ޚަބަރު

މިނާގެ ތައްޔާރީ: މިއަހަރުވެސް ދިވެހިން ތިބޭނީ މިދިޔަ އަހަރު ތިބި ސަރަޙައްދުގައި


  • މިހާރު ކުރަމުންދަނީ ޓެންޓުތަކުގެ ފަހުގެ މަސައްކަތް

  • ފާޚާނާގެ އަދަދު 4ގުނަ ވަނީ އިތުރުކޮށްފައި

  • ކެއްކުމުގެ އިންތިޒާމްތައްވެސް މިއަހަރު ރަނގަޅުވާނެ

މިއަހަރުގެ ޙައްޖުގައި ދިވެހި ޙައްޖުވެރިން މިނާގައި ތިބޭނީ މިދިޔަ އަހަރުވެސް ތިބި ސަރަޙައްދުގައިއެވެ. މިނާގެ އެންމެހާ އިންތިޒާމްތައްވެސް ކުރިއަށްގެންދަނީ މައްކާ އެޖެންޓް ރަވާފް މިނާގެ އެހީތެރިކަމާއެކުގައެވެ.

މިނާގެ ފަހުގެ އިންތިޒާމްތައް ކުރިއަށްދާގޮތާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ޙައްޖު މިޝަންއިން ވަނީ ރަވާފް މިނާއާއާ ބައްދަލުކުރައްވާ އަދި އެ ސަރަޙައްދުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް ބައްލަވާލައްވާފައެވެ.

މިނާއަކީ އަރަފާތު ދުވަސް ފިޔަވާ، މަޝާއިރުތަކުގައި ދެން ހޭދަކުރާ 4 ދުވަހުވެސް ޙައްޖުވެރިން ހޭދަކުރާ ބިމެވެ.

މިނާގެ ތައްޔާރީތަކުގެ ތެރެއިން މިހާރު ކުރަމުންދަނީ އެންމެ ފަހުގެ މަސައްކަތްތަކެވެ. ޓެންޓުތަކާއި އެހެނިހެން ޚިދުމަތްތައްދޭ ފެސިލިޓީތަކުގެވެސް އިމާރާތާގުޅޭ މަސައްކަތްތައް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްގެންދަނީ ބޭނުންވާ އެހެނިހެން ވަސީލަތްތައް ޓެންޓަށް ގެންގޮސް، އެ އިންތިޒާމްތަކެވެ.

މިއަހަރު އެންމެ ބޮޑު ބަދަލެއް ގެންނަނީ ފާޚާނާތަކާއި ކެއިންބުއިމުގެ އިންތިޒާމްތައް ހަމަޖެއްސުމަށެވެ.

އެގޮތުން ކުރިން މިނާގައި ދިވެހިން ބޭނުންކުރަމުންދިޔައީ ވިއްސަކަށް ފާޚާނާއެވެ. ނަމަވެސް މުޅިން އައު ފާޚާނާ އިމާރާތެއް ހަދާ، މިއަހަރު އެ އަދަދު ފަސްދޮޅަހަށްވުރެ ވަނީ އިތުރުކޮށްފައެވެ. ފަސޭހައިން ބޭނުންކުރެވޭގޮތަށް، އަންހެނުންނާ ފިރިހެނުންގެ ފާޚާނާ ބަރި ހުންނާނީ ވަކިންނެވެ.

ކެއިންބުއިމުގެ ޚިދުމަތުގެ އިންތިޒާމްތަކުގެ ތެރެއިން، މިއަހަރު މިނާގައި ކެއްކުމުގެ އިންތިޒާމް ކުރިއަށްވުރެ ރަނގަޅަށް ހަމަޖެއްސުމަށް، ބަދިގެ ބޮޑުކޮށް، އިރުތު ފެސިލިޓީތައްވެސް ވަނީ އިތުރުކޮށްފައެވެ. އެ މަސައްކަތްވެސް ނިމި، މިހާރު ކުރަމުންދަނީ ކެއްކުމަށް ބޭނުންވާ ބާވަތްތައް ޓެންޓަށް ގެނައުމާ ގުޅޭ މަސައްކަތްތަކެވެ.

ދިވެހިން މިނާގައި ތިބޭ ސަރަޙައްދަކީ މައި އެއް ބޮޑު މަގަށް ހަދާފައިވާ ޓެންޓު ސަރަޙައްދެކެވެ. އެއާއިއެކު ދަތުރުފަތުރަށްވެސް އޭގެ ފަސޭހަ ލިބިގެންދާނެއެވެ. މިއީ ޖަމުރާއަށް ހިލައުކުމަށް ދިއުމަށްވެސް ފަސޭހަ ސަރަޙައްދެކެވެ.

މިނާގައި ދިވެހިން ތިބޭ ޓެންޓުން ނިކުމުގެ ވަކި ހިސާބަކުން، ޖަމުރާއަށް ދާ މަގުން ހިޔާވެސް ލިބޭނެއެވެ.