ޚަބަރު

ތުޅާދޫއާއި ވިލުފުށީ ހައުސިން ޔުނިޓްތަކަށް ހުށައެޅުމުގެ މުއްދަތު މިރޭ ހަމަވާނެ


  • މިރޭ 23:59 އަކަށް މި މުއްދަތު ހަމަވާނެ

  • ފްލެޓްތަކަށް އެދި ހުށަހަޅަންޖެހޭނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް

ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިރޭ ހަމަވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި މުއްދަތު މީގެކުރިން ވަނީ އެ ވުޒާރާއިން އިތުރުވެސްކޮށްދީފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މި ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލީ މިއަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގައެވެ. އަދި ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުޞަތު މިމަހުގެ 11ގައި ހަމަވާތީ އެ މުއްދަތު ވަނީ މިމަހުގެ ނިޔަލަށް އިތުރުކޮށްދީފައެވެ. އެހެންކަމުން މިރޭ (30 އެޕްރީލް) ވަނަ ދުވަހުގެ 23:59 އަކަށް މި މުއްދަތު ހަމަވާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ދެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހަޅަންޖެހޭނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށެވެ. މި 2 ރަށުގެ ހައުސިން ޔުނިޓްތަކަށްވެސް މިހާތަނަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ދެ ރަށުގެ ތެރެއިން ތ. ވިލުފުށި 100 ހައުސިންގ ޔުނިޓަށް އެދި މިހާތަނަށް 206 އެޕްލިކޭޝަން ލިބިފައިވާއިރު، ބ. ތުޅާދޫ 100 ހައުސިން ޔުނިޓަށް އެދި 347 އެޕްލިކޭޝަން މިހާތަނަށް ލިބިފައިވާކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން މީގެކުރިން ކުރި ހުކުމެއްގައި ވަނީ، ފްލެޓް ދޫކުރުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ ގާނޫނާ ހިލާފު ބަދަލުތަކެއް ކަމަށެވެ. އެހެންކަމުން، ކުރިން އާންމުކުރި އުސޫލަށް އަމަލުކުރުމަށް ކޯޓުން އަމުރުކުރި ނަމަވެސް، އެކި މައްސަލަތަކާ ހުރެ މިހާތަނަށް އެ ތަންތަން ހަވާލުކުރެވިފައެއް ނުވެއެވެ.

މި މައްސަލަތައް ބޮޑުވެ، ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ މުޅި މަސައްކަތްތަކާ އިމާރާތްކުރުމާބެހޭ ވުޒާރާއިން އަލުން ވަނީ ހަވާލުވެފައެވެ. ވުޒާރާއިން އޭރު ވިދާޅުވީ، މިހާރު މި ޔުނިޓްތައް ދޫކުރާނީ އަލަށް އެކުލަވާލާފައިވާ ހަރުދަނާ އުސޫލެއްގެ ދަށުން ކަމަށެވެ.

ވިލުފުށީގައި 100 ހައުސިން އެޅުމުގެ މަސައްކަތަކީ، 2011 ވަނަ އަހަރު ނޫމަޑިއާ ހަވާލުކޮށްގެން ފެށި މަޝްރޫޢެކެވެ. ހައުސިންގ ޔުނިޓުތަކުގެ އިމާރާތްކުރާތްކުރުމާ ގުޅޭ މަސައްކަތްތައް މިހާރު ވަނީ ނިންމާފައެވެ. އަދި ޔުޓިލިޓީ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާ ވިއުގަ ގުޅާ، ޚިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ ފެނަކައާއެކެވެ.