ޚަބަރު

"ދިވެހި އިންވެސްޓަރުންނަށް ލަންކާގައި ފުރުސަތުތައް އެބަހުރި"


  • ބިޒްނަސް ފޯރަމުގައި ގިނަ ވިޔަފާރިތައް ބައިވެރިވުމުން ހަރުދަނާ ގުޅުން ދައްކުވައިދޭ

  • މިދިޔަ އަހަރު ރާއްޖެއާއި ލަންކާއާ ދެމެދު 137 މިިލިޔަން ޑޮލަރުގެ ވިޔަފާރި ކުރި

ލަންކާއާއި ރާއްޖޭގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް، ދިވެހި ވިޔަފާރިތަކަށް ލަންކާގައި އިންވެސްޓްމެންޓް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް-ލަންކާ ބިޒްނަސް ފޯރަމުގައި ވާހަކަ ދައްކަވަމުން ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާ ވަނީ، މި ފޯރަމް ބާއްވައިދިން ކަމަށްޓަކައި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، ފޯރަމުގައި ރާއްޖެއާއި ލަންކާގެ ގިނަ އަދަދެއްގެ ވިޔަފާރިތައް ބައިވެރިވުމުން ދައްކުވައިދެނީ، އެކުވެރިކަމާއި ބަދަހި އިޤްތިޞާދީ ގުޅުން ކަމަށެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ވިދާޅުވީ، ރާއްޖެއާޢި ލަންކާގެ ގުޅުން އަބަދުވެސް ބިނާވެފައި އޮތީ ސަޤާފަތާއި، އިންޑިއާ ކަނޑުގެ ތެރެއިން ކަމަށެވެ. އެގޮތުން އިޤްތިޞާދީ ވިލުންތެރިކަމާއި، މޫސުމީ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއަކީ ދެޤައުމުގެވެސް ކަންބޮޑުވުންތައް ކަމަށް ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި ގިނަ ގޮންޖެހުންތަކެއް ގިރާކުރުމަށްފަހު ލަންކާއިން އެޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ވަރުގަދަ އިޤްތިޞާދެއް ބިނާކުރުމަށާއި، ހަރުދަނާ މިސްރާބެއް އޮވެ އެޤައުމުގެ ކަންކަން ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރަމުންދާކަން ބޮޑުވަޒީރު ޑރ.ހަރީނީ އަމަރަސޫރިޔާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި، އެ ޤައުމުގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތައް ފާހަގަކޮށްދެއްވިއެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއަކީ، ދެ ޤައުމަށްވެސް އެންމެ މުހިންމު އެއް ދާއިރާ ކަމަށްވާއިރު، މި ސިނާޢަތުގެ ކުރިއެރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެ ޤައުމުން ނޫއިޤްތިޞާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މެރިކަލްޗަރއާއި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވިދާނެ ކަމަށް ވިދާޅުވިއެވެ.

ނިމިދިޔަ އަހަރު ރާއްޖެއާއި ލަންކާއާ ދެމެދު 137 މިިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެވުނުއިރު، މިކަމުން ދައްކުވައިދެނީ ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމުގެ ފުރުސަތު އޮތް ކަންކަމަށް ލަންކާގެ ބޮޑުވަޒީރު ވިދާޅުވިއެވެ. މީގެ ތެރޭގައި ކާބޯތަކެތިއާއި މަސްވެރިކަމުގެ ދައިރާގެ އިތުރުން އިޔާދަ ކުރަނިވި ހަކަތައިގެ ދާއިރާ އެކަމަނާ ފާހަގަކުރެއްވިއެވެ.

ސްރީލަންކާގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން ރާއްޖޭގައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ލަންކާގެ ބޮޑުވަޒީރު ވިދާޅުވީ، ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް މިހާރު ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެޤައުމުގެ ތަޖުރިބާ ހިއްސާ ކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ. މީގެ އިތުރުން ސްރީލަންކާގައި ދިވެހި ވިޔަފާރިތަކަށް އިންވެސްޓް ކުރުމަށް ފަހި ފުރުސަތުތަކެއް އޮތްކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލުން ލަންކާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއާއި ގުޅިގެން ކުރެއްވި ވިޔަފާރީގެ ގުޅުންތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ގޮވާލަން، އަޅުގަމެންގެ ދިވެހި އެކުވެރީންނަށް، ތިބޭފުޅުންގެ މަސައްކަތް ފުޅާކުރުމަށް ލަންކާ ޚިޔާރު ކުރުމަށް. މިއީ ވަރަށް ގާތް ދެ ޤައުމު. އަޅުގަނޑަށް ޤަބޫލުކުރެވެނީ ވަރަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް" ސްރީލަންކާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ލަންކާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ތޫފާން ދިތުވާގައި އެޤައުމަށް ލިބުނު ގެއްލުންތަކަށް އެހީވުމަށް ދިވެހި ސަރުކާރާއި، ރައްޔިތުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި އެހީތެރިކަމުން ދައްކުވައި ދެނީ، ދެ ޤައުމު ދެމެދު އާންމު ސިޔާސީ ގުޅުމަށްވުރެ ފުޅާ ބަދަހި ގުޅުމެއް އޮތްކަން ކަމަށްވެސް ސްރީލަންކާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.