ޚަބަރު

ބޮޑުތަކުރުފާނު މަގު: އަންނަ މަހު ތާރުއަޅަން ތައްޔާރުވަނީ


  • ސެގްމެންޓު 5ގައި ތާރު އެޅުމަށް މިހާރު އޮތީ ތައްޔާރުވެފައި

  • ތާރު އަޅާނީ ހުރިހާ ސެގްމަންޓެއް އެކީގައި

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ޖޫންމަހު ތާރުއެޅުމަށް ތައްޔާރުވަމުން އަންނަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

މަގު ތަރައްޤީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން ސެގްމެންޓް 5 ގެ ބޮޑު ބައެއްގެ މަސައްކަތް ނިންމާ، ތާރު އެޅުމަށް މިހާރު ތައްޔާރުކޮށްފައިވާކަމަށެވެ. އެއީ، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެފްއެސްއެމް ބިލްޑިންއާ ހަމައަށެވެ.

ޝަރްވަސް ވިދާޅުވީ، ސެގްމެންޓް 2 ،3 އަދި 4ގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށެވެ. އެގޮތުން، ވޯލްގެ މަސައްކަތާއި، ފެނާއި ނަރުދަމާ ހޮޅި ވަޅުލުމާއި، ޝީޓްޕައިލްކުރުމުގެ މަސައްކަތްތަކުގެ އިތުރުން، ޕޭވްމަންޓް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރުވަސް ވިދާޅުވީ، ޖޫންގެ ނިޔަލަށް ހުރިހާ ސެގްމެންޓެއްގެ މަސައްކަތް ނިންމާ ތާރު އެޅުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި މުޅި މަޝްރޫޢުގެ މަސައްކަތް ޖުލައިއަށް ނިންމާލުމަކީ އަމާޒެއްކަމަށް ވިދާޅުވިއެވެ.

"މިހާރު ކުރިއަށް މި ގެންދަނީ ސެގްމަންޓު 2،3އަދި 4ގައި ކުރަންޖެހޭ މަސައްކަތްތައް. އޭގެތެރޭގައި ޝީޓްޕައިލްކުރުމާއި، މަގުގައި ކުރަންޖެހޭ ކެޗްޕިޓްތައް ވަޅުލުމުގެ މަސައްކަތްތަކާއި، ކޭބަލް ޖަންކްޝަންތަކާއި، އިތުރަށް ޕޭވްމަންޓު ހެދުމުގެ މަސައްކަތްތަކާއި، އަދި ފެންހިންދާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްތައްވެސް އެބަ ކުރިއަށްދޭ. ލަފާމިކުރަނީ ހުރިހާ ސެގްމެންޓެއްގެ މަސައްކަތްތަކެއް ތާރުއަޅަން ތައްޔާރުކުރެވޭނެކަމަށް ޖޫންމަހުގެ ނިޔަލަށް." ޝަރްވަސް ވިދާޅުވިއެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެެރެއިން މިހާރު މަސައްކަތް ކުރަމުންދަނީ ފޭސް 1ގެ ސެގްމަންޓް 2 އިން 5އާއި ހަމައަށް އޮންނަ ސަރަޙައްދެވެ. އެއީ، އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަޙައްދެވެ.