ޚަބަރު

ސިފައިންގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް ހުޅުވައިފި


  • މި މަރުކަޒު ޤާއިމުކޮށްފައިވަނީ ކިހާދޫގައި

  • ސިފައިންގެ ފަންނީ ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާނެ

އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.

މި ސްކޫލް ހުޅުއްވައިދެއްވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ.

ދިފާޢީ އަދި ވަޠަނީ ޚިދުމަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ މި ސްކޫލަކީ ދިވެހި ސިފައިންގެ ފަންނީ ހުނަރާއި ޢިލްމީ ޤާބިލުކަން ކުރިއެރުވުމަށް އެޅުނު މުހިންމު ތާރީޚީ ބިންގަލެއް ކަމަށެވެ. އަދި މިއީ ފަންނީ ހުނަރާއި ޤާބިލުކަން ލިބިފައިވާ ސިފައިން ތަމްރީނުކުރުމަށްޓަކައި ރާއްޖޭގައި ޤާއިމުކުރެވުނު މިފަދަ ފުރަތަމަ ތަމްރީނު ސްކޫލު ކަމަށެވެ.

ވަޠަނީ ޚިދުމަތާއި ބެހޭ ވުޒާރާއިން ފާހަގަކުރެއްވިގޮތުގައި މި ސްކޫލުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު ފެއްޓެވި ޤައުމީ މަޝްރޫޢު ކަމުގައިވާ "ދިވެހި ވަޠަނީ ޚިދުމަތް"ގެ ފަންނީ ތަމްރީނުތައް ކުރިއަށް ގެންދިއުމެވެ. އަދި މިހާރުވެސް ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 65 ދަރިވަރުން މި ސްކޫލުގައި ތަމްރީނު ފުރިހަމަކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި 16 އަހަރާއި 19 އަހަރާ ދެމެދުގެ 49 ފިރިހެން ކުދިންނާއި 16 އަންހެން ކުދިން ހިމެނޭ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މި ސްކޫލުގައި އުނގަންނައިދޭ ދާއިރާތަކުގެ ތެރޭގައި އޮޓޯމޮބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިންގ، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން، ވެލްޑިންގ އަދި އޮފީސް މެނޭޖްމަންޓް ހިމެނޭ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ލެވެލް 3 ގެ ފެންވަރަށް ކުރިއަށްގެންދާ މި ހަތަރު މަސްދުވަހުގެ ތަމްރީނުތަކަކީ ދަރިވަރުން ވަޒީފާގެ ބާޒާރަށް ތައްޔާރުކޮށްދޭނެ ތަމްރީނުތަކެއް ކަމަަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.


ވަޠަނީ ޚިދުމަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ފަންނީ ހުނަރުގެ އިތުރުން، މި މަރުކަޒުގައި ދަރިވަރުންގެ އަޚްލާޤާއި، ވަގުތަށް ބޯލެނބުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަސައްކަތްތަކަކީ ޒިންމާދާރު، އަދި ޤައުމީ ޚިދުމަތަށް ލޯބިކުރާ ހަރުދަނާ ޝަޚްޞިއްޔަތެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައިވެސް އެ ވުޒާރާއިން ސިފަކުރައްވައެވެ.

ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމީ ޖަލްސާގެ ތެރެއިން ރާއްޖޭގެ އަސްކަރީ ތާރީޙު ދައްކުވައިދޭ ރިޕޯޓަކާއި ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައެވެ. މީގެ އިތުރުން، ގިނަ ދުވަހު ޚިދުމަތްކުރެއްވި ސިފައިންގެ އަގު ވަޒަންކުރުމަށް ޚާއްސަ މެޑަލިވެސް މިޖަލްސާގައި ވަނީ ދެއްވާފައެވެ.