ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒު: 31 އޮގަސްޓުގެ ކުރިން ތަކެތި ބައިވެރިކުރެވޭނެ


  • މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރިކުރެވޭނެ

  • އުމުރުން 13 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެ

"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު 31 އޮގަސްޓުގެ ނިޔަލަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވަނީ ހުޅުވާލާފައެވެ. މިއަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރިކުރެވޭނެއެވެ.

މިއަހަރުގެ މައުރަޒުގައި އުމުރުން 13 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން، ތައުލީމުދޭ މަރުކަޒުތަކާއި، ރަށް ނުވަތަ ސިޓީ ކައުންސިލްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހް އާދަމް ވިދާޅުވީ، އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިއަހަރު އެޕްލިކޭޝަން ހުށައެޅުން ހަމަޖައްސާފައިވަނީ ފޭސްއައުޓްކޮށް ފިލްކުރަންޖެހޭގޮތަށް ކަމަށެވެ. މާނައަކީ 31 އޮގަސްޓުގެ ކުރިން ބައިވެރިވާ ފަރާތުގެ އަމިއްލަ މައުލޫމާތާއި، ކުރިމަތިލާ ގިންތިއާއި އަދި ބައިވެރިކުރާ ތަކެތީގެ އަދަދު އެކަނި ޖަހާލުމުން ފުދޭނެކަމަށެވެ. މީގެ އެންމެ މުހިންމު ބޭނުމަކީ އުފެއްދުމުގެ މައުލޫމާތު މި މަރުހަލާގައި ނޭންގުނުނަމަވެސް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު ދިނުންކަމަށް ސާމިހު ވިދާޅުވިއެވެ.

"މިހާތަނަށް އަންނައިރު ބައެއް ފަރާތްތަކަށް ފަހަރެއްގައި އަދި ޔަޤީންނުވެ ހުރެދާނެ ތިމަންނަ ކޮންމެ ޕްރޮޑަކްޓެއްތޯ ލާނީ. އެހެންވީމަ އެ ވިސްނުމަށް ބަލާފައި މިހާރު އަޅުގަނޑުމެން މިހާރު މި އިނީޝިއަލް ފޭސްގައި މިޖެހެނީ އެބޭފުޅެއްގެ ޕާސަނަލް އިންފޮމޭޝަންއާއިއެއްކޮށް ހަމައެކަނި މި މެންޝަން ކޮށްލަންޖެހެނީ އަޅުގަނޑުމެންގެ މި ހުރި ގިންތިތަކުގެ ތެރެއިން ކޮން ގިންތިއަކުންކަމާ ކުރިމަތިލާންޖެހެނީ ކިތައް ޕްރިޑަކްޓްކަން. އޭގެ ބޭނުމަކަށް މިވަނީ އަސްލު މި ސްޓޭޖްގައި އަޅުގަނޑުމެންނަށް ވަރަސް މުހިންމު ކިތައް ޕްރޮޑަކްޓްކަން ބައިވެރިވާނީ އިނގުން." ސާމިހް ވިދާޅުވިއެވެ.

31 އޮގަސްޓުގެ ކުރިން ބައިވެރިވުމަށް އެޕްލައިކުރެވޭއިރު 15 ސެޕްޓެންބަރާ ހަމައަށް އުފެއްދުމުގެ ތަފްސީލް ހިމެނޭނެއެވެ. އަދި 30 ސެޕްޓެންބަރު ގެ ކުރިން އުފެއްދުމާއި ބެހޭ ތަފްސީލް ހިމެނުމަށް ފުރުސަތު ލިބޭނެކަމަށް ބީސީސީއިން ވަނީ ވިދާޅުވިއެވެ. މިހާތަނަށް އައިއިރު މި މައުރަޒަށް 180 އެޕްލިކޭޝަނެއް ލިބިފައިވާކަމަށް ބީސީސީން ވިދާޅުވިއެވެ.

މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ދީނީ ކޮންޓެންޓަށް ޚާއްޞަ ކެޓަގަރީއެއް ފުރަތަމަ ފަހަރަށް ވަނީ ތަޢާރަފްކޮށްފައެވެ. މިއީ އިސްލާމީ ތަޢުލީމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި ދައްކާލުމަށް ހުޅުވާލެވުނު މުހިންމު ފުރުޞަތެއްގެ ގޮތުގައި ބީސީސީއިން ދެކެއެވެ.