ނޫސްމަޖައްލާތަކުން ހުށަހަޅާ އަހަރީ ރިޕޯޓަކީ ބޭރުގެ އެހީ ދޭ ފަރާތްތައްކަށްވެސް މުހިއްމު މަޢުލޫމާތުތަކެއްކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖޭގައި ހިންގާ ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމުގެ އައު ޤަވާއިދެއް އެކުލަވާލާފައެވެ. މި ޤަވާއިދުގައި އެ އަހަރެއްގައި ނޫސްމަޖައްލާ ހިންގި ގޮތުގެ އަހަރީ ރިޕޯޓެއް ހުށަހަޅަން ޖެހޭނެއެވެ. މި ރިޕޯޓް ހުށަނާޅާ މީޑިއާތައް ޖޫރިމަނާ ކުރެވޭނެކަމަށް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއެމްބީސީގެ ޑިރެކްޓަރ ބްރޯޑްކާސްޓް ރެގިއުލޭޝަން އިބްރާހިމް އަޝްރަފް ވިދާޅުވީ ނޫސްމަޖައްލާ ތަކުން ހުށަހަޅާ ރިޕޯޓްތަކުގައި އެކި ދާއިރާތަކުން ޕަބްލިޝްކޮށްފައިވާ ލިޔުންތަކުގެ އަދަދުތައް އެނގެން ހުންނާނެކަމަށެވެ. އަދި މިފަދަ މަޢުލޫމާތުތައް ލިބެން ފެށުމާއެކު 2 އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި މީޑިއާ ސްކޭޕް އޮތް މިންވަރު އެނގިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ އަހަރީ ރިޕޯޓުން ފާހަގަވާ ކަންކަމުގެ އަލީގައި އެކި ދާއިރާތަކަށް ޚާއްސަ ނޫސްވެރިން ތަމްރީންކުރުމަށް މަސައްކަތް ކުރެވޭނެކަމަށެވެ. އަދި ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް އަހަރީ ރިޕޯޓަކީ މުހިއްމު އެއްޗެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"އަހަރީ ރިޕޯޓް ހުށަހެޅުމުން އެހީދޭއިރު ނޫހަކުން ކޮށްފައިވާ މަސައްކަތް އެނގެން އޮންނާނެ. ރިޕޯޓަށް އެކަނި ނުބަލާނެ. ޕަބްލިޝްކުރާ ލިޔުންތަކަށްވެސް ބަލާނެ." އެމްއެމްބީސީގެ ޑިރެކްޓަރ ބްރޯޑްކާސްޓް ރެގިއުލޭޝަން އިބްރާހިމް އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ ކުދިކުދި ނޫސްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނީ ހާލަތު ދެނެގަނެވިގެންކަމަށާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭއިރުވެސް އެއީ މުހިއްމު މަޢުލޫމާތުތަކެއްކަމަށެވެ. ޚާއްސަކޮށް ބޭރުގެ ފަންޑު ދޭއިރުވެސް އަހަރީ ރިޕޯޓްތައް މުހިއްމުކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ހިންގާ ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމުގެ އައު ޤަވާއިދުގައި ނޫސް މަޖައްލާ 4 ގިންތިއަކަށް ވަނީ ބަހާލާފައެވެ. އެއީ ނޫސްތައް، މަޖައްލާ، ނިއުސް ލެޓަރ އަދި ޖާނަލްއެވެ. މި 4 ބާވަތް ހިންގިދާނެ އެކި ވަސީލަތްތައް ނުވަތަ މަންސަތައްވެސް ޤާނޫނުގައި ވަނީ ހިމަނާފައެވެ. މި ޤަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކުރަން ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި ޖަވާބު ދޭންޖެހެއެވެ. ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު އެޑިޓަރަކާއި މަސްއޫލުވެރި ފަރާތެއް ހުންނަންޖެހެއެވެ. މި ޤަވާއިދުގައި އެފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައްވެސް ވަނީ ހިމަނާފައެވެ.
މިޤަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކޮށްދޭ މުއްދަތަކީ 5 އަހަރު ދުވަހެވެ. އޭގެ ފަހުން ރަޖިސްޓްރީ އައު ކުރުމަށް ހުށަހަޅަން ޖެހެއެވެ. އަދި ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އައު ކުރުމަށް ހުށަހެޅުމަށް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ނޫސްމަޖައްލާ ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ބާތިލްވާނެކަމަށް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މައިގަނޑު ގޮތެއްގައި މީގެ ކުރިންވެސް ރާއްޖޭގެ ނޫސްމަޖައްލާތައް ރަޖިސްޓްރީ ކޮށްދެމުން އައި އުސޫލުގެ ތެރެއިން ރަޖިސްޓްރީ ކޮށްދިނުމަށް ޤަވާއިދުގައި ހިމަނާފައިވާއިރު، އަލަށް އެކުލަވާލި ޤަވާއިދުގައި ނޫސްމަޖައްލާ ކިޔާ ފަރާތްތަކުން ފީއެއް ނެގޭނެ އުސޫލު ވަނީ ބަޔާންކޮށްފައެވެ. މިޤަވާއިދުގެ ތެރެއިން އެއްވެސް ނޫސްމަޖައްލާއަކަށް ފީއެއް ނެގޭނީ މީޑިއާ ކޮމިޝަނަށް އެފީއެއް ހުށަހަޅައި ކޮމިޝަނުން އެ ފީ ފާސްވެ އެކަމަށް ހުއްދަ ލިބިގެންނެވެ. މި ޤަވާއިދާއެކު ކުރިން ރަޖިސްޓްރީކުރެވިގެން ހިންގަމުންދާ އެންމެހައި ނޫސް މަޖައްލާތައް މީޑިއާ ކޮމިޝަނުގެ ދަފްތަރުގައި އަދާހަމަކުރުމަށް 6 މަސް ދުވަހުގެ މުހުލަތެއް އެމްއެމްބީސީންވަނީ ދެއްވާފައެވެ.