ގަދަ މެޗުތަކަށް ހާއްސަކޮށް ވޯލްޑް ކަޕް ފައިނަލް މެޗަށް ކުޅުންތެރިން ސަސްޕެންޑްވާން ނޭދޭ ކަމަށާއި ރީނދޫ ކާޑުގެ އުސޫލަށް ބަދަލު ގެންނަނީ މިހެންވެ ކަމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ބުނެފި އެވެ.
އެ ޖަމާއަތުން މިހާރު ވިސްނާފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ދެ ފަހަރެއްގެ މަތީން ރީނދޫ ކާޑުތައް މައާފް ކުރުމަށެވެ. މި ގޮތުން ގްރޫޕް ސްޓޭޖަށް ފަހު ހުރިހާ ކުޅުންތެރިންގެ ކާޑުތައް މައާފް ކުރުމަށް ފަހު ސެމީ ފައިނަލްގެ ކުރިން ވެސް ކާޑުތައް މައާފް ކޮށްލުމަށެވެ.
"މިއީ ވޯލްޑް ކަޕް. އެއްވެސް ކުޅުންތެރިއަކު ފައިނަލަށް ސަސްޕެންޑް ވުމަކީ ވެގެންވާނެ ގޮތެއް ނޫން. ގަސްތުގައި ކުށެއް ކޮށްގެން ނޫނީ ކުޅުންތެރިންނަށް މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބުން އެންމެ ރަނގަޅު ގޮތަކީ،" ފީފާގެ އޮފިޝަލަކު އޭއެފްޕީ އަށް ބުންޏެވެ.
މިހާތަނަށް ފީފާއިން ކާޑުތައް މައާފް ކުރަމުން އައީ ކުއާޓާ ފައިނަލަށް ފަހު އެވެ.
މިހެންވެ މިއަދު ވެންކޫވާގައި އޮންނަ ފީފާ ކައުންސިލް ބައްދަލުވުމުގައި މިކަމާމެދު ވަކި ގޮތެއް ނިންމާނެ އެވެ. މިއާއެކު މި ފަހަރުގެ ވޯލްޑް ކަޕް ކުޅޭ ޓީމުތަކަށް ދޭ ފައިސާގެ އިނާމް ވެސް ބޮޑު ކުރަން ވަނީ ނިންމާފަ އެވެ.
އަންނަ ޖޫން މަހު އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯގައި ފަށާ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. މުބާރާތުގައި 48 ގައުމު ވާދަ ކުރާނެ އެވެ.