ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއާއި ކުޅިވަރު ވުޒާރާ އެއްކޮށްލައްވާ، ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ނަމަށް، ނަން ބަދަލުކުރެއްވީ 14 އޭޕްރީލް 2026 ގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިބަދަލު ގެންނަވާ އެ ވުޒާރާގެ ވަޒީރުކަން، އަބްދުﷲ ރާފިޢުއާއި ހަވާލުކުރެއްވީ ގިނަ ޒިންމާތަކަކާއެކު ރަނގަޅު ނަތީޖާތަކެއް ހާސިލުކުރެއްވުމުގެ އުންމީދާއެކުގައެވެ.
ޒުވާނުންނާއި ގުޅޭ ޒުވާނުންނާއެކު ގިނަ ވަގުތު ހޭދަކުރައްވާ ޒުވާނުންގެ އަޑު އައްސަވާ ބޭފުޅެއްގެ ގޮތުގައި ކުޅިވަރު މައިދާނުންވެސް ފާހަގަކޮށްލެވޭ ރާފިޢު ވަނީ ވުޒާރާގެ އައު މެންޑޭޓާއި އެކު ޒުވާނުންނާއި ގުޅުން ހުރި ދާއިރާތަކުގެ ކަންކަން ރޭވިފައިވާގޮތްތަކުގެ މައުލޫމާތު އެއްކުރައްވަން ފައްޓާވާފައެވެ. ވަކިން ހާއްސަކޮށް ޒުވާނުންގެ ޔޫތްހަބް ފަދަ ތަންތަނަށް ގެންނަން ޖެހޭ ބަދަލުތައް އެ ގެންދަވަނީ ދިރާސާ ކުރައްވަމުންނެވެ.
ގައުމެއްގެ އިގްތިސާދުގައި މައިބަދައަކީ ޒުވާނުން ކަމަށްވާއިރު ސަރުކާރުން ޒުވާނުންގެ ދާއިރާއާއި ކުޅިވަރު ދާއިރާއަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ އެއް ސަބަބަކީ ދުޅަހެޔޮ އިގްތިސާދެއް ބިނާކުރުމަށް ހަކަތަހުރި ޖީލުތަކެއް ބިނާކުރުމެވެ. އެގޮތުން ވޭޕް، ޝީޝާ އަދި ސިނގިރޭޓު ބުއިން ފަދަ އާދަތަކުން ޒުވާނުން ދުރުކުރުމަށް އެންމެ ފާހަގަކޮށްލެވޭ މަސައްކަތެއް ކޮސްފައިވަނީ މި ސަރުކާރުންނެވެ.
ވަޒީރު ރާފިއު ވިދާޅުވީ ރަނގަޅު ސިފަތަކެއް އަށަގަންނުވާ، މުޖުތަމައަށް ފައިދާހުރި ބައެއް ގޮތުގައި ބޮޑުވެގެންދާއިރު، ޒުވާނުންނާއި ކުޅިވަރާއި އޮތް ގުޅުން ވަރަށް ބޮޑުކަމަށެވެ.
މައިގަނޑު ބޭނުމަކީ އަހުލާގު ރަނގަޅު ބައެއްގެ ގޮތުގައި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ވީދި ހަލާކުވެފައި އޮތް އިޖުތިމާއީ ފޭރާން ބަދަލުކޮށް އެކަކު އަނެކަކަށް އިހުތިރާމުކުރާ، ބަވަނަވެފައިވާ ދުނިޔޭގައިކަން ހިނގާމަގު ސާފު، އިންސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ނަފްސާނީ ގޮތުން ހޭލުންތެރި ޒުވާން އާބާދީއެއް އޮތުމަކީ ނުހަނު މުހިއްމު ކަމެއްކަމަށް ދެކިގެންނެވެ.
ޒުވާނުންނަކީ އަމިއްލަ މަސައްކަތުން ކުރިއަރާދާނެ ހިތްވަރު ހުރި ބަޔަކަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތައްޔާރުކޮށްދިނުމުގައި ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތަކުގެ ތެރެއިން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނީ މި ވުޒާރާއިންނެވެ.
ޤައުމީ އުފެއްދުންތެރިކާއި ފުދުންތެރި ގައުމަކަށް ރާއްޖެ ހަދާ ބައިނަލްއަގްވާމީ މައިދާނުގައި ނަމޫނާ ޒުވާނުން ފެނިގެންދާފަދަ ވަރުގަދަ ގައުމެއްގެ ގޮތުގައި ރާއްޖެ ކުރިޔަށް ގެންދެވުމަށް ކުޅިވަރާއި ހަށިހެޔޮކަމަށް އިސްކަން ދިނުމަކީ މުހިންމު ކަމެކެވެ.
ޒުވާނުންގެ މެދުގައި ކަންނެތްކަން ނައްތާލާ، ބުންވަރު ރަނގަޅު، މަސައްކަތުގެ މާހައުލަށް ބޭނުންތެރި، އަދި ގާބިލު ޖީލެއް ބިނާކުރުމުގައި ޒުވާނުން ނުބައި މަގުތަކުން ގޮސް، މުޖުތަމުން އެކަހެރިވެގެން ދިއުން ހުއްޓުވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ.
