ޚަބަރު

ހަފުތާ ބަންދުގައިވެސް އެކި ހިސާބުތަކަށް މޫސުން ގޯސް!


  • ހުކުރު ދުވަހަށްވުރެ ބޮޑަށް ހޮނިހިރު ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ

  • ހޮނިހިރުން ފެށިގެން އެކި ސަރަހައްދުތަކަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ

ކުރިއަށްއޮތް ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މުސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުކުރު އަދި ހޮނިހިރު، އެ ދެދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޮސްވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންނަމަވެސް ބޯކޮށް ވާރޭވެހުން އެކަށީގެންނުވާކަމަށް ވިދާޅުވިއެވެ.

ހުކުރު ދުވަހަށްވުރެ ބޮޑަށް ހޮނިހިރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވިއެވެ. އަދި އާދައިގެ ވަރަކަށް ކަނޑު ގަދަވާނެކަމަށްވެސް ވިދާޅުވިއެވެ.

އެއިދާރާއިން ވިދާޅުވީ، ހޮނިހިރުން ފެށިގެން އެކި ސަރަޙައްދުތަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ކުރިއަށްއޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮސް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އެހެން ހިސާބުތަކަސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށްވެސް ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިނުގައި 6-4 ފޫޓު ހުންނާނެކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 3-5 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ރައްކާތެރިވެތިބުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.