ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރާ 76 ބިމަށް، ބިޑްކުރުމުގެ ފުރުޞަތު ފަސްކޮށްފައިވާ ކަމަށް އެޗް.ޑީ.ސީން ބުނެފިއެވެ.
ބިޑް އުޞޫލުން އެންމެ މަތީ އަގެއް ދައްކާ ފަރާތްތަކަށް ބިންތައް ދޫކުރާ ގޮތަށް ނިންމައި، އެޗް.ޑީ.ސީން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18ގައި ބިޑްތައް ބަލައިގަންނަން ފަށާނެ ކަމަށް ބުނެފައެވެ. ނަމަވެސް ބިޑް ކުރުން ފަސްކޮށްފައިވަނީ ބިންތައް ދޫކުރުމާ ގުޅޭގޮތުން ބޭއްވި މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކަށްފަހު، ޢާންމުންގެ ފަރާތުން ލިބުނު ޚިޔާލުތަކަށް ބެލުމަށްފަހު ކަމަށް އެޗް.ޑީ.ސީ ފައިނޭންސް އެގްޒެކްޓިވް ޢަލީ ޝަރީފް ވިދާޅުވިއެވެ.
ޕީ.އެސް.އެމަށް މަޢުލޫމާތު ދެއްވަމުން ޢަލީ ޝަރީފް ވިދާޅުވީ، ޢާންމުންގެ ފަރާތުން ލިބުނު ޚިޔާލުތަކަށް ބެލުމަށްފަހު ބިޑް ކުރުމުގެ އުޞޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށާއި، ބިޑް ކުރާއިރު ހިމަނަންޖެހޭ މަޢުލޫމާތުގެ ބައިވެސް ކުރިއަށްވުރެ ފުރިހަމަވާނެ ގޮތަށް އުޞޫލަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށެވެ. ބިޑްތައް ހުށައަޅާނެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވާ ކަމަށާއި، ބިންތައް ދޫކުރުމާގުޅޭ ޓައިމްލައިނެއް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށް ޢަލީ ޝަރީފް ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފުރަތަމަ ދުކުރާ 76 ބިމަކީ 1،000 އަކަފޫޓާއި، 1،800 އަކަފޫޓާއި ދެމެދުގެ ގޯތިތަކެކެވެ. މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 3،000 ރުފިޔާގެ ރޭޓުންނެވެ. ބިޑް އުޞޫލުން އެންމެ މަތީ އަގެއް ދައްކާ 76 ފަރާތަށް ބިންތައް ދޫކުރުމަށް އެޗް.ޑީ.ސީން ވަނީ ނިންމާފައެވެ.