ސިޔާސީ ޕާޓީން ވަކިވުމުން ނުވަތަ އެ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ޤާނޫނުއަސާސީގެ އޮނިގަނޑާ ޚިލާފުނޫން ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.
ކޯޓުން މިގޮތަށް ޙުކުމް ކޮށްފައިވަނީ، މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާޙަކީ ޤާނޫނުއަސާސީގެ އޮނިގަނޑާ ޚިލާފު ކަމަށް ކަނޑައަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ. މި މައްސަލައިގައި އެމްޑީޕީންވެސް ވަނީ ތަދައްޚުލްވެފައެވެ.
މި މައްސަލައިގައި ޢަލީ ޙުސައިން ވިދާޅުވީ ޤާނޫނުއަސާސީއަށް ގެނައި މި އިސްލާޙަކީ ޤާނޫނުއަސާސީގެ 26، 75 އަދި 90 ވަނަ މާއްދާއާ ފުށުއަރާ ބަދަލެއް ކަމަށެވެ. އަދި މިއީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވާނެ އިސްލާޙެއް ކަމަށް ވިދާޅުވިއެވެ. އެހެންވެ މި އިސްލާޙަކީ، ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލު އިސްލާޙެއް ކަމަށް ކަނޑައަޅައިދިނުމަށް ޢަލީ ހުސައިން ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ރައުޔު އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމުގެ ބާރު މަޖިލީހަށް ލިބިގެންވާއިރު، މިނިވަން ޑިމޮކްރަޓިކް ޤައުމުތަކުގައި އޮންނަ އުސޫލުތަކަށް ރިއާޔަތްކޮށް އެފަދަ އިސްލާހެއް ޤާނޫނުއަސާސީއަށް ގެނައުމަކީ ޤާނޫނު އަސާސީގެ ސިޔާދަތާ ޚިލާފް ކަމެއް ނޫން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ޤާނޫނުއަސާސީއަށް ގެނައި އިސްލާހަކީ، ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލް އިސްލާހެއް ކަމަށް ކަނޑައެޅޭނެ އެއްވެސް ހަމައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ރިޔާސީ ނިޒާމާއި، ބަރުލަމާނީ ނިޒާމު އަދި ރިޔާސީ ނިޒާމުގެ ކަންކަން ހިމެނޭގޮތަށް ހިންގަމުންދާ ބަރުލަމާނީ ނިޒާމުތަކަށް އަމަލު ކުރަމުންދާ ޤައުމުތަކުގައި އެންޓިޑިފެކްޝަން ޤާނޫނުތަކާ ގުޅިގެން ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތް ކުރައްވާފައެވެ. އަދި ކުރިން ވެސް އެފަދަ ޤާނޫނެއް ރާއްޖޭގައި 2017 ވަނަ އަހަރު ފާސް ކޮށްފައިވާ ކަމަށާއި، އެ އެ އިސްލާހު ސައްޙަ ކަމަށް ސުޕްރީމް ކޯޓުން ނިންމަވާފައިވާކަންވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ނިންމުމުގައި ވިދާޅުވީ، މިއީ 20 ވަނަ މަޖިލީހަށް ވެސް ހިނގާނެ އިސްލާޙެއް ކަމަށެވެ.
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ ރައުޔަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިތުރު 5 ފަނޑިޔާރުން ވަނީ، ތާއީދު ކުރައްވާފައެވެ. އެމަނިކުފާނުގެ ރައުޔާ ދެކޮޅު ރައުޔެއް ހުށަހެޅުއްވީ، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދެވެ.
ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި އެ އިސްލާހު ބާތިލް ކުރަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އެއީ، މަޖިލީހަށް މެންބަރުން އިންތިޚާބުކުރަނީ، އެ މީހަކަށް ބަލައިގެން ކަމަށްވެފައި މެންބަރުން އިސްކުރަން ޖެހޭނީ ރައްޔިތުންގެ މަސްލަހަތު ކަމަށްވާތީ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
މި މައްސަލަ ބެއްލެވި ބެންޗުގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު ޝުޖޫންގެ އިތުރުން ހިމެނިވަޑައިގެންނެވީ، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންއާއި، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމްއާއި، ފަނޑިޔާރު ޙުސައިން ޝަހީދާއި، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމެވެ.