ޚަބަރު

ވޯލްޑްކަޕް: އާޖެންޓީނާ ކޭމްޕް ކުރާނީ ކެންސަސް ސިޓީގެ ޓްރެއިނިންގ ސެންޓަރ ގައި


ކުރިއަށް އޮތް ވޯލްޑްކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ކޭމްޕް ކުރާނީ މޭޖަރ ލީގުގެ ކްލަބް ކެންސަސް ސިޓީގެ ޓްރެއިނިންގ ސެންޓަރުގައި ކަމަށް އާޖެންޓީނާ އިން ބުނެފި އެވެ.

އަންނަ ޖޫން މަހު އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯ ގުޅިގެއް ބާއްވާ ވޯލްޑްކަޕްގައި އާޖެންޓީނާ ކޭމްޕް ކުރާ ކެންސަސް ސިޓީގެ ޓްރެއިނިންގ ސެންޓަރަކީ 2018 ވަނަ އަހަރު 75 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.

ކެންސަސްގެ އަގުބޮޑު މި ފެސިލިޓީގައި ބޮޑު ސައިޒުގެ ފުޓްބޯޅަ ފަސް ދަނޑާއި ސްޕޯޓްސް ޕަރފޯމަންސް ލެބެއްގެ އިތުރުން އެންމެ ޒަމާނީ ޖިމަކާއި ކޯޗުންގެ ވަކި އޭރިޔާއެއް ވަނީ ހިމަނާފަ އެވެ.

ވޯލްޑްކަޕްގައި އާޖެންޓީނާ އިން ކުޅޭ ފުރަތަމަ މެޗަކީ ޖޫން މަހުގެ 16 ވަނަ ދުވަހު ކެންސަސް ސިޓީ ސްޓޭޑިއަމްގައި އަލްޖީރިއާ އާއި ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ޑަލާސް ސްޓޭޑިއަމްގައި އޮސްޓްރިއާ އާއި ދެކޮޅަށް ކުޅުމަށްފަހު ގްރޫޕްގެ ފަހު މެޗުގައި ޖޫން މަހުގެ 27 ވަނަ ދުވަހު ނިކުންނާނީ ޖޯޑަން އާއި ދެކޮޅަށެވެ.

ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް 48 ގައުމު ވާދަކުރާ ގޮތަށް ފީފާ އިން ގެނައި ބަދަލާއިއެކު މި ފަހަރުގެ މުބާރާތުގައި ޖުމްލަ 104 މެޗު ކުޅޭނެ އެވެ. ވޯލްޑްކަޕްގެ ދިގު ތާރީޚުގައި މިހާ ގިނަ އަދަދަކަށް މެޗުތައް ކުޅޭނެ ފުރަތަމަ ފަހަރެވެ.