ކުށުގެ ވެއްޓާއި ޒުވާނުން ދުރުކޮށް މުސްތަގުބަލަށް ވިސްނާ ފަހުރުވެރި އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތުގެ މައިދާނުގައި ސާބިތުވެ ތިބޭ އަބުރުވެރި ރައްޔިތަކު ދިރިއުޅޭ ގައުމަކަށް ރާއްޖެ ބަދަލުކޮށްލުމުގެ އަމާޒުގައި ގިނަ ކަންތައްތަކެއް މި ވުޒާރާއިން ވިލަރެސް ކުރާނެއެވެ.
ކަމެއް ނެތި ފޫހިވެފައި ތިބުމުގެ ބަދަލުގައި މުޖުތަމައަށް ފައިދާހުރި ކަމެއް ކުރުމުގައި ދެމިތިބުމާއި، އިގްތިސާދީ ގޮތުން މަންފާލިބޭ ކަންކަން ފަސޭހަ ކަމާއެކު ކުރުމަށް މަގުފަހިކޮށްދީ ޒުވާން ހަކަތައަށް އިތުރު ބާރެއް، އުންމީދެއް ޖޯޝެއް ވުޒާރާއިން ގެނެސްދޭނެއެވެ.
ކަންކަން ނިންމާ ބަސް ބުނުމުގެ ބާރު ޒުވާނުންނަށް އެންމެ ބޮޑަށް ފަހިކޮށްދިން ސަރުކާރަކަށް މި ސަރުކާރުވާއިރު، ޒުވާނުންނާއި ކުޅިވަރާއި ގުޅޭ ވުޒާރާގެ މަސައްކަތްތައް ވިލަރެސްކުރާނީ މި ދެ ދާއިރާއިން މީގެ ކުރިން ސަމާލުކަން ނުދީ ދޫކޮށްލެވިފައިހުރި އެންމެހާ ކަންބޮޑުތަކަށް ހައްލު ހޯދައިދިނުމުގެ މަގްސަދުގައެވެ.
ދިރިއުޅުމުގައި ދިމާވާ ހުރަސްތައް ގިރާކޮށް މުޖުތަމައުގެ ފާޑުކިޔުންތަކާއި ކުރިމަތިލާ ކެރޭ ހީވާގި ޒުވާނުން އުފައްދާ، ގަނާކުރުމާއި، ގަދަރުކުޑަކޮށް އިޖުތިމާއީ މިންގަޑުން ބޭރުވެ ހުތު ބަސްތަކަކުން މުއާމަލާތް ކުރުން ފަދަ ކަންކަމުން ޒުވާނުން ދުރުހެލި ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
މިނިސްޓްރީއަށް އިތުރުވި މެންޑޭޓު ގެތެރޭގައި ޒުވާނުންގެ ތަރައްގީގެ ގައުމީ ސިޔާސަތު ކަނޑައަޅާ ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން އެ ސިޔާސަތުތައް ތަންފީޒުކުރުން ހިމެނެއެވެ.
އުފެއްދުންތެރި އަދި ފުދުންތެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ޒުވާނުންނަށް ބާރު އަޅާ ޒުވާނުންނަށް އިގްތިސާދީ ގޮތުން ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅީގެން އިތުރަށް މަސައްކަތްކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ޒުވާނުންނަށް ކުރިމަތިވާ ތަފާތު މައްސަލަތަކުގައި ކައުންސިލިންގެ ހިދުމަތް ދިނުމާއި އެކިއެކި ގޮތްގޮތުން ޒުވާނުންނަށް ބޭނުންވާ ކަންކަމުގައި ދެވެން އޮތް ފުރުސަތުތައް އިތުރަށް ފުޅާކުރުން ހިމެނެއެވެ.
އަދި މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކާއި ގައުމުގެ އިގްތިސާދީ ދާއިރާތަކުގައި ހުރި މަސައްކަތްތެރިކަމާއި ވަޒީފާގެ ފުރުސަތުތަކަށް ޒުވާނުން ހޭލުންތެރިކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްތައް ކުރުން ހިމެނެއެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވާ އިންތިޒާމުކުރުން އިތުރުކުރުމާއި އެފަދަ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކަށް އެހީތެރިކަން ދިނުން ހިމެނެއެވެ.
އަދި މުޖުތަމައުގައި ހިންގާ އެކި ކަންކަމުގައި ޒުވާނުނަށް ގައުމީ ފެންވަރުގައި ބައިވެރިވެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން ހިމެނެއެވެ. މީގެ އިތުރުން ޒުވާނުންނަށް އަމާޒުކޮށްގެން ޒުވާނުންގެ ފަރާތުން އެޑްވޮކެސީއާއި މައުލޫމާތު ދިނުމުގެ ފޯރަމްތަކާއި ބައްދަލުވުންތައް އިންތިޒާމުކުރުންވެސް ހިމެނެއެވެ.