުރާނެ އެވެ. ނަމަވެސް މި ހުށަހެޅުންތައް ފާސް ކުރާނީ މާދަމާ ވެންކޫވާގައި ބާއްވާ ފީފާ ކައުންސިލް ބައްދަލުވުމުގަ އެވެ.

ފުރަތަމަ ފަހަރަށް 48 ގައުމު ބައިވެރިކޮށްގެން ބާއްވާ މުބާރާތަށް ކޮލިފައިވި 48 ގައުމުގެ އެންމެ ބޮޑު ޝަކުވާ އަކީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށްވުރެ އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ޖޫން 11ގައި ބާއްވާ ވޯލްޑް ކަޕަށް ކުރަން ޖެހެ ހޭދަ ބޮޑުވުމެވެ. މި ހަރަދުތައް އިތުރުވާ މައިގަނޑު ސަބަބުތަކަކީ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު އިތުރުވުމުން މުބާރާތް ދިގު ދެމިގެންދިއުމާއި ތިން ގައުމެއްގައި މެޗުތައް ކުޅެން ޖެހޭތީވެ ދަތުރު ފަތުރާއި އިންތިޒާމްތަކަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި އެމެރިކާގެ ޓެކްސް ބޮޑުވުމާއި އެކިއެކި ހިދުމަތްތަކުގެ އަގު އުފުލިފައިވުމެވެ. މުބާރާތް ކުޅޭ ޓީމުތަކުން ޓެކްސް ދައްކަން ޖެހޭއިރު އެމެރިކާއިން ވަނީ ބައެއް ގައުމުތަކަށް ޓެރިފްގެ އަގު ބޮޑުކޮށްފަ އެވެ. މިއީ ވެސް ގައުމުތަކުން ކަންބޮޑުވާ ކަމެކެވެ.

މިކަންބޮޑުވުންތަކާއެކު ފީފާއިން މިހާރު ވަނީ މުބާރާތް ކުޅޭ ގައުމުތަކާއެކު މަޝްވަރާކޮށްފަ އެވެ. ފީފާގެ ސްޕޯކްސްޕާސަން މާދަމާގެ ބައްދަލުވުންތަކުގެ ކުރިން ވިދާޅުވީ ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމާއަތަށް ލިބޭ އާމްދަނީއަށް ބަލައިގެން ޓީމުތަކަށް ދޭ ފައިސާ އިތުރު ކުރާނެ ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އަދި ވަކިއެއްޗެއް ނުބުނެ އެވެ.

ފީފާއިން އިތުރު ކުރާނީ މުބާރާތުގެ އިނާމުގެ ގޮތުގައި ޓީމުތަކަށް ދޭ ފައިސާ އެވެ. މިހާރު ކަނޑައަޅާފައިވާ އަދަދަކީ އިނާމް ފައިސާގެ ގޮތުގައި 727 މިލިއަން ޑޮލަރެވެ. މީގެ ތެރޭގައި ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ 50 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ. މިއީ އެންމެ ފަހުގެ ވޯލްޑް ކަޕަށްވުރެ 50 ޕަސެންޓް އިތުރު އަދަދެއް ކަމަސް ފީފާއިން ބުނެ އެވެ.

ހަރަދު ބޮޑުވުމުގެ މައްސަލަ ފީފާގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެނެސްފައިވަނީ ޔޫރަޕުގެ ފުޓްބޯލަ ޖަމާއަތުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މި ފަހަރަކީ ފީފާ އަށް ވެސް އެންމެ ގިނަ ފައިސާ ލިބޭ ހަތަރު އަހަރު ކަމަށްވާނެ ކަމަށް އެ ޖަމާއަތުން ވެސް ވަނީ އަންދާޒާ ކޮށްފަ އެވެ. މި ގޮތުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަސައްކަތް ކުރައްވަނީ ހަތަރު އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 11 ބިލިއަން ޑޮލަރު ހޯއްދެވުމަށެވެ